ހަ އަހަރަށް ވުރެ ދިގު މުއްދަތަކަށް ފަހު، މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީން ޑިއޯން އޭނާގެ ފުރަތަމަ ލައިވް ހުށަހެޅުން ޕެރިސް އޮލިމްޕިކްސް 2024 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދީފިއެވެ.

ޖުލައި 26 ވަނަ ދުވަހު އައިފިލް ޓަވަރުގައި ކުރިއަށްދިޔަ މި ހުށަހެޅުމުގައި ސެލީން ކިޔާފައިވަނީ ފަރަންސޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑިތު ޕިއާފްގެ "ހިމްނޭ އަ ލަމޯ" ކަމަށް އޮލިމްޕިކްސް އިންތިޒާމުކުރި ފަރާތްތަކުން ބުނެފައިވެއެވެ. މިއީ އޭނާއަށް ޖެހިފައިވާ ނާރުގެ ބައްޔެއް ކަމަށްވާ ސްޓިފް ޕާސަން ސިންޑްރޯމްގެ ސަބަބުން ލަވަކިޔުމާ ދުރަށް ދިޔަ ފަހުން އާންމުންގެ ކުރިމަތީގައި އޭނާ ހުށަހަޅައިދިން ފުރަތަމަ ފަހަރެވެ.

ސެލީންއަށް މި ބަލި ޖެހިފައިވާކަން އޭނާ އިއުލާންކުރީ 2022 ވަނަ އަހަރުއެވެ. އެއާއެކު އޭނާގެ "ކަރޭޖް ވޯލްޑް ޓުއާ" ގެ ބާކީ ހުރި ޝޯތައް ވެސް ވަނީ ކެންސަލްކޮށްފައެވެ.

މި ހުށަހެޅުމަށް ފަހު ސެލީންގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އާންމުކުރި ޕޯސްޓެއްގައި ބުނީ، ޕެރިހުގައި ޝޯއެއް ހުށަހެޅުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އޮލިމްޕިކްސްގައި ވާދަކުރާ އެތުލީޓުންގެ ހިތްވަރާއި ކާމިޔާބީ ފާހަގަކުރުމުގައި ބައިވެރިވުމަކީ ފަހުރެއް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

ސެލީންގެ މި ހުށަހެޅުމާ ގުޅިގެން، އޭނާ އަލުން ލާސް ވެގަސްގައި ޝޯތަކެއް ދޭން ފަށާނެ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި އިތުރު ލައިވް ޝޯތަކެއް ދޭނެކަން ސެލީންގެ ރަސްމީ ފަރާތްތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.