އީރާނުގައި ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ދުނިޔޭގެ ބާޒާރުގައި ތެލުގެ ޑިމާންޑަށް ވުރެ ސަޕްލައި އިތުރުވެއްޖެކަމަށް އިންޓަނޭޝަނަލް އެނާޖީ އޭޖެންސީ (އައި.އީ.އޭ) އިން ބުނެފިއެވެ.

އެ އިދާރާއިން ނެރުނު ނޮވެމްބަރު މަހުގެ ރިޕޯޓުގައި ބުނެފައިވަނީ، ސަޕްލައި އިތުރުވެފައިވަނީ ގަލްފުގެ ގައުމުތަކުން ތެޔޮ އެކްސްޕޯޓުކުރާ މިންވަރު އަވަސް ދުވެއްޔެއްގައި އިތުރުވުމާ ގުޅިގެން ކަމަށެވެ. މީގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރު ހަމަޔަކަށް އެޅެމުންދާކަމުގެ ނިޝާންތައް ފެންނަން ފަށާފައިވާކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ފާއިތުވި އޮކްޓޯބަރު މަހު ދުނިޔޭގެ ތެލުގެ ސަޕްލައި ވަނީ ދުވާލަކު 105.4 މިލިއަން ފީފާއަށް އިތުރުވެފައެވެ. މިއީ ސެޕްޓެމްބަރު މަހާ އަޅައިބަލާއިރު ދުވާލަކު 2.3 މިލިއަން ފީފާގެ ކުރިއެރުމެކެވެ. މެދުއިރުމަތީގެ ކަނޑުގެ ސަރަހައްދުގައި ތެޔޮ އުފުލާ ބޯޓުފަހަރަށް ހަމަލާދެމުން ދިޔަ ނަމަވެސް، އޮމާން ފިޔަވައި ގަލްފުގެ އެހެން ގައުމުތަކުން ކުރާ އެކްސްޕޯޓު ވަނީ ދުވާލަކު 18.4 މިލިއަން ފީފާއަށް އަރައިފައެވެ.

އައި.އީ.އޭ އިން ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ދުވާލަކު 105 މިލިއަން ފީފާގެ ތެޔޮ ބާޒާރަށް ނެރޭނެއެވެ. މިއީ ލަފާކުރި ޑިމާންޑަށް ވުރެ 1.7 މިލިއަން ފީފާ އިތުރު އަދަދެކެވެ. މީގެ އިތުރުން އޮކްޓޯބަރު މަހު ދުނިޔޭގެ ތެލުގެ ރިޒާވް ވަނީ 52 މިލިއަން ފީފާއިން އިތުރުވެފައެވެ.

ތެލުގެ ސަޕްލައި އިތުރުވި ނަމަވެސް، ތެލުގެ އަގު ބޮޑުވުމާއި އުޅަނދުފަހަރުގެ ހަކަތަ ބޭނުންކުރާ ގޮތް ބަދަލުވަމުންދާތީ، ދުނިޔޭގެ ތެލުގެ ޑިމާންޑު ދަށްވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އެގޮތުން މުޅި އަހަރުގެ ތެރޭގައި ޑިމާންޑު ދުވާލަކު 2.7 މިލިއަން ފީފާއިން ދަށްވެ، 102.3 މިލިއަން ފީފާއަށް ވެއްޓޭނެކަމަށް އައި.އީ.އޭގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.