ރާއްޖެއިން ތެޔޮ ފެނޭތޯ ބެލުމުގެ މަސައްކަތްކުރުމަށް އެ ގައުމުގެ ގައުމީ ތެޔޮ ކުންފުނި ޕެޓްރޮނާސްއާ މަޝްވަރާކުރައްވާނެ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ދެއްވި ޕްރެސް ސްޓޭޓްމަންޓުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ، ޕެޓްރޮނާސް އިން ދައްކަމުން އަންނަ ގާބިލުކަމަށް ބަލާއިރު، ރާއްޖެއަށް އައިސް އެ މަސައްކަތްކުރުން އެ ކުންފުންޏަށް އުނދަގޫ ނުވާނެ ކަމަށެވެ.
"ޕެޓްރޮނާސް އަންނަނީ ކެނެޑާ، ބްރެޒިލް، ޕެރޫ، ތުރުކުމެނިސްތާން، ސޫދާން އަދި ސޫރިނާމް ފަދަ ގައުމުތަކުގައި ހަރަކާތްތެރިވަމުން. އެހެންކަމުން އެއަށް ވުރެ ކައިރި ގައުމަކަށް އަންނަން އަދި މާ ފަސޭހަވާނެ" ބޮޑުވަޒީރު ވިދާޅުވިއެވެ.
ބޮޑުވަޒީރުގެ ވާހަކަފުޅުގައި ވަނީ ރާއްޖެއިން އެދުނު ކަންކަން ގާތުން ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް ވިސާ ހޯދުމުގައި ދިމާވާ ދަތިތަކާއި ސްކޮލާޝިޕްގެ ކަންކަން ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ މަރުކަޒީ ބޭންކުން މެލޭޝިއާގެ މަރުކަޒީ ބޭންކުން ނަގާ 100 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީ ހަމަޖައްސަވައިދެއްވުމަށް އެއްބަސްވެވަޑައިގެންފައިވާކަންވެސް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.
މެލޭޝިއާގެ ސަރުކާރުން ހިންގާ ޕެޓްރޮނާސް ކުންފުންޏަކީ ދުނިޔޭގެ ތެލާއި ގޭހުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ އެއް ކުންފުންޏެވެ. އެ ކުންފުނިން އޮޕަރޭޝަން ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމަށް ފުޅާވެފައިވާ އިރު، އެ ކުންފުނިން 40 އަށްވުރެ ގިނަ ގައުމުގައި ސީދާ ގޮތުން އޮޕަރޭޓްކުރެއެވެ. އެ ކުންފުންޏަކީ 150 ބިލިއަން ޑޮލަރުގެ ނެޓް ވޯތެއް އޮތް ކުންފުންޏެކެވެ.
އަލީ ޔާމިން
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް
ކޮމެންޓް