މިނިސްޓްރީ އޮފް އިންފްރާންސްޓްރަކްޗާ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ކުރިއަށްގެންދަން ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރެއިން ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ވަކި މަޝްރޫއަކަށް ވަކި މިންވަރެއް ކަނޑައެޅިފައި ނުވާނެ ކަމަށް މިނިސްޓަރު ޑރ، އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. މުހައްމަދު ޝަމްހީދު ލިޔުމުން ޖަވާބު ހޯއްދެވުމަށް މިނިސްޓަރާ ކުރެއްވި ސުވާލާ ގުޅިގެން، މިނިސްޓަރު ލިޔުމުން ޖަވާބު ދެއްވަމުންނެވެ.

ޝަމްހީދު މިނިސްޓަރާ ސުވާލު ކުރެއްވީ، މިނިސްޓްރީގެ ދަށުން ފަށާފައިވާ މަޝްރޫއުތައް ނިންމުމަށްޓަކައި ބޭނުންވާނެ ކަމަށް ލަފާކުރެވޭ ޖުމުލަ ބަޖެޓަކީ ކޮބައިތޯ އާއި، އަދި އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްޓަކައި މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ ކިހާ މިންވަރެއްތޯ އޮޅުން ފިލުވުމަށެވެ.

ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މަޝްރޫއުތައް ނިންމުމަށްޓަކައި ބޭނުންވާނެ ކަމަށް ލަފާކުރާ ބަޖެޓަކީ 58،830،473،267 (ފަންސާސް އަށް ބިލިޔަން އަށްސަތޭކަ އެއްތިރީސް މިލިޔަން ހަތަރުސަތޭކަ ހަތްދިޔަ ތިންހާސް ދުއިސައްތަ ފަސްދޮޅަސް ހަތް ރުފިޔާ) ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ މަޝްރޫއުތައް ހިންގުމަށް ހަމަޖައްސާފައި ވަނީ ޕްރޮގްރާމް ބަޖެޓަކުން ކަމަށެވެ.

"މިގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދަން ރާވާފައިވާ ޕްލޭނާ އެއްގޮތަށް މަޝަރޫއުތަކަށް ބަޖެޓް ހަމައްސާފައި ވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓާ ޕްރައިސަސް އިން، ވުމާއެކު 2026 ގެ ބަޖެޓުގައި ވަކި މަޝްރޫއުތަކަށް ވަކި މިންވަރެއް ކަނޑައެޅިފައެއް ނުވޭ،" މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވިއެވެ.