ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓާއި ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަންގާރަ އަދި ބުދަ ދުވަހު ދިން ކަމަށް ބުނާ ހަމަލާތަކެއްގައި ތިން މީހަކު މަރުވެ 36 މީހަކަށް އަނިޔާވެފައިވާ ކަމަށް އެ ގައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ގާކާ) އިން ބުނެފިއެވެ.
އެ އޮތޯރިޓީން ބުނި ގޮތުގައި، އަބްހާ އެއާޕޯޓަށް ދިން ހަމަލާގައި މަރުވެފައިވަނީ މޮރޮކޯއާއި އަލްޖީރިއާއަށް ނިސްބަތްވާ ދެ އަންހެނުންނެވެ. މި ހަމަލާގައި އިތުރު 28 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށާއި، އޭގެ ތެރޭގައި ސައުދީ ރައްޔިތުންނާއި ބަންގްލަދޭޝް އަދި ފިލިޕީންސްގެ ރައްޔިތުން ހިމެނޭ ކަމަށް ސިވިލް އޭވިއޭޝަނުން ބުނެފައިވެއެވެ.
ވެރިރަށް ރިޔާދުގައި ހުންނަ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާގައި ސޫދާނުގެ ރައްޔިތަކު މަރުވެފައިވާއިރު، އިތުރު 8 މީހަކަށް އަނިޔާވެފައިވާ ކަމަށް އެ އޮތޯރިޓީން ރިޕޯޓުކޮށްފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ސައުދީގެ ފަސް ރައްޔިތަކާއި، މިސްރުގެ ދެ މީހެއްގެ އިތުރުން ޕާކިސްތާނު މީހަކު ހިމެނޭ ކަމަށް ބުނެފައިވެއެވެ.
ސިވިލް އޭވިއޭޝަނުން ބުނި ގޮތުގައި، އަނިޔާވި ހުރިހާ އެންމެން ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފައެވެ. މީގެ އިތުރުން، މި ދެ ހަމަލާގެ ސަބަބުން ދެ އެއާޕޯޓުގެ އިމާރާތްތަކަށާއި މުދަލަށް ގެއްލުންތަކެއް ލިބިފައިވާ ކަން އެ އޮތޯރިޓީން ހާމަކޮށްފައިވެއެވެ.
މި ހާދިސާތަކާ ގުޅިގެން ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ވަގުތުން ފިޔަވަޅުތައް އަޅާފައިވާ ކަމަށް ގާކާއިން ބުނެފައިވެއެވެ. އަދި ލިބުނު ގެއްލުންތައް ވަޒަންކުރުމަށާއި، ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ ސަލާމަތީ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ކޮމެންޓް