ހިދުމަތް ދިނުމަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް އާންމުންގެ ޒާތީ މައުލޫމާތު މުއައްސަސާތަކުން އެއް ނުކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދު އެދިވަޑައިގެންފިއެވެ.

ކޮމިޝަނަރު މިކަމަށް އެދިވަޑައިގަތީ، ސައިބަ ސެކިއުރިޓީ އެވެއާނަސް މަހާ ގުޅިގެން ސައިބާ ވެށީގެ ނުރައްކާތެރިކަމަށް ސަމާލު ވުމަށް ހަނދާންކޮށްދެއްވައި، މިއަދު ދެއްވި މެސެޖެއްގައެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހަކީ، ސައިބަ ވެށީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވުމަށާއި، ޑިޖިޓަލް ދުނިޔޭގައި ކުރިމަތިވާ ނުރައްކާތަކުން ސަލާމަތް ވުމުގެ މުހިންމުކަން ހަނދާންކޮށްދިނުމުގެ ގޮތުން، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ސައިބާ ސެކިއުރިޓީ އެވެއާނަސް މަހެވެ.

ސައިބާ ކުށްތައް ބާރުމިނުގައި އިތުރުވަމުންދާކަން ފާހަގަ ކުރައްވައި ކޮމިޝަނަރުގެ މެސެޖުގައި ވިދާޅުވީ ހިތާމައާއެކު ފާހަގަކުރަންޖެހޭ ހަގީގަތަކީ، މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި އެކަނިވެސް ދިވެހި ފުލުހުންގެ ހިދުމަތަށް ރިޕޯޓްކޮށްފައިވާ ސައިބާ ކުށުގެ މައްސަލަތަކުގެ އަދަދު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު ދެގުނައަށް އިތުރުވެފައިވާ ކަމެވެ. މި މައްސަލަތަކުގެ ތެރެއިން 68 އިންސައްތައަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާފައިވާ ކުށްތައް ކަމަށްވެސް ވިދާޅުވިއެވެ.

ކޮމިޝަނަރު ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސް ފަދަ އަލަށް ތައާރަފުވަމުން އަންނަ ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސައްހަނޫން މެސެޖުތަކާއި، އަޑާއި، ވީޑިއޯ އުފައްދައި، ރައްޔިތުން މަޅީގައި ޖެއްސުމަށް ނުރައްކާތެރި އުކުޅުތައް ކުށްވެރިން ބޭނުންކުރަމުންދާ ކަމަށެވެ.

އެ ކަންކަމަކީ ހަމައެކަނި ވަކިވަކި ފަރުދުންގެ މާލީ އަދި ޒާތީ ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއް ނޫން ކަމަށާއި، މިއީ މުއައްސަސާތަކުގެ އިތުބާރާއި، ގައުމުގެ އިގްތިސާދީ ހަރަކާތްތަކާއި، އަދި މުޅި ގައުމީ ސަލާމަތާ ސީދާ ގުޅިފައިވާ ކަމެެއް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ދައުލަތުގެ މުއައްސަސާތަކާއި ވިޔަފާރިތަކުން ވެސް ޑިޖިޓަލް ޑޭޓާގެ ރައްކާތެރިކަމަށް ހާއްސަ އިސްކަމެއް ދޭންޖެހޭކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. އެގޮތުން ހިދުމަތް ދޭން ބޭނުންވާ މިންވަރަށްވުރެ އިތުރަށް އާންމުންގެ ޒާތީ މައުލޫމާތު އެއްނުކުރުމާއި، އެ މައުލޫމާތަކީ އަމާނާތެއްގެ ގޮތުގައި ބަލައިގަނެ ރައްކާތެރިކުރުމަކީ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، އައި.ޓީ ނިޒާމުތައް އަބަދުވެސް ރައްކާތެރިކޮށް އަޕްޑޭޓްކުރުމާއި، މުވައްޒަފުންނަކީ ސައިބަ ނުރައްކާތަކަށް ލޯހުޅުވިފައިވާ ބަޔަކަށް ހެދުމުގެ އިތުރުން، ސައިބަ ހަމަލާއެއް ނުވަތަ ޑޭޓާ ބްރީޗެއް ކުރިމަތިވެއްޖެ ހާލަތުގައި، ވަގުތުން ފިޔަވަޅު އަޅައި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަކީ މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކޮންމެހެން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށްވެސް ވިދާޅުވިއެވެ.