ހޮރުމުޒް ކަނޑުއޮޅީގައި ތެޔޮ އުފުލާ ހަތަރު ޓޭންކަރެއްގައި އަލިފާން ރޯވެ ގޮވާފައިވާ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑް (އައިއާރުޖީސީ) ގެ ކަނޑުގެ ސިފައިން އިއްޔެބުނެފިއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ ދަ ސްޓްރެއިޓްސް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާތައް ހިނގާފައިވަނީ ހުއްދަ ނެތް މަގުތަކުން އެ އުޅަނދުތައް ދަތުރުކުރަން މަސައްކަތްކުރުމުގެ ތެރޭގައި ކަމަށް އައިއާރުޖީސީން ބުނެއެވެ.
އެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ، ސާފު ނުކުރާ ތެލުގެ ދެ މިލިއަނަށް ވުރެ ގިނަ ފީފާ ބަރުކޮށްގެން ދަތުރުކުރި ހަތަރުވަނަ ޓޭންކަރު މައިނެއްގައި ޖެހި ބާރުގަދަ ގޮވުމެއް ގޮވައި، އޭގައި އަލިފާން ރޯވެފައިވާ ކަމަށެވެ. އަދި މީގެ ކުރިން ނެރުނު ބަޔާނެއްގައި ވެސް، ދެ މިލިއަން ފީފާގެ ތެޔޮ އުފުލި އެހެން ޓޭންކަރެއް ކަނޑުމަތީގެ މައިނެއްގައި ޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން، އައިއާރުޖީސީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޮރުމުޒް ކަނޑުއޮޅީގެ ހުއްދަ ނެތް ދެކުނު މަގުން ދަތުރުކުރަން އުޅުނު ގަވާއިދާ ހިލާފު ތިން ޓޭންކަރެއް މައިންތަކެއްގައި ޖެހި ގޮވައި އަލިފާން ރޯވެފައިވާ ކަމަށެވެ. އެ އުޅަނދުތަކުން ދަތުރުކުރީ ހުރިހާ ރާޑަރުތަކާއި ނެވިގޭޝަން ނިޒާމުތައް ނިއްވާލައިގެން، ދެމުންދިޔަ އިންޒާރުތަކަށް ބެލުމެއް ނެތި ކަމަށް ވެސް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ.
ނަމަވެސް، އައިއާރުޖީސީން ހާމަކުރި މި މައުލޫމާތުތަކަކީ މިނިވަން ފަރާތަކުން ކަށަވަރުކޮށްދީފައި ނުވާ ތުހުމަތުތަކެކެވެ.
ޔޫރޯނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ޓޭންކަރުތަކަކީ ކޮން އުޅަނދުތަކެއް ކަމާއި، އެއީ ކޮން ގައުމެއްގެ ދިދަ ނަގައިގެން ދަތުރުކުރި އުޅަނދުތަކެއް ކަމެއް އައިއާރުޖީސީން ބުނެފައެއް ނުވެއެވެ. މި ހާދިސާތައް ހިނގަން މެދުވެރިވި ސީދާ ސަބަބާއި، އުޅަނދުތަކުގެ ފަޅުވެރިންގެ ހާލަތާ ގުޅޭ އެއްވެސް ތަފްސީލެއް ވެސް ރަސްމީކޮށް ކަށަވަރުވެފައެއް ނުވެއެވެ.
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ކޮމެންޓް