ތެލުގެ ސަބްސިޑީއަށް މިއަހަރުގެ ނިޔަލަށް 3.8 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ އިރު، އަންނަ އަހަރު އެ އަދަދު 3.2 ބިލިއަން ރުފިޔާއަށް ދަށްކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައި ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލިގެން ދިޔަ ކަމަށެވެ. އެއާއެކު ދައުލަތުގެ ހަރަދުތައް ބޮޑުތަނުން އުފުލިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލަކާ އެކު، ކަރަންޓު އުފެއްދުމާއި މުދާ އުފުލުމާއި އާންމު ދިރިއުޅުމުގެ އެންމެހައި ހަރަދުތަކަށް މިކަމުގެ އަސަރު ކުރޭ. މިގޮތުން ދުނިޔޭގެ އެހެން ގައުމުތަކުގައި ތެލާއި ކަރަންޓުގެ އަގު އުފުލުމުން، އެތައް ގައުމެއްގައި 24 ގަޑިއިރު ކަރަންޓު ފޯރުކޮށް ނުދެވި، ރައްޔިތުންނަށް ތަކުލީފުތައް ކުރިމަތިވަމުންދޭ،" މިނިސްޓަރު ވިދާޅުވިއެވެ

މިނިސްޓަރު ވިދާޅުވީ، ދިވެހި ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބުރޫއެރުމެއް ނެތި، ވިޔަފާރި ހަރަކާތްތައް ކުރިއަށް މިދަނީ ސަރުކާރުން ތެލުގެ އަގުތައް އުފުލުމުގެ އަސަރު ކުޑަކޮށްދީގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރައްޔިތުންނަށް ހެޔޮއަގުގައި ކަރަންޓު ފޯރުކޮށްދިނުމުގެ މަގުސަދުގައި ދެމުންދާ ފިއުލް ސަބްސިޑީގެ ހަރަދު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މި އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

"މިގޮތުން، ފިއުލް ސަބްސިޑީގެ ގޮތުގައި މި އަހަރުގެ ނިޔަލަށް 3.8 ބިލިއަން ރުފިޔާ ހަރަދު ވާނެކަމަށް ބެލެވޭ. އެހެންނަމަވެސް، މާލީ އިދާރާތަކުގެ ތެލުގެ ފޯކާސްޓްތަކަށް ބަލާއިރު، އަންނަ އަހަރު ތެލުގެ އަގު ދަށްވާނެ ކަމަށް އެ އިދާރާތަކުން އަންދާޒާ ކުރޭ. އެހެންކަމުން، 2027 ވަނަ އަހަރު ދައުލަތުން ފިއުލް ސަބްސިޑީއަށްކުރާ ހަރަދު 3.2 ބިލިއަނަށް ދަށްވާނެ ކަމަށް ބެލެވޭ." މިނިސްޓަރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް، ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.