ދިރާގުގެ ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ކުރީގެ ރައުޓަރު ބޭނުންކުރާ ފަރާތްތަކަށް، އެއްވެސް އިތުރު ފީއަކާ ނުލައި މުޅިން ހިލޭ ރައުޓަރު އަޕްގްރޭޑްކުރުމުގެ ފުރުސަތު އެ ކުންފުނިން މިއަދު ހުޅުވާލައިފިއެވެ.
ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މިއީ އެ ކުންފުނީގެ 38 ވަނަ އަހަރީ ދުވަހާ ގުޅިގެން ކަސްޓަމަރުންގެ އިންޓަނެޓް ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމުގެ ބޭނުމުގައި ތައާރަފުކުރި ހާއްސަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ ދަށުން ރައުޓަރު ބަދަލުކުރެވޭނީ ފައިބާ ބްރޯޑްބޭންޑްގެ 30 އެމްބީޕީއެސްއިން ފެށިގެން މަތީގެ ސްޕީޑް ލިބޭ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށެވެ. ޝަރުތު ހަމަވާ ކަސްޓަމަރުންނަށް މި ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 31 ގެ ނިޔަލަށެވެ.
ހިލޭ ރައުޓަރު އަޕްގްރޭޑްކުރުމަށް ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު މޮބައިލް އެޕްލިކޭޝަންގައިވާ 'ފްރީ ރައުޓަރު އަޕްގްރޭޑް' ބެނާ މެދުވެރިކޮށް ވަރަށް ފަސޭހަކަމާއެކު އެކަމަށް ހުށަހެޅޭނެއެވެ. މި ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް އާ ރައުޓަރު އިންސްޓޯލްކޮށް، ސެޓަޕް ފުރިހަމަކުރުމުގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހުރިހާ ދިރާގު ކަސްޓަމަރުންނަށް ވެސް އެ ކުންފުނީގެ ޓީމުން ފޯރުކޮށްދޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މި ޕްރޮމޯޝަނަށް ޝަރުތު ހަމަނުވާ، 30 އެމްބީޕީއެސްއަށް ވުރެ ދަށް ސްޕީޑްތަކުގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނަށް ވެސް މަތީ ޕްލޭނަކަށް އަޕްގްރޭޑްކޮށްގެން ކުރީގެ ރައުޓަރު ހިލޭ ބަދަލުކުރުމުގެ ފުރުސަތު ލިބޭނެއެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންގެ ދިރިއުޅުމަށް ލުއިފަސޭހަކަމާއި ފައިދާ ގެނެސްދޭނެ ފަދަ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިތިބުމެވެ.
ދިރާގު
ދިރާގު
ދިރާގު
ކޮމެންޓް