ސިނަމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި މަސައްކަތްކުރަމުންދިޔަ ފުލުހެއްގެ ގައިގައި، ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދީފިއެވެ.

ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ، ފުލުސް އޮފިސަރަށް އަމާޒުކޮށް ދިން މި ނުރައްކާތެރި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ.

ސީޕީ ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 4:29 އެހައިކަންހާއިރު، ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައެވެ. 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ އެ ސައިކަލު ގޮސް ޖައްސާފައިވަނީ މަގުމަތީގައި ފުލުހުން ޖަހާފައިވާ ބެރިކޭޑުގައެވެ. އެއާއެކު ޑިއުޓީގައި ހުރި އޮފިސަރުގެ ގައިގައި ޖެހި، އޭނާގެ އަނގަމަތި ފަޅައިގެންގޮސް ދަތް ބިނދިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އެ ފުލުސް އޮފިސަރަށް އޭޑީކޭ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

މި އަމަލު ހިންގި ސައިކަލު ޓޯކޮށް، އޭގައި ތިބި ދެ މީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ސީޕީ ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގި ވަގުތު އިތުރު ތިން ސައިކަލެއް މިކަމުގައި ބައިވެރިވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރެއިން އިތުރު ސައިކަލަކާއި ދެ މީހަކު ލޮކޭޓުކޮށް، އެ މީހުންވެސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

މިހާތަނަށް ބެލިބެލުމުން މިއީ ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ފުލުހުންނަށް ބެލެވެއެވެ. ސީޕީ ވިދާޅުވީ މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ހިންގަމުންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، ފުލުހުން ނަފްސާނީ ގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް ކަމަށެވެ.

ނަމަވެސް، ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ފަސްނުޖެހި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަތިކޮށްފައިވާ ގާނޫނީ ވާޖިބު އަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ސީޕީ ވަނީ ދެއްވަފައެވެ. އަދި ފުލުހުންގެ މަސައްކަތްތައް ހުއްޓުވުމަށް ހިންގާ މިފަދަ ކަންކަމަށް ފަސްނުޖެހި، މެދުކެނޑުމެއް ނެތި އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށާއި، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު އަޅާ ގާނޫނީ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެ ކަމަށްވެސް ސީޕީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.