އެމެރިކާގެ ލޭބާ ޑިޕާޓްމަންޓުން ބޭރު ގައުމުތަކުގެ މުވައްޒަފުންނަށް ދާއިމީ ރެސިޑެންސީ ނުވަތަ ގްރީން ކާޑު ހޯދައިދިނުމަށް ބޭނުންކުރާ ޕްރޯގްރާމުން މައިކްރޯސޮފްޓް ސަސްޕެންޑްކޮށް، އެ ކުންފުނީގެ ހުށަހެޅުންތައް ކުރިއަށްގެންދިއުން ހުއްޓުވައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މައިކްރޯސޮފްޓުން އިމިގްރޭޝަން ނިޒާމުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ތުހުމަތުކޮށް، އެމެރިކާގެ ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވީ، އެ ކުންފުނިން އެމެރިކާގެ ރައްޔިތުން ވަޒީފާއިން ވަކިކުރުމަށްފަހު، ކުޑަ މުސާރައަށް ބޭރު ގައުމުތަކުގެ މުވައްޒަފުން އައްޔަންކުރަމުންދާ ކަމަށެވެ.

ވޮޝިންގްޓަންގައި ބޭއްވި މި ބައްދަލުވުމުގައި އެމެރިކާގެ ލޭބަރ ސެކްރެޓަރީ ކީތު ސޮންޑަރލިންގ ވިދާޅުވީ، މައިކްރޯސޮފްޓްގެ އިތުރުން އަޑޯބީ އާއި އައިޓީ ދާއިރާގެ ބައެއް އެހެން ބޮޑެތި ކުންފުނިތައްވެސް މި ޕްރޯގްރާމުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. މި ކުންފުނިތަކާ ދެކޮޅަށް ފެޑަރަލް ތަހުގީގުތަކެއް ހިނގަމުންދާތީ، އެ ކުންފުނިތަކުން ހުށަހަޅާ އާ އެޕްލިކޭޝަންތައް ބަލައިގަތުން ވަނީ ހުއްޓާލާފައެވެ.

މި ސަސްޕެންޝަން އަމާޒުވެފައިވަނީ ދާއިމީ މަސައްކަތުގެ ސެޓިފިކެޓް ދޫކުރާ ޕާމަނަންޓް ބަރ ސެޓިފިކޭޝަން (ޕާރމް) ޕްރޯގްރާމަށެވެ. މި ޕްރޯގްރާމަކީ އެޗް-1ބީ ވިސާގައި އެމެރިކާގައި މަސައްކަތްކުރާ ބޭރު މުވައްޒަފުންނަށް ގްރީން ކާޑު ހޯދުމަށް ފުރަތަމަ ފުރިހަމަކުރާން ޖެހޭ މުހިންމު މަރުހަލާއެވެ. ނަމަވެސް މި ނިންމުމުގެ ސަބަބުން މިހާރު ދޫކޮށްފައިވާ އެޗް-1ބީ ވަގުތީ ވިސާތައް ބާތިލެއް ނުވެއެވެ.

މައިކްރޯސޮފްޓުން ވަނީ އެމެރިކާ ސަރުކާރުގެ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި، ވޭތުވެދިޔަ އަހަރު ހުށަހެޅި އެޗް-1ބީ އެޕްލިކޭޝަންތަކުގެ %80 އަކީ މިހާރުވެސް ތިބި މުވައްޒަފުންގެ ވިސާ އިތުރުކުރުމަށް ހުށަހެޅި އެޕްލިކޭޝަންތަކެކެވެ. އަދި އާ މުވައްޒަފުންގެ ގޮތުގައި ނަގާފައިވާ ބޭރު މުވައްޒަފުންނަކީ އެމެރިކާގެ މުޅި ވަޒީފާގެ އާބާދީގެ އެންމެ %1 ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެމެރިކާގެ ލޭބަރ ޑިޕާޓްމަންޓުގެ މަޢުލޫމާތުތަކަށް ބަލާއިރު، މައިކްރޯސޮފްޓަކީ ބޭރު މުވައްޒަފުންނަށް ގްރީން ކާޑު ހޯދައިދިނުމަށް އެންމެ ގިނައިން އެދޭ އެއް ކުންފުންޏެވެ.