ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާއިރު، އެކަމުގައި ސުވާލު އުފެދޭ އެތައް ކަމެއް އެބަހުރި ކަމަށް އޭނާގެ ދަރިފުޅު މޫސާ ޔަމީން ޝާހިދު ވިދާޅުވެއްޖެއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ހުޅުމާލޭގައި އޭނާ ދިރިއުޅުއްވާ ގެއިންނެވެ. މިހާރު އޭނާ ހުންނެވީ ދޫނިދޫގައެވެ.
ޝާހިދު ހައްޔަރުކުރުމުން، ދަރިކަލުން ޔަމީން އެކްސްގައި ރޭ ދަންވަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައްޕަ ހައްޔަރުކުރުމަކީ ލިބުނު ހިތްދަތިކަމެއް ކަމަށާއި ނަމަވެސް އެކަމުގައި ގިނަ ސުވާލުތަކެއް އުފެދޭ ކަމަށެވެ.
"މި ތުހުމަތުތަކަކީ ބައްޕަގެ އަބުރު ކަތިލުމަށް ސިޔާސީ މަގުސަދެއްގައި ހިންގާ ޖަރީމާއެއްކަމަށް ބައްޕަ ވަނީ ކުރިންވެސް ވިދާޅުވެފައި." ޔަމީން ވިދާޅުވިއެވެ.
ޔަމީން ވިދާޅުވީ، އޭނާއަށް ބައްޕަގެ އަހުލާގު އެނގިވަޑައިގަންނަވާ ކަމަށާއި އެފަދަ ކަމެއް ނުކުރައްވާނެކަން ޔަގީންވާ ކަމަށެވެ.
"އަޅުގަނޑުގެ ބައްޕައިގެ އަހުލާގާއި ބައްޕަަ ގަދަރުކުރާ އުސޫލުތަކާއި އަދި ބައްޕައަކީ ކޮންފަދަ ބޭފުޅެއްކަން އަޅުގަނޑަށް އެނގޭ. ބައްޕަގެ މައްޗަށް އެ ކުރެވޭ ތުހުމަތުތަކުގެ ކަންކަން ދުވަހަކުވެސް ނުކުރައްވާނެކަން އަޅުގަނޑަށް ޔަގީން. އަދި އަޅުގަނޑު މިހުރީ ބައްޕައާއެކު ފުރިހަމައަށް ސާބިތުވެ." ޔަމީން ވިދާޅުވިއެވެ.
ޔަމީން ވަނީ، އިންސާފުވެރިކަމާއި ގާނޫނީ އަދުލުގެ ހަމަތަކާއި އަދި ދިފާއުވުމަށް ބޭނުންވާ ފުރިހަމަ ފުރުސަތު ޝާހިދަށް ލިބިވަޑައިގަންނަވާން ޖެހޭނެ ކަމުގައި ވިދާޅުވެފައެވެ.
"އަޅުގަނޑުމެންގެ އާއިލާ އޮތީ ބައްޕައާއެކު ސާބިތުކަމާއެކުގައި. އަޅުގަނޑުމެން ފަހަކަށް ނުޖެހޭނަން" ޔަމީން ވިދާޅުވިއެވެ.
ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސްކަންވެސް ކުރެއްވި ޝާހިދު ހައްޔަރުކުރިއިރު، ޝާހިދު އަންނަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް ކެމްޕެއިންވެސް ކުރައްވަމުންނެވެ،
އަލީ ޔާމިން
އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު
ކޮމެންޓް