އުންމަތެއް ނުވަތަ ގައުމެއް ދިރިގެން އައުމުގެ އަސްލަކީ އަންހެނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ ރެހެންދި އެވޯޑް ދިނުމަށް ރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ހަފުލާގައި 14 ކަނބަލަކަށާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކަށް ރެހެންދި އެވޯޑު ލިބިފައިވެއެވެ. އެ ހަފުލާގައި އެ ފަރާތްތަކަށް އެވޯޑާއި ބްރޫޗް ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާއެވެ.
ކޮންމެ އިންސާނެއްގެވެސް ފުރަތަމަ މުދައްރިސް، އެހީތެރިޔާ، ހިޔާވަހި އަދި މަދަރުސާ އަކީ މައިމީހާކަން ހަނދުމަކޮށްދެއްވައި މެޑަމް ސާޖިދާ ވަނީ، ގައުމަށް އެކި ރޮނގުރޮނގުން ހިދުމަތްކުރާ މީހުން ބިނާކުރުމުގައި މައިން ވާ ގުރުބާނީ އާއި އަދާކުރާ ޒިންމާތަކާއި ދޭ ލޯތްބާއި ދައްކާ ނަމޫނާގެ މައްޗަށް ވާހަކަފުޅުދައްކަވައިފައެވެ.
މެޑަމް ސާޖިދާ ވިދާޅުވީ އަންހެނުން، ކޮންމެ ވާޖިބެއް އަދާކުރިކަމުގައިވިޔަސް، މައިވަންތަކަމުގެ ވާޖިބު ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށެވެ. އަންހެނުން އެކި ރޮނގުރޮނގުން ކުރިއަރައިދަނީ އެ ޒިންމާތަކާ އެކުގައި ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ބަދަލުވަމުން އަންނަ ގެވެށި، ފަންނީ އަދި އިޖުތިމާއީ ޒިންމާތަކަށް އިޝާރާތްކުރައްވަމުން، އެކަމަނާ ވަނީ، ފަންނިއްޔާތަށް އަހުލުވެރިވުމާއި ވިޔަފާރީގެ އާ ގޮތްތައް އީޖާދުކުރުމާއި ސިޔާސީ ފުރުސަތުތަކަށް ތައްޔާރުވުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އަދި ތާރީހުގެ ސަފުހާތަކަށް ހަވާލާދެއްވައި ސާޖިދާ ވިދާޅުވީ ދިވެހި އަންހެނުންނަކީ، އިލްމީ، ވިސްނުންތެރި، ދުރުވިސްނޭ، އަބުރުވެރި، ހުޝިޔާރު އަދި ގަބިލު ބައެއް ކަމަށެވެ.
ރޭގެ ރަސްމިއްޔާތުންވެސް ސާބިތުވެގެންދިޔައީ ދިވެހި އަންހެނުންގެ ގާބިލުކަމާއި ހީވާގިކަމާއި މުރާލިކަން އަދި ނަތީޖާ ހާސިލުކުރުމުގައިވާ ގުރުބާނީކަމަށް ވިދާޅުވެ އެކަމަނާ ވަނީ، އެކި ދާއިރާތަކުން ރެހެންދި އެވޯޑް ހާސިލުކުރެއްވި ފަރާތްތަކަށް ތަހުނިޔާ ދަންނަވައިފައެވެ.
ފާތިމަތު ލިއުޝާ
މެޑަމް ސާޖިދާ މުހައްމަދު
މެޑަމް ސާޖިދާ މުހައްމަދު
މެޑަމް ސާޖިދާ މުހައްމަދު