ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު، އެންމެ ކުރީއްސުރެވެސް ހަމަޖެހިފައި އޮތީ، ވެރިރަށް ފުރަމާލޭގައި އުއްތަމަ ފަނޑިޔާރު ބޭކަލެއް ހުންނަވައިގެން، ރަށްރަށުގައި ނައިބުން ތިއްބަވައިގެން، ޝަރީޢަތް ކުރުމާއި ޝަރީޢަތް ހިންގުމުގެ ނިޒާމެއްގެ ގޮތުގައެވެ. ރާއްޖޭގެ އެނގެން އޮތް 900 އަހަރުގެ ތާރީޚުން މިކަން ސާބިތުވެއެވެ. ފުރަމާލޭގައި ފަނޑިޔާރުގެ އެވެ. ރަށްރަށުގައި ނައިބުގެ އެވެ.

22 ޑިސެމްބަރ 1932ގައި (ލިޔެވި ބަޔާންވެގެންވާ) ޤާނޫނުއަސާސީއެއްގެ ދަށުން ރާއްޖޭގެ ވެރިކަން ހިންގުން ނުވަތަ ދުސްތޫރީ ޙުކޫމަތެއް ޤާއިމުވުމުން އެހާތަނާހަމަޔަށް ހުންނެވި އުއްތަމަ ފަނޑިޔާރުމަނިކުފާނު ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން، ވަޒީރުލްޙައްޤާނިއްޔާ (މިނިސްޓަރ އޮފް ޖަސްޓިސް)ގެ މަޤާމަށް އިސްކުރެވުނެވެ. އެއީ ޝަރީޢަތްތައް ހިންގުމުގެ ވަޒީރު ކަމެވެ. ދެން ފަނޑިޔާރުމަނިކުފާނު ކަމަށް އިސްކުރެވުނީ ފަޟީލަތުއްޝައިޚް މުޙައްމަދު ސަޢީދު ދީދީއެވެ.

1932 އިން ފެށިގެން ރާއްޖޭގެ ޤާނޫނުއަސާސީތަކުގަައި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ވާހަކަ ބަޔާންވެގެންވިއެވެ. މިގޮތުން 1953ގައި ގާއިމުކުރެވުނު ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގައި ފަނޑިޔާރުގޭގެ ވާހަކަ އޭރުގެ ޤާނޫނުއަސާސީގައި ބަޔާންވެގެންވިއެވެ. ދިވެހިރާއްޖޭގައި ފަނޑިޔާރުގެއެއް ހުންނަންވާނެ ކަމަށާއި އެ ފަނޑިޔާރުގެ އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރުބޭކަލަކާއި ނައިބުބޭކަލުންގެ މައްޗަށް ކަމުގައި ބަޔާންވެގެންވިއެވެ.

11 ނޮވެންބަރު 1968ގައި ޤާއިމުކުރެވުނު މި ޖުމްހޫަރިއްޔާއާއެކު ފަނޑިޔާރުގެ އުވި މިނިސްޓްރީ އޮފް ޖަސްޓިސްގެ ޑިވިޝަންތަކެއް އުފެދި އެ ޑިވިޝަންތަކުގައި ޤާޟީން ތިއްބަވައިގެން ޝަރީޢަތްތައް ކުރާން ފެށުނެވެ. ވީމާ، މި ޑިވިޝަންތަކަކީ ކޯޓުގެ ނަން ދެވިފައި ނެތަސް “ޝަރުޢީ ކޯޓު”ތަކެކެވެ. އަދި އަތޮޅުތަކުގައި "އަތޮޅު ކޯޓު" ނަމުގައި 20 ޑިސެމްބަރ 1969ގައި ކޯޓުތަކެއް (ކޮންމެ އަތޮޅެއްގައި ކޯޓެއް) އުފެދުނެވެ. އެހެންނަމަވެސް ހައިކޯޓެއް ނުއުފެދެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓެގެ އެންމެ ފުރަތަމަ ޝަރީޢަތުގެ މަޖިލިސް އޮކުޓޫބަރު 1980 ---

11 ނޮވެމްބަރ 1978ގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނ.ޣ.ޢ.ވ)ގެ ވެރިކަން ފެށުމާއެކު، އޭރު އޮތް ޝަރުޢީ ނިޒާމު އިޞްލާޙު ކުރެއްވުމުގެ މަސައްކަތްޕުޅު ފެށްޓެވިއެވެ. މިގޮތުން މިނިސްޓްރީ އޮފް ޖަސްޓިސްގެ "ޝަރުޢީ" ޑިވިޝަންތައް އުވާލައްވައި އެތަންތަނަށް ކޯޓުތަކުގެ ނަން 1979ގައި ދެއްވިއެވެ. އަދި 17 ޖުލައި 1979ގައި ކޮންމެ ރަށެއްގައި ރަށު ކޯޓެއް އުފެއްދެވިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓު އުފެދުނީ 5 އޮކްޓޯބަރ 1980ގައެވެ. ހައިކޯޓުގެ އެންމެ މަތީ ފަނޑިޔާރަކީ އުއްތަމަ ފަނޑިޔާރު ކަމުގައި ހަމަޖެއްސެވިއެވެ. (1967އިން 1980އަށް) ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރެއް ނެތެވެ. 6 ނޮވެމްބަރ 1980ގައި (ދިވެހިރާއްޖޭގެ ހައިކޯޓުގެ) ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމަށް އިސްކުރެއްވީ އޭރު ހުންނެވި ދީނީ، ޝަރުޢީ، ޤާނޫނީ އެންމެ ބޮޑު ޢިލްމުވެރިޔާ އަދި ތަޖުރިބާކާރު ފަޟީލަތުއްޝައިޚުލް އުސްތާޛު މޫސާ ފަޠުހީއެވެ. އެމަނިކުފާނަކީ 11 ނޮވެމްބަރ 1968އިން 5 އޮކްޓޯބަރ 1980އަށް 12 އަހަރު މިނިސްޓަރ އޮފް ޖަސްޓިސްއެވެ. އަދި 1967ގައި ވަޒީރުލް އައުޒަމްގެ އޮފީހުގެ ޝަރުޢީ ބައި ނުވަތަ ޖުޑީޝަލް އެފެއާޒުގެ ޚާއްޞަ ވަކީލު ކަމާއި 1968ގައި ވަޒީރުލް އައުޒަމްގެ ނައިބު (ޝަރުޢީ ބައި ނުވަތަ ޖުޑީޝަލް އެފެއާޒް)ގެ މަޤާމު އަދާކުރެއްވިއެވެ. ވީމާ، 13 އަހަރަށްވުރެ ގިނަ ދުވަހު އެމަނިކުފާނު ވަނީ (އުއްތަމަ ފަނޑިޔާރުކަމުގެ ކުރިންވެސް) ރާއްޖޭގެ ޝަރުޢީ އިސްވެރިކަން ކުރައްވައިފައެވެ. (އުއްތަމަ ފަނޑިޔާރުކަން 6 އޮކްޓޯބަރ 1980އިން 6 ނޮވެމްބަރ 1996 އަށް 16 އަހަރު ކުރެއްވިއެވެ. ވީމާ އެމަނިކުފާނަކީ 30 އަހަރު ރާއްޖޭގެ ޝަރުޢީ އިސްވެރިޔާ އެވެ.) ޝައިޚް ފަޠުޙީ ވަނީ 1960ގެ އަހަރުތަކުގައި މިސުރުގެ އަޒުހަރު ޔުނިވަރސިޓީން، ޝަރުޢީ އަދި ޤާނޫނީ ރޮނގުން މަތީ ތަޢުލީމުގެ ޑިގްރީ ޙާޞިލު ކުރައްވައިފައެވެ. މިއީވެސް އެދުވަސްވަރަށް ބަލާއިރު މުޅިރާއްޖެއިން ޢިލްމީ ގޮތުން ފާހަގަކޮށްލެވުނު ކަމެކެވެ.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އިސްކުރެއްވުން 6 އޮކުޓޫބަރު 1980 ---

ދިވެހިރާއްޖޭގެ ހައިކޯޓުގެ 46 އަހަރުގެ ތާރީޚަށް ބަލާއިރު، 5 އޮކްޓޯބަރ 1980ގައި ހައިކޯޓު އުފެދުނީއްސުރެ، މިހާރުގެ ޤާނޫނުއަސާސީ (7 އޮގަސްޓް 2008)ގެ ދަށުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ގާއިމުވާންދެން 28 އަހަރު ދިވެހިރާއްޖޭގެ މަތީ ކޯޓަކީ ހައިކޯޓެވެ. މިހާރުވެސް މަތީކޯޓަކީ ހައިކޯޓެވެ. ސުޕްރީމް ކޯޓަކީ އެންމެ މަތީ ކޯޓެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އުފެދުނީ 18 ސެޕްޓެމްބަރު 2008ގައެވެ. ވީމާ، 18 އަހަރުވީއެވެ. ތަސައްރަފު ފުދޭ އުމުރު ފެށުނީވެސްމެއެވެ.

އެޑިޓަރުގެ ނޯޓު:

މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.