ދުނިޔޭގެ އެންމެ ދުވަސްވީ އަންހެން ވިންގް ވޯކަރަކީ އުމުރުން 99 އަހަރުގެ މީހެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދެއްކި ނަމަވެސް، ގިނިސް ވޯލްޑް ރެކޯޑްސްއިން ކަށަވަރުކޮށްދޭ ގޮތުގައި އެ ރެކޯޑު އޮތީ އުމުރުން 97 އަހަރުގެ އިނގިރޭސިވިލާތުގެ ބެޓީ ބްރޮމޭޖްގެ އަތުގައެވެ.
ގިނިސްއިން ހާމަކޮށްފައިވާ ގޮތުގައި، ބެޓީ އޭނާގެ އަމިއްލަ ރެކޯޑު މުގުރާލީ 4 އޮގަސްޓު 2026 ގައި އިނގިރޭސިވިލާތުގެ ގްލޯސްޓާޝަޔަރގެ އާރްއެފްސީ ރެންޑްކޮމްބް އެއަރފީލްޑްގައި އުދުހުނު މަތިންދާބޯޓެއްގެ ފިޔަގަނޑުމަތީގައި ހުރެގެންނެވެ.
މިއީ އޭނާ މިގޮތަށް އުދުހުނު ހަވަނަ ފަހަރެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، 2025 ވަނަ އަހަރު ސްޓްރޯކެއް ޖެހުމަށްފަހު ފަރުވާ ހޯދި ބެޓީ މިފަހަރު އުދުހުނީ ޗެލްޓެންހަމް ޖެނެރަލް ހޮސްޕިޓަލުގެ ސްޓްރޯކް ޔުނިޓަށް ފައިސާ ހޯދުމަށެވެ. ބެޓީ ބުނި ގޮތުގައި އޭނާ ބޭނުންވަނީ އޭނާއަށް ކުރެވޭނެ ކަންކަން ކުރުމަށެވެ. އެހެން ނޫންނަމަ ދިރިއުޅުމާމެދު ފޫހިވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
އަނެއްކޮޅުން، ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން ވިންގް ވޯކަރުގެ ރެކޯޑު އޮތީ އުމުރުން 99 އަހަރު ފުރެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް އެކަން ކުރި އިނގިރޭސިވިލާތުގެ ހެރީ ހީސްމަންގެ އަތުގައެވެ. ގިނިސްއިން ކަށަވަރުކޮށްދޭ ގޮތުގައި، 23 މެއި 2026 ގައި ކޭމްބްރިޖްޝަޔަރގެ އައިޑަބްލިއުއެމް ޑަކްސްފޯޑް އެއަރފީލްޑްގައި ހެރީ އުދުހުނުއިރު އޭނާގެ އުމުރަކީ 98 އަހަރާއި 357 ދުވަހެވެ. ކުޑަކުދިންގެ ކެންސަރަށް ފަރުވާދޭ ޖަމިއްޔާއަކަށް ފައިސާ ހޯދުމަށް ހެރީ ކުރި މި ދަތުރުގައި އޭނާ ވަނީ 7 މިނެޓަށްވުރެ ގިނައިރު ވަންދެން ބޯޓުގެ ފިޔަގަނޑުމަތީގައި ހޭދަކޮށްފައެވެ.
މި ދެ ރެކޯޑަކީވެސް އުމުރަކީ ހުރަހެއް ނޫންކަން ސާބިތުކޮށްދޭ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ބެޓީއާއި ހެރީގެ މި ކާމިޔާބީއާއެކު، ގިނިސް ވޯލްޑް ރެކޯޑްސްއިން ވަނީ މި ދެ ރެކޯޑު ރަސްމީކޮށް ބަލައިގަނެފައެވެ.

ދުނިޔޭގެ ރެކޯޑު
ދުނިޔޭގެ ރެކޯޑު
ދުނިޔޭގެ ރެކޯޑު
ދުނިޔޭގެ ރެކޯޑު
ކޮމެންޓް