ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި އަގު ނުޖަހައި ވިއްކާ ނަމަ، އެ ވިޔަފާރިތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ގެޒެޓްގައި މިއަދު ކުރި އިއުލާނެއްގައި ބުނީ ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ ގިނަ އަދަދެއްގެ މުދަލުގައި މުދާ ގަންނަ ފަރާތްތަކަށް ސާފުކޮށް އެނގޭނޭހެން މުދަލުގެ އަގު ޖަހާފައި ނުހުންނަކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުން އަންނަ ކަމަށެވެ.

މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނުގައިވާ ގޮތުން ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭ ގޮތަށް ނުނީ އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާ ކަމެކެވެ.

މިނިސްޓްރީން ބުނީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުދަލުގައި އަގު ޖަހާފައިވާ ކަމަށް ބެލެވޭނީ މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުމާއި އަދި އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރުމާ އެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން އެނގޭ ގޮތަށް ހުރުމުން ކަމަށެވެ.

އެހެންވެ، މުދާ ވިއްކާ ހުރިހާ ފަރާތްތަކުން ވިއްކަން ބަހައްޓާފައިވާ މުދަލުގައި، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަގު ސާފުކޮށް ފެންނާން ހުންނާނޭހެން ބެހެއްޓުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އެ މިނިސްޓްރީން ބުނީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް މުދާ ވިއްކާ ފަރާތްތަކުން އަމަލުކުރޭތޯ ބެލުމަށްޓަކައި، އެ ގާނޫނުގެ ދަށުން އިންސްޕެކްޓްކޮށް މޮނިޓާކޮށް، ގާނޫނާއި ހިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.