ސައުދީ އަރަބިއްޔާގެ ތާއީދު އޮންނަ ޔަމަނުގެ ސަރުކާރު ސިފައިން، ތާއިޒް ޕްރޮވިންސްގެ ޖަބަލް ހަބަޝީ ޑިސްޓްރިކްޓުގެ އެންމެ އުސް ފަރުބަދަ ހިފައިފިއެވެ.

ތާއިޒް މިލިޓަރީ އެކްސިސްއިން ބުނި ގޮތުގައި، "ޑޯން އޮފް ޔަމަން" އޮޕަރޭޝަނުގެ ދަށުން ކުރިއަށްގެންދިޔަ މި ހަމަލާތަކުގައި ހޫތީންގެ 100 އެއްހާ ހަނގުރާމަވެރިން މަރުވެ، 150 މީހުން ވަނީ ޒަހަމްވެފައެވެ. އަދި ހޫތީންގެ ފަސް ޑްރޯން ވައްޓާލައި، ހަ އުޅަނދަކާއި ޓޭންކެއް ހަލާކުކޮށްލާފައިވާ ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ. މި އޮޕަރޭޝަނަކީ ޔަމަނުގެ ރިޔާސީ ކައުންސިލްގެ ޗެއާމަން ރަޝާދު އަލްއަލީމީ މިދިޔަ ހޯމަ ދުވަހު އިއުލާންކުރެއްވި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގެ ތެރެއިން ދެކުނު ތާއިޒްގެ ޖަބަލް އަލްމަންޒަރާއާއި، އަލްއަޝާރިފް އަދި ޒީބާން ސަރަހައްދުވެސް ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އަނާދޮލޫ އޭޖެންސީން ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، ރަތް ކަނޑުގެ އައްސޭރީގައި އޮންނަ މޮހާއާއި ސްޓްރެޓީޖިކް ބާބުލް މަންދަބް ސަރަހައްދުވެސް އަނބުރާ ހިފާފައިވާ ކަމަށް ސަރުކާރު ސިފައިން ވަނީ އިއުލާންކޮށްފައެވެ.

ނަމަވެސް، ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ވިދާޅުވި ގޮތުގައި، ސަރުކާރު ސިފައިން ކުރިއެރުން ހޯދި ކަމަށް ބުނާ ވާހަކަތަކަކީ ދޮގެކެވެ. އަދި ހޫތީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތައް އަދިވެސް އޮތީ އެ މީހުންގެ ކޮންޓްރޯލްގެ ދަށުގައި ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މާރިބް އަދި އަލްޖައުފް ޕްރޮވިންސްގައި ތިބި ސައުދީ ސިފައިންނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައިވާނެ ކަމަށްވެސް ސަރީ ވިދާޅުވިއެވެ.

މި ހަމަލާތަކަކީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހު އދ. އިން މެދުވެރިވެގެން ގެނައި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށްފަހު، ޔަމަނުގައި ހިނގަމުންދާ އެންމެ ވަރުގަދަ ކުރިމަތިލުންތަކެވެ.