ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީ ކުރުމަށް އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

މަޖިލިސް ޖަލްސާއަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، ދިވެހިންގެ މެދުގައި ދުޅަހެޔޮ، ބަދަހި މުޖުތަމައެއް ބިނާވެފައި އޮތުމަކީ މި ސަރުކާރުން އަބަދުވެސް އަހަންމިއްޔަތުކަން ދޭ ކަމެއް ކަމަށެވެ.

އެހެންކަމުން އާއިލާތަކާއި ރައްޓެހިންނަށް އެކުގައި ވަގުތު ހޭދަކޮށް، ހިތްހަމަޖައްސައިލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީ ކުރުމަށް ބަޖެޓުގައި ހިމެނުއްވީ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އޭގެ އިތުރުން ގައުމީ ތަރައްގީ އާއި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށްޓަކައި، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމާއި ގައުމުގެ އިގުތިސޯދު ޑައިވާސިފައި ކުރުމަށް އަހަންމިއްޔަތުކަން ދޭންޖެހޭ ކަމަށެވެ.

އެގޮތުން މޫސުމީ ބަދަލުތަކަށް ތައްޔާރުވެ، ރަށްރަށުގެ ތިމާވެށީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށް "ކްލައިމެޓް އެޑެޕްޓޭޝަން މޮޑެލް އައިލެންޑް ޕްރޮޖެކްޓް" ފަދަ މަޝްރޫއުތަކަށް މި ބަޖެޓުގައި ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށްވެސް ވިދާޅުވިއެެވެ.