ރާއްޖޭގެ ކޯސްޓްގާޑުން ހިފަހައްޓާފައިވާ އިންޑިއާގެ ޓަމިލްނާޑޫގެ 25 މަސްވެރިންނާއި ތިން މަސްބޯޓު ދޫކޮށްލުމަށް އެހީތެރިވެދިނުމަށް އެދި، ޓަމިލްނާޑޫގެ ޗީފް މިނިސްޓަރު ޖޯސެފް ވިޖޭ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރަށް ސިޓީއެއް ފޮނުއްވައިފިއެވެ.
ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅުނު އިންޑިއާގެ ތިން މަސްބޯޓު އަތުލައިގެންފައިވަނީ، ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން މިދިޔަ ހޯމަ ދުވަހުގެ ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މިއަދު ފޮނުއްވި މި ސިޓީގައި ވިޖޭ އެދިވަޑައިގެންފައިވަނީ، މި މައްސަލައިގައި ޖައިޝަންކަރު އިސްނަންގަވައިގެން، ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން ދިވެހި ސަރުކާރާ މަޝްވަރާކުރައްވައިގެން ހައްލެއް ހޯއްދަވައިދެއްވުމަށެވެ.
"ޓަމިލްނާޑޫގެ ތޫތުކުޑީ ޑިސްޓްރިކްޓަށް ނިސްބަތްވާ މި 25 މަސްވެރިންނާއި އެ މީހުންގެ ތިން މަސްބޯޓު، ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން ދިވެހި ސަރުކާރާ މަޝްވަރާކުރައްވައި، ވީއެންމެ އަވަހަކަށް މަސްވެރިންނާއި އެ މީހުންގެ ދޯނިތައް މިނިވަންކޮށް، ރައްކާތެރިކަމާއެކު އަނބުރާ ގައުމަށް ގެނެވޭނެ މަގު ފަހިކޮށްދެއްވުމަށް އަޅުގަނޑު އެދެން،" ވިޖޭގެ ސިޓީގައި ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން، މި މައްސަލައިގައި ޖައިޝަންކަރު އިސްނަންގަވައިގެން މަސައްކަތްކޮށްދެއްވުމަކީ، ހިފަހައްޓާފައިވާ މަސްވެރިންގެ އާއިލާތަކަށާއި މުޅި މަސްވެރި މުޖުތަމައުއަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް ވިޖޭ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވަމުން ދިއުމަކީ ޓަމިލްނާޑޫގެ އައްސޭރިފަށުގެ މަސްވެރި މުޖުތަމައުތަކުގެ މެދުގައި ބޮޑު ކަންބޮޑުވުމަކާއި ބިރުވެރިކަމެއް އުފެދިފައިވާ ކަމެއް ކަމަށް ޗީފް މިނިސްޓަރު ވިދާޅުވިއެވެ.
ވިޖޭ ފާހަގަކުރެއްވި ގޮތުގައި، ރާމަނާތަޕޫރަމްއާއި އެ ސަރަހައްދާ ގުޅިފައިވާ އައްސޭރިފަށުގެ ޑިސްޓްރިކްޓްތަކުގެ މަސްވެރިން އާމްދަނީ ހޯދުމަށް އާދަކާދައިގެ މަތިން ބަރޯސާވަނީ ޕޯކް ބޭ ސަރަހައްދަށެވެ. ނަމަވެސް، މަސްވެރިން ހައްޔަރުކުރުމާއި ދޯނިފަހަރު ހިފެހެއްޓުމުގެ ސަބަބުން އެ މީހުންގެ އާއިލާތަކަށް ނަފްސާނީ ގޮތުންނާއި އިގުތިސާދީ ގޮތުން ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން މިފަދަ މައްސަލައެއްގައި މި މަހުގެ ތެރޭގައިވެސް ވިޖޭ ވަނީ ޖައިޝަންކަރަށް ސިޓީއެއް ފޮނުއްވައިފައެވެ. އެ ސިޓީގައި އޭނާ އެދިވަޑައިގެންފައިވަނީ ސްރީލަންކާގެ ކަނޑުގެ ސިފައިން ހިފަހައްޓާފައިވާ ޓަމިލްނާޑޫގެ 20 މަސްވެރިންނާއި 270 މަސްދޯނި މިނިވަންކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށެވެ.
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
ހައިކޯޓު
މާލެ
ކޮމެންޓް