2011 ވަނަ އަހަރު ނެރުނު ފިލްމު 'ދަ ޑާޓީ ޕިކްޗާ'ގެ ދެވަނަ ބައި، 'ދަ ޑާޓީ ޕިކްޗާ 2' އުފައްދަން ނިންމާފައިވާކަން ޕްރޮޑިއުސަރު އެކްތާ ކަޕޫރު އިއުލާންކޮށްފިއެވެ.

ރަންވީރު އައްލާބާދިއާގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން އެކްތާ ބުނީ، ފުރަތަމަ ފިލްމަށް 15 އަހަރު ފަހުން ދެވަނަ ބައެއް އުފައްދަން ނިންމީ ކިޔައިދޭން ބޭނުންވާ މުހިންމު ވާހަކައެއް އޮތުމުން ކަމަށެވެ. "ކިޔައިދޭން ބޭނުންވާ ވާހަކައެއް އެބައޮތް" ކަމަށާއި، މިއީ ވަރަށް ބޮޑު ޕްރޮޖެކްޓެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

ސިލްކް ސްމިތާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި ފުރަތަމަ ފިލްމުގައި ލީޑު ރޯލު ކުޅެފައިވަނީ ވިދްޔާ ބާލަން އެވެ. އެ ފިލްމުގައި ވިދްޔާ ދެއްކި ހުނަރަށް އޭނާއަށް ވަނީ ނެޝަނަލް އެވޯޑު ވެސް ލިބިފައެވެ.

ފުރަތަމަ ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން އެކްތާ ބުނީ، ސިލްކް ސްމިތާއަކީ މުޖުތަމައުގެ ފާޑުކިޔުންތަކާ ކުރިމަތިލާންޖެހުނު މީހެއް ނަމަވެސް، އޭނާއަކީ އަމިއްލަ މިނިވަންކަމާއެކު އުޅުނު މީހެއް ކަމަށެވެ. ދެވަނަ ފިލްމުގައި ވެސް ފެނިގެންދާނީ އެފަދަ މިނިވަންކަމާއެކު އުޅޭ މީހެއްގެ ވާހަކަ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެއީ ކާކުގެ ވާހަކައެއްކަން އޭނާ ހާމަކޮށްފައެއް ނުވެއެވެ.

މި ފިލްމު އުފައްދާކަން އެކްތާ ރަސްމީކޮށް އިއުލާންކުރި ނަމަވެސް، ފިލްމުގެ ލީޑު ރޯލުން ފެންނާނެ ތަރިންނާއި، ފިލްމު ޑައިރެކްޓުކުރާނެ ފަރާތެއް އަދި ފިލްމު ނެރޭނެ ތާރީހު ފަދަ އެއްވެސް ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.