ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް ގެންނަ "އެލް ނީނޯ" ގެ އަސަރު ރާއްޖެއަށް ފޯރައި، މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ހޫނުމިން އާންމު މިންގަނޑަށް ވުރެ މަތީގައި ހުރިކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕެސިފިކް ކަނޑުގައި އުފެދިފައިވާ އެލް ނީނޯގެ ބާރު މިދިޔަ މަހުވަނީ ވަރަށް ބޮޑަށް ގަދަވެފައި ކަމަށެވެ. އަދި އޭގެ އިންޑެކްސް +2.1 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާއިރު، ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ތެރޭގައި މި މޫސުމީ ހާލަތު އޭގެ އެންމެ ނުރައްކާތެރި ހިސާބަށް ދާނެކަމަށް ލަފާކުރެވޭކަމަށް މެޓުން ބުންޏެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ ފިނިހޫނުމިން ހުރީ އާންމު ހަމަތަކަށް ވުރެ މަތީގައިކަމަށް މެޓުން ބުންޏެވެ. ހާއްސަކޮށް ޖޫން މަހުން ފެށިގެން ރާއްޖޭގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން ބަދަލުވަމުން ގޮސް، މިދިޔަ މަހު ވަނީ ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައިކަމަށް މެޓުން ބުންޏެވެ.

އަދި މޫސުމީ އެކި ސްޓޭޝަންތަކުން ރިކޯޑްކުރެވުނު އެންމެ މަތީ ފިނިހޫނުމިންވެސް ހުރީ އާދައިގެ މިންވަރަށް ވުރެ މަތީގައިކަމަށް މެޓުން ބުންޏެވެ. ވާރޭވެހުމުގެ ނިޒާމަށްވެސް މިކަމުގެ ސަބަބުން ބޮޑެތި ބަދަލުތަކެއްވަނީ އައިސްފައިކަމަށް މެޓުން ބުންޏެވެ.

އެގޮތުން، އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުނު ނަމަވެސް، އެހެން ސަރަހައްދުތަކަށް ވާރޭވެހުނު މިންވަރު ހުރީ އާންމު މިންވަރަށް ވުރެ ދަށުގައިކަމަށް މެޓުން ބުންޏެވެ.

މުޅި ދުނިޔެއަށް ބަލާއިރުވެސް އެލް ނީނޯގެ ސަބަބުން ބައެއް ގައުމުތަކުގައި ފެންބޮޑުވެ، އަނެއްބައި ހިސާބުތަކަށް ހަނަފަސްކަމުގެ ނުރައްކާ ދަނީ ކުރިމަތިވަމުން ކަމަށާއި، ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވުމަކީ ރާއްޖޭގެ ފަރުތަކުގެ ދިރުމަށް އޮތް ބޮޑު ނުރައްކަލެއްކަމަށް މެޓުން ބުންޏެވެ.

މީގެ ސަބަބުން ފަރުތައް ހުދުވުމުގެ ފުރުސަތު ބޮޑުވެ، އޮއިވަރަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ މައި އެއް ސިނާއަތް ކަމަށްވާ މަސްވެރިކަމަށް ވަރަށް ބޮޑަށް ހުރަސްއެޅިދާނެއެވެ. ހަމައެއާއެކު، ވާރޭވެހުން މަދުވާ ސަރަހައްދުތަކުގައި ދަނޑުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ޕެސިފިކް ކަނޑުގައި އުފެދިފައިވާ އެލް ނީނޯގެ އަސަރު ދުނިޔޭގެ އެކި ހިސާބުތަކަށް ދައްކަމުންދާތީ، ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށާއި ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންވެސްވަނީ މީގެ ކުރިން އިލްތިމާސްކޮށްފައެވެ.