ސިންގަޕޫރުގެ ވައިގެ ނުސާފުކަން ދައްކައިދޭ ޕޮލިއުޓަންޓް ސްޓޭންޑަޑްސް އިންޑެކްސް 192 އަށް އުފުލި މި އަހަރުގެ އެންމެ މަތީ މިންވަރަށް ރެކޯޑުކުރެވުމާ ގުޅިގެން، އެ ގައުމުގެ ރައްޔިތުން ބޭރުތެރޭގައި ހިންގާ ހަރަކާތްތައް މަދުކުރަން ފަށައިފިއެވެ. ބޭރުގައި އުޅޭއިރު މާސްކް އަޅައިގެން އުޅުމަށްވެސް ސިއްހީ ފަރާތްތަކުން އަންނަނީ އިރުޝާދު ދެމުންނެވެ.
މިއީ ސަރަހައްދުގައި ފެތުރެމުންދާ ދުމުގެ އަސަރުގެ ސަބަބުން ސިންގަޕޫރުގެ ވައިގެ ނުސާފުކަން މި އަހަރުގެ ތެރޭގައި އެންމެ ގޯސްވި ފަހަރެވެ. ވައިގެ ނުސާފުކަން ސިއްހަތަށް ނުރައްކާވާ މިންވަރަށް ދިއުމާ ގުޅިގެން ސިންގަޕޫރުގެ ނޭޝަނަލް އެންވަޔަރަންމަންޓް އޭޖެންސީން ވަނީ އާންމުންނަށް ހާއްސަ އިރުޝާދުތަކެއް ނެރެފައެވެ.
މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ސަރުކާރުން ވަނީ ހޭޒް ޓާސްކް ފޯސް އެކުލަވާލައި ކަމާބެހޭ އިދާރާތައް ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. ގައުމުގެ ގިނަ ސްކޫލްތަކުން ވަނީ ބޭރުތެރޭގައި ބާއްވާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ގަޑިތައް ކެންސަލްކޮށް، ދަރިވަރުން ގޭގެތެރޭގައި ނުވަތަ އިމާރާތްތަކުގެ އެތެރޭގައި ވަގުތު ހޭދަކުރުމަށް އަންގާފައެވެ.
މީގެ އިތުރުން ސިންގަޕޫރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ވަނީ ވައި ސާފުކުރާ އެއާ ޕިއުރިފަޔާތައް ބޭނުންކުރަން ފަށައި، ބަލިމީހުން ތިބޭ ވޯޑުތަކުގެ ކުޑަދޮރުތައް ބަންދުކޮށްފައެވެ. އަދި އަސްކަރިއްޔާއާއި ހޯމް ޓީމްގެ އިދާރާތަކުން ވެސް ވަނީ ބޭރުތެރޭގައި ހިންގާ ކަސްރަތު ޕްރޮގްރާމްތަކާއި ފިޒިކަލް ފިޓްނަސް ޓެސްޓުތައް ފަސްކޮށްފައެވެ.
ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ އިންޑެކްސް މިންވަރު 200 އަށްވުރެ މައްޗަށް ގޮސްފިނަމަ އެން 95 މާސްކު އާންމުންނަށް ފޯރުކޮށްދިނުމާއި ހޭޒް ޝެލްޓާތައް ހުޅުވުން ފަދަ އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށެވެ. ވައިގެ މިންވަރު 300 އަށްވުރެ މައްޗަށް ގޮސްފިނަމަ ސްކޫލްތައް ބަންދުކުރުމާ މެދު ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މި ދުމުގެ އަސަރު ސިންގަޕޫރަށް ފޯރަން ފަށާފައިވަނީ ސަރަހައްދީ ގައުމުތަކުގައި ކަނޑާފައިވާ ޖަންގަލިތަކާއި ފީޓްލޭންޑްތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުންނެވެ. ކަމާބެހޭ މާހިރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ވައިގެ ނުސާފުކަން މި މިންވަރުގައި ދެމިއޮތުމުގެ ފުރުސަތު ބޮޑެވެ.
ސިންގަޕޫރު
ސިންގަޕޫރު
ސިންގަޕޫރު
ކޮމެންޓް