މިދިޔަ މަހުގެ 22 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 33.36 ބިލިއަން ރުފިޔާއަށް އަރައި، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 5.6 ޕަސަންޓުގެ ކުރިއެރުމެއް ހޯދައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާއްމުކުރާ މާލީ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 31.60 ބިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ރިޕޯޓުގައިވާ ގޮތުން އާމްދަނީ މައްޗަށް ދިއުމުގެ މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 9.8 ޕަސަންޓު އިތުރުވުމެވެ. އެގޮތުން މިދިޔަ އަހަރު ލިބުނު 23.44 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު މިއަހަރު ވަނީ ޓެކްސް އާމްދަނީގެ ގޮތުގައި 25.73 ބިލިއަން ރުފިޔާ ލިބިފައެވެ.

އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ މުދަލާއި ހިދުމަތުގެ ޓެކްސް ނުވަތަ ޓީޖީއެސްޓީގެ ގޮތުގައި 8.87 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 5.7 ޕަސަންޓުގެ ކުރިއެރުމެކެވެ. މީގެ އިތުރުން ގްރީން ޓެކްސްގެ އާމްދަނީ 2.6 ޕަސަންޓު އިތުރުވެ، 1.78 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ.

އާމްދަނީ ލިބުނު އެހެން ދާއިރާތަކަށް ބަލާއިރު، ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 21.8 ޕަސަންޓު އިތުރުވެ 5.97 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އާންމު މުދަލާއި ހިދުމަތުގެ ޓެކްސްގެ ގޮތުގައި 4.46 ބިލިއަން ރުފިޔާ ލިބުނުއިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.82 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ރިސޯޓު ކުއްޔާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އިތުރުވި ނަމަވެސް، ޖުމްލަގޮތެއްގައި ޓެކްސް ނޫން އާމްދަނީ ވަނީ 9.5 ޕަސަންޓު ދަށްވެފައެވެ.

އާމްދަނީ އިތުރުވި ނަމަވެސް ދައުލަތުގެ ޖުމްލަ ހަރަދު ވަނީ 17.0 ޕަސަންޓު މައްޗަށް ގޮސް، 37.21 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މީގެ ތެރޭގައި ހިންގުމުގެ ހަރަދަށް 32.00 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، ތަރައްގީގެ ކެޕިޓަލް މަޝްރޫއުތަކަށް 5.21 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ކައުންސިލްތަކަށް ދޫކުރި ގްރާންޓް 15.9 ޕަސަންޓު އިތުރުވެ، 2.08 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސްގެ ރިޕޯޓުގައިވެއެވެ. ބިން ހިއްކުމާއި ބިން ބެލެހެއްޓުމުގެ މަޝްރޫއުތަކަށް ކުރި ހަރަދު 89.7 ޕަސަންޓު އިތުރުވެފައިވާއިރު، އިމާރާތްތަކާއި ބިމަށް 1.69 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު މައްޗަށް ދިއުމުގެ ސަބަބުން ސަބްސިޑީ ހަރަދު 58.6 ޕަސަންޓު އިތުރުވެ، 4.31 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. މީގެ އިތުރުން އާސަންދައަށް 1.94 ބިލިއަން ރުފިޔާ އަދި މުސާރަ އާއި ޕެންޝަނަށް 12.05 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މި މުއްދަތުގެ ނިޔަލަށް ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 0.27 ބިލިއަން ރުފިޔާ ރެކޯޑުކުރެވިފައި ވީނަމަވެސް، ޖުމްލަ ފިސްކަލް ބެލެންސް ހުރީ 3.85 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ. ދައުލަތުގެ ހަރަދުތައް ބޮޑުތަނުން އިތުރުވުމަކީ ބަޖެޓުގެ ދަރަނި ފުޅާވުމަށް މެދުވެރިވި މައިގަނޑު ސަބަބެވެ.