އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއަށް ހޮވިފައިވާ ލޯގޯތަކަށް ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން އެކްސްގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއަށް ހޮވިފައިވާ 10 ލޯގޯއަށް ޕީއެސްއެމް އެއާ މެދުވެރިކޮށް ވޯޓު ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.

އެ މަޝްރޫއަށް ހޮވިފައިވާ ލޯގޯތަކަށް ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 29 ގެ 00:00 ގެ ނިޔަލަށެވެ. މިނިސްޓްރީން އާންމުކުރި ވީޑިއޯއެއްގައި މަޝްރޫއަށް ހޮވުނު 10 ލޯގޯ ވެސް ވަނީ ދައްކާލައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފެއްޓެވި އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ޝިއާރަކީ "އިހުތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ" އެވެ.

އިހުތިރާމް އަދާކުރުމުގެ ދުވަހެއް، ގައުމީ ފެންވަރުގައި "ގައުމީ އިހުތިރާމް އަދާކުރުމުގެ ދުވަސް" ގެ ގޮތުގައި އަހަރަކު އެއް ފަހަރު ފާހަގަކުރުމަށާއި އެ ދުވަހަކީ މަޝްރޫއު އިފްތިތާހު ކުރާ ދުވަސްކަމުގައި ހަމަޖެއްސުމަށްވެސް ކެބިނެޓުން ވަނީ ނިންމައިފައެވެ.