ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރާނެ ގޮތް ދަރިންނަށް އުނގަންނައިދީ، އާއިލާގައި ތިއްބެވި އުމުރުން ދުވަސްވީ އެބޭފުޅުންނަށް އެހީތެރިވެދީ، ޑިޖިޓަލް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދު އިލްތިމާސް ކުރައްވައިފިއެވެ.
ކޮމިޝަނަރު މިކަމަށް އިލްތިމާސް ކުރެއްވީ، ސައިބަ ސެކިއުރިޓީ އެވެއާނަސް މަހާ ގުޅިގެން ސައިބާ ވެށީގެ ނުރައްކާތެރިކަމަށް ސަމާލު ވުމަށް ހަނދާންކޮށްދެއްވައި، މިއަދު ދެއްވި މެސެޖެއްގައެވެ.
ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހަކީ، ސައިބަ ވެށީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވުމަށާއި، ޑިޖިޓަލް ދުނިޔޭގައި ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމުގެ މުހިންމުކަން ހަނދާންކޮށްދިނުމުގެ ގޮތުން، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ސައިބާ ސެކިއުރިޓީ އެވެއާނަސް މަހެވެ.
ކޮމިޝަނަރުގެ މެސެޖުގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ އާބާދީގެ 85 އިންސައްތަ މީހުން އިންޓަނެޓާއި ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަމުން އަންނައިރު، މި މުޖުތަމައަކީ ޑިޖިޓަލް ގޮތުންވެސް ގުޅިލާމެހިފައިވާ މުޖުތަމައެއް ކަމަށެވެ.
ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުމަށް ލުއިފަސޭހަކަމެއް ލިބުނަސް އިންޓަނެޓްގެ ޒަރީއާއިން ކުރިމަތިވާ ތަފާތު ނުރައްކާތައް ފެތުރެމުންދާ ދުވެލިވެސް އެތައް ގުނައަކަށް ހަލުވިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަތީޖާއެއްގެ ގޮތުން، ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކުގެ އިތުރުން ދައުލަތުގެ މުއައްސަސާތައްވެސް، ސައިބަ ކުށްތަކުގެ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އިންތިހާއަށް އިތުރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކާއި، މާލީ މުއާމަލާތްތަކާއި، ވިޔަފާރިތަކުގެ އިތުރުން އަޅުގަނޑުމެންގެ ޒާތީ ދިރިއުޅުމުގެ ކަންކަން ޑިޖިޓަލް ވަމުން އަންނައިރު، މަކަރާއި ހީލަތުގެ މަޅީގައި ރައްޔިތުން ޖައްސައި، ކުށްކުރުމަށް ސައިބަ ވެށީގައި ފަހިވާ ފުރުސަތުތައްވެސް މިދަނީ އިތުރުވަމުން. އެހެންކަމުން، ތަރައްގީއާއި ޒަމާނީ ބަދަލުތަކުގެ ހަގީގީ މަންފާ ހާސިލުކުރެވޭނީ، ކޮންމެ ފަރުދަކުމެ އަދި ކޮންމެ މުއައްސަސާއަކުންވެސް ޑިޖިޓަލް ރައްކާތެރިކަމަށް ފާރަވެރިވެ، ދުރާލައި ހޭލުންތެރި ފިޔަވަޅުތަކެއް އަޅައިގެން. ނަމަވެސް ހަގީގަތަކީ، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް ދިވެހި ފުލުހުންގެ ހިދުމަތަށް ރިޕޯޓްކޮށްފައިވާ ސައިބަ ކުށުގެ މައްސަލަތަކުގެ އަދަދު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު ދެގުނައަށް އިތުރުވެފައިވާކަން،" ސީޕީ ވިދާޅުވިއެވެ.
ކޮމިޝަނަރު ވިދާޅުވީ، މި މައްސަލަތަކުގެ ތެރެއިން 68 އިންސައްތައަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާފައިވާ ކުށްތަކެވެ. މީގެއިތުރުން، އާޓިފިޝަލް އިންޓެލިޖެންސް ފަދަ އަލަށް ތައާރަފުވަމުން އަންނަ ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސައްހަނޫން މެސެޖުތަކާއި، އަޑާއި، ވީޑިއޯ އުފައްދައި، ރައްޔިތުން މަޅީގައި ޖެއްސުމަށް ނުރައްކާތެރި އުކުޅުތައް ކުށްވެރިން ބޭނުން ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މިފަދަ ކަންކަންކަމަކީ ހަކައެކަނި ވަކިވަކި ފަރުދުންގެ މާލީ އަދި ޒާތީ ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއް ނޫން ކަމަށާއި މިއީ މުއައްސަސާތަކުގެ އިތުބާރާއި، ގައުމުގެ އިގްތިސާދީ ހަރަކާތްތަކާއި، އަދި މުޅި ގައުމީ ސަލާމަތާ ސީދާ ގުޅިފައިވާ ކަމެއް ކަން ސީޕީ ފާހަގަކުރެއްވިއެވެ.
ސައްހަކަން ކަށަވަރު ނުވާ ލިންކުތަކަށް ފިތުމާއި، ޒާތީ މައުލޫމާތާއި ވަން-ޓައިމް ޕާސްވޯޑް ފަދަ ސިއްރު ކޯޑުތައް އެހެން ފަރާތްތަކާ ހިއްސާކުރުމާއި، އަދި އޮންލައިންކޮށް މުއާމަލާތްކުރާއިރު ކާކުކަން ކަށަވަރު ނުކޮށް އިތުބާރުކުރުމަކީ، މިފަދަ ކުށްތަކުގައި ޖެހުމަށް ދިމާވާ މައިގަނޑު ސަބަބުތަކެވެ.
"ސައިބަ ކުށްތައް ހުއްޓުވުމަށާއި، މިފަދަ މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދައި، ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ފުޅާކުރަމުން. އެއާއެކު، ރައްޔިތުން މިފަދަ ކަންކަމަށް ފާރަވެރިކުރުވައި، ޑިޖިޓަލް ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ދަނީ ހިންގަމުން،" ސީޕީ ވިދާޅުވިއެވެ.
ނަމަވެސް، ސައިބަ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ކުރާ މަސައްކަތުން އެކަނި ހާސިލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ މުޖުތަމައުގެ ކޮންމެ ފަރުދެއްގެވެސް އަދި ކޮންމެ މުއައްސަސާއެއްގެވެސް ހިއްސާއާއި ޒިންމާ އެކުލެވިގެން މެނުވީ ހަސީލު ނުކުރެވޭނެ ކަމެއް ކަމަށް ސީޕީ ވިދާޅުވިއެވެ.
"ފަރުދީ ގޮތުން ބަލާއިރު، އެކައުންޓްތަކުގައި ވަރުގަދަ ޕާސްވޯޑާއި، "ޓޫ-ފެކްޓަރ އޮތެންޓިކޭޝަން" ބޭނުންކުރުމަށާއި، އޯ.ޓީ.ޕީ އާއި ޒާތީ މައުލޫމާތު އެއްވެސް އެހެން ފަރާތަކާ ހިއްސާ ނުކުރުމަށް ސަމާލުވާން ޖެހޭ. އަދި އޮންލައިންކޮށް ފެންނަ ހަބަރުތަކާއި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމެއްނެތި ފެތުރުމުން ދުރުހެލިވުމަށާއި، ކުށެއްގެ ޝިކާރައަކަށް ވެއްޖެނަމަ ނުވަތަ ޝައްކު ކުރެވޭ ކަމެއް ފެނިއްޖެނަމަ، ލަސް ނުކުރައްވައި ފުލުހުންގެ ހިދުމަތަށް ރިޕޯޓްކުރެއްވުމަކީ ކޮންމެހެން މުހިންމު ކަމެއް،" ސީޕީ ވިދާޅުވިއެވެ.
ހަމައެއާއެކު، ދައުލަތުގެ މުއައްސަސާތަކާއި ވިޔަފާރިތަކުންވެސް ޑިޖިޓަލް ޑޭޓާގެ ރައްކާތެރިކަމަށް ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށްވެސް ސީޕީ ފާހަގަކުރެެއްވިއެވެ.
ކޮމިޝަނާ ވިދާޅުވިގޮތުގައި ސައިބަ ސެކިއުރިޓީއާ ގުޅޭ މި މުހިންމު ވާހަކަތަކަކީ ކޮންމެ އާއިލާއެއްގެ ތެރޭގައިވެސް ދެކެވެން ޖެހޭ ވާހަކަތަކެކެވެ.
"ދަރިންނަށް ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރާނެ ގޮތް އުނގަންނައިދީ، އެކުދިން އޮންލައިންކޮށް ގުޅުން ބާއްވަނީ ކޮން ބަޔަކާތޯ ބަލައި، ބެލެނިވެރިން އަބަދުވެސް ސަމާލުވާން ޖެހޭ. އަދި ހާއްސަކޮށް، އާއިލާގައި ތިއްބެވި އުމުރުން ދުވަސްވީ ބޭފުޅުންނަކީ މިފަދަ ކުށްތަކަށް ފަސޭހައިން ހުށަހެޅިދާނެ ބަޔަކަށްވުމާއެކު، އެބޭފުޅުންނަށް ވިސްނައިދީ، އެހީތެރިވެދީ، ޑިޖިޓަލް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ކޮނޑުގައި އެޅިފައިވާ އާއިލީ އަދި އިޖުތިމާއީ ޒިންމާއެއް،" ސީޕީ ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް