މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުލިބިހުރި ފައިސާގެ ތެރެއިން 3.48 ބިލިޔަން ރުފިޔާ އެ އިދާރާއިން ހޯދައިފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ނުލިބިހުރި ފައިސާގެ ބޮޑުބައެއް ހޯދާފައިވަނީ އަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި 2.09 ބިލިޔަން ރުފިޔާ ހޯދާފައިވާއިރު، ދެވަނަ ކުއާޓަރުގައި ހޯދާފައިވަނީ 1.39 ބިލިޔަން ރުފިޔާއެވެ.

ދައުލަތަށް ލިބެންޖެހޭ ޓެކްސް އަދި ޓެކްސް ނޫން އާމްދަނީގެ ތެރެއިން ނުލިބިހުރި ފައިސާ ހޯދުމަށް މީރާއިން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބިފައިވަނީ ޑަނިންގް ނުވަތަ ނޯޓިސް ފޮނުވައިގެންނެވެ. އެ ގޮތުން ނޯޓިސް ފޮނުވައިގެން 2.39 ބިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ.

މީގެއިތުރުން ޑިއުސް ކްލިއަރެންސް މެދުވެރިކޮށް 861.19 މިލިޔަން ރުފިޔާ ހޯދާފައިވާއިރު، ފޯނާއި އީމެއިލް މެދުވެރިކޮށް ހަނދާންކޮށްދީގެން 192.38 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ. އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން އާންމުކޮށްގެން 21.45 މިލިޔަން ރުފިޔާ އަދި ބޭންކް އެކައުންޓްތައް ފްރީޒްކޮށްގެން 14.54 މިލިޔަން ރުފިޔާ މީރާއިން ވަނީ ހޯދާފައެވެ.

އެ މުއްދަތުގެ ތެރޭގައި ގަވާއިދުން ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ގިނަ ފަރާތްތަކަކަށް މީރާއިން ވަނީ ފަހުގެ ނޯޓިސް ފޮނުވާފައެވެ. އެގޮތުން ޓެކްސް ބަޔާން ހުށަނާޅައިގެން ފުރަތަމަ ކުއާޓަރުގައި 10,701 ފަރާތަކަށާއި ދެވަނަ ކުއާޓަރުގައި 9,798 ފަރާތަކަށް ނޯޓިސް ދީފައިވެއެވެ.

އަދި ޓެކްސް ފައިސާ ނުދައްކައިގެން ފުރަތަމަ ކުއާޓަރުގައި 5,776 ފަރާތަކަށާއި ދެވަނަ ކުއާޓަރުގައި 6,586 ފަރާތަކަށް ވަނީ ފަހުގެ ނޯޓިސް ފޮނުވާފައެވެ. ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާއި ދައްކަންޖެހޭ އަދަދު ކަށަވަރު ކުރުމަށްޓަކައި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޖުމްލަ 73 އޮޑިޓެއް ވަނީ ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި ފުރަތަމަ ކުއާޓަރުގެ 23 އޮޑިޓުން އިތުރަށް ދައްކަން އެންގި 61.92 މިލިޔަން ރުފިޔާއާއި، ދެވަނަ ކުއާޓަރުގައި ހެދި 50 އޮޑިޓުން އިތުރަށް ދައްކަން އެންގި 30.35 މިލިޔަން ރުފިޔާ ހިމެނެއެވެ. އެހެންވެ، އޮޑިޓްތަކުން ޖުމްލަ 92.27 މިލިޔަން ރުފިޔާ ދެއްކުމަށް މީރާއިން ވަނީ އަންގާފައެވެ.

ޓެކްސް ދައްކާ ފަރާތްތަކުން ގާނޫނާއި ގަވާއިދުތަކަށް އަމަލުކުރާ މިންވަރު ބެލުމަށްޓަކައި މީރާގެ ޓީމުތަކުން ވަނީ ފާއިތުވި ހަ މަސް ދުވަހު 2,612 ކޮމްޕްލައެންސް ޒިޔާރަތެއް ކޮށްފައެވެ.