އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ހިމެނުނުތާ 50 އަހަރު ފުރުން ފާހަގަކުރަމުން އަންނައިރު، އެ ޖަމާއަތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން ބަދަހިކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަމާއި އެކަމުގައި ސާބިތުވެ އޮންނާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކުރައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އޯއައިސީގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ހިމެނުނުތާ 50 އަހަރު ފުރުން ފާހަގަކުރަމުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުގައި، މުސްލިމު ގައުމުތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގައާއި، ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އިސްލާމީ އުއްމަތް ސަލާމަތްކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގައި އޯއައިސީން އަދާކުރަމުން އަންނަ ދެމެހެއްޓެނިވި ދައުރުގެ މައްޗަށް އަލިއަޅުއްވައިލެއްވި ކަމަށެވެ.
ބައި ގަރުނު ފާއިތުވެގެން ދިޔައިރުވެސް، ބައިނަލްއަގްވާމީ އިސްލާމީ މުޖުތަމައުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ މުހިންމުކަން ކުޑަނުވާކަން ފާހަގަކުރައްވައި، އަދުގެ ދުނިޔޭގައި އެ ޖަމާއަތުގެ މުހިންމުކަމާއި ބޭނުންތެރިކަން ދެމިއޮތްކަން އެމަނިކުފާނު ފާހަގަކުރެއްވި ކަމަށެވެ.
އޯއައިސީ އުފެދުނުތާ ދިހަ އަހަރު ނުވަނީސް، 20 ޖުލައި 1976 ގައި އެ ޖަމާއަތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ބަލައިގަތުމުގެ ހަނދާންތައް އާކުރައްވައި، ރައީސްގެ މެސެޖުގައި އެކަމަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި އެއީ ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް އިހްތިރާމްކުރުމާއި، އެއްބައިވަންތަކަމާއި، މެންބަރު ގައުމުތަކުގެ ތަރައްގީއަށް އެއްބާރުލުން ދިނުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްގެ ފެށުންކަން އެމަނިކުފާނު ފާހަގަކުރެއްވި ކަމަށެވެ.
ފާއިތުވި 50 އަހަރުގެ ތެރޭގައި، އިސްލާމިކް ސަމިޓްތަކުގައާއި، ކައުންސިލް އޮފް ފޮރިން މިނިސްޓާސްގެ ބައްދަލުވުންތަކުގައާއި، އެނޫންވެސް މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެ، އޯއައިސީގެ މަސައްކަތްތަކުގައި ރާއްޖެއިން ފުޅާ ދާއިރާއެއްގައި ހިއްސާވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން، މޫސުމީ ނޭދެވޭ ބަދަލުތަކުން އަރައިގަތުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، އިސްލާމިކް ފައިނޭންސް އަދި އޯއައިސީގެ މަސައްކަތްތައް ހަރުދަނާކުރުން ފަދަ މުހިންމު ކަންކަމުގައި ދިވެހި ޑިޕްލޮމެޓުން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖެއާއި އޯއައިސީއާ ދެމެދު އޮންނަ ގުޅުމަކީ ހަމައެކަނި އާންމު އުސޫލުން އޮންނަ އާދައިގެ ގުޅުމަކަށްވުރެ ހަރުދަނާ ގުޅުމެއްކަމަށާއި، އެ ޖަމާޢަތުން ކުރިއަރުވާ އިސްލާމީ އުސޫލުތަކާއި އިންސާފުވެރިކަމަކީ ދިވެހި ރައްޔިތުންގެ ހިތްތަކާ ގުޅިފައިވާ ކަންތައްތަކެއްކަން ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އޭގެ ހެއްކެއްގެ ގޮތުގައި، ފަލަސްތީނު ރައްޔިތުންގެ ނިގުޅައިގަނެވިފައިވާ ހައްގުތަކަށް ރާއްޖެއިން މެދުކެނޑުމެއްނެތި ވަކާލާތުކުރަމުންދާ ދިއުމާއި، ރޮހިންޔާ މުސްލިމުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމު މުޖުތަމައުތަކަށް އިންސާފު ހޯދައިދިނުމަށް ރާއްޖެއިން ގޮވާލަމުންދާ ގޮވާލުންތައް އެމަނިކުފާނު ފާހަގަކުރެއްވިކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވައިލައްވަމުން، އޯ.އައި.ސީގެ މަގުސަދުތައް ހާސިލުލުކުރުމަށާއި މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން ބަދަހިކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން ތަކުރާރުކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މިއަދު އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަމަލީގޮތުން، ހާލަތާއި ވަގުތާގުޅޭ، އަދި ނަތީޖާ ނެރެދެވޭނެ ހައްލުތަކެއް ހޯދުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފާތިމަތު ލިއުޝާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް