ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް 'ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅައިފިއެވެ.

ދިރާގުން މިއަދު ބުނީ މީގެ ސަބަބުން، މި ދުވުމުގައި ބައިވެރިވާ ދުވުންތެރިން ހޯދާ ނަތީޖާތައް ބައިނަލްއަގުވާމީ ރޭންކިންގައި ހިމެނި، ދުނިޔޭގެ ފެންވަރުގައި ރަސްމީކޮށް ބަލައިގަންނަ ކާމިޔާބީތަކަކަށް ވެގެންދާނެ ކަމަށެވެ.

މި އަހަރުގެ ދުވުމުގައި 5،500 އަށް ވުރެ ގިނަ ދުވުންތެރިން ވަނީ ރަޖިސްޓަރީކޮށްފައެވެ. މިއީ ދިރާގު ރޯޑް ރޭސްގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދަކަށް ދުވުންތެރިން ބައިވެރިވި އަހަރެވެ. މި ދުވުމުގައި ބައިވެރިވުމަށް ފުރަތަމަ 4،000 ފުރުސަތު ހުޅުވާލި ނަމަވެސް، އާންމުންގެ ފަރާތުން ލިބުނު ފޯރިގަދަ ތަރުހީބާ ގުޅިގެން ޖާގަ ވަނީ އިތުރުކޮށްފައެވެ.

މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ހަރަކާތުގައި ހިމެނޭ ކެޓަގަރީތަކުގެ ތެރޭގައި ހާފް މެރަތަން، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފުކޮށްފައިވާ ޓީމް ކެޓަގަރީތައް ހިމެނެއެވެ.

ތަޖުރިބާކާރު ދުވުންތެރިންނާއި ދުވުމުގެ ދާއިރާއަށް އަލަށް ނުކުންނަ މީހުން އެއްތަނަކުން ބައްދަލުވާނެ މި ދުވުމުގެ މައިގަނޑު މަގުސަދަކީ، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ހިތްވަރުދީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދުވުމުގެ އާދަ އަށަގަންނުވައި، އެންމެންނަށް ބައިވެރިވެވޭ ފަދަ ޕްލެޓްފޯމެއް ގާއިމްކޮށްދިނުން ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން، ޑީއެމްއާރްއާރް 2026 އަކީ ވެސް ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަ ކޮށްފައިވާ ދުވުމެއް ކަމަށެވެ. މި ދުވުމުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރި ކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ޑީއެމްއާރްއާރްއަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓު ކޮށްފައިވާ ރާއްޖޭގެ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ދުވުމެވެ.

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި އުމުރުފުރާތަކުގެ ގިނަ ދުވުންތެރިންގެ އިތުރުން އެކި ގައުމުތަކުގެ ދުވުންތެރިން ވެސް ބައިވެރިވާ ދުވުމެއް ދިރާގުން ބުންޏެވެ.