ނޯބެލް ސުލްހައިގެ އިނާމު ހައްގުވާ ކަމަށާއި، ނަމަވެސް އެ އިނާމު ލިބިވަޑައިގަންނަވާނެ ކަމާމެދު ޝައްކުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވެއްޖެއެވެ.

ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޓްރަމްޕް މިހެން ވިދާޅުވީ، 2026 ވަނަ އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ލިބޭ ފަރާތެއް ހުކުރު ދުވަހު އިއުލާންކުރުމަށް ހަމަޖެހިފައި ވަނިކޮށެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، އޭނާއަށް އިނާމު ހައްގުވަނީ 8 ހަނގުރާމައެއް ނިމުމަކަށް ގެންނަވައި، ރަހީނުކޮށްފައިވާ ގިނަ ބަޔަކު ސަލާމަތްކުރެއްވުމުގެ އިތުރުން، އީރާނަށް ނިއުކްލިއާ ހަތިޔާރު ނުލިބޭނެކަން ކަށަވަރުކުރައްވައި ދުނިޔެ ސަލާމަތްކުރެއްވުމަށް ކުރެއްވި މަސައްކަތްތަކާ ގުޅިގެންނެވެ. ކުރިން މި އިނާމު ލިބުނު ފަރާތްތަކަށް ވުރެ މާ ގިނަ މަސައްކަތްތައް ކުރައްވާފައިވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

އިނާމު ލިބިވަޑައިގަންނަވާނެ ކަމާމެދު ޝައްކު އުފައްދަވަމުން ޓްރަމްޕް ވިދާޅުވީ، ކޮމެޓީން ނިންމާނެ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

“ކޮމިޓީން ނިންމާނެ ގޮތެއް ނޭނގޭ. އަހަރެން ކަހަލަ މީހުންނަށް އިނާމު ނުދިނުމުގެ ތާރީހެއް އެމީހުންގެ އޮވޭ،” ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް އިނާމު ނުދީފިނަމަ، އެއީ ނޯބެލް ކޮމެޓީއަށް ލިބޭނެ ވަރަށް ބޮޑު ހުތުރެއް ކަމަށްވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، 2025 ވަނަ އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ހާސިލުކުރި ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު މާރިއާ ކޮރީނާ މަޗާޑޯ، އޭނާގެ މެޑަލް މިދިޔަ ޖެނުއަރީ މަހު ޓްރަމްޕަށް ހަދިޔާކުރެއްވުމުން، ނުސީދާ ގޮތެއްގައި އެ އިނާމު ލިބިވަޑައިގެންފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ނޯބެލް ކޮމެޓީން މިއަހަރުގެ އިނާމު ލިބޭ ފަރާތް އިއުލާންކުރާނީ ހުކުރު ދުވަހުއެވެ.