ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ފްލެޓަކުން ވެއްޓި މަރުވީ އުމުރުން 20 އަހަރުގެ ފިރިހެނެއްކަން ފުލުހުން ކަށަވަރުކޮށްދީފިއެވެ.

މިއަދު މެންދުރުފަހު ހިނގި އެ ހާދިސާގައި ފުލުހުން އަދިވެސް ހަރަކާތްތެރިވާ އިރު، "ވަން" އަށް އެނގިފައިވާ ގޮތުގައި އެމީހާގެ ބޯ އޮތީ މެދުން ދެފަޅިވެފައެވެ. އަދި އޭނާގެ ހަށިގަނޑުގެ ބައެއް މަސްކޮޅުތައް އެ ސަރަހައްދުގެ އެކި ތަންތަނަށް ބުރައިގެން ގޮސްފައިވާ މަންޒަރުވެސް ފެނެއެވެ.

06 އޮކްޓޫބަރު 2026، އަމާން އުދަރެސްގެ ފްލެޓަކުން މީހަކު ވެއްޓިފައިވާ ސަރަހައްދު-- ފޮޓޯ: ހަމްދާން އަހުމަދު / ވަން

ފުލުހުން މިއަދު މީޑިއާތަކަށް ބުނީ ވެއްޓުނީ އުމުރުން 20 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ވެއްޓިފައިވާ ކަމަށް ބެލެވެނީ އެ އިމާރާތުގެ 15 ވަނަ ފަންގިފިލާއިން ކަމަށެވެ. އެ ހާދިސާގައި ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ ކަމަށް ފުލުހުން ބުންޏެވެ.

އެ ޒުވާނާ ވެއްޓުނު ހާދިސާ ފުލުހުން ތަހުގީގުކުރަމުންދާ އިރު، އެ ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

06 އޮކްޓޫބަރު 2026، އަމާން އުދަރެއްގެ ފްލެޓަކުން މީހަކު ވެއްޓިގެން ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: ހަމްދާން އަހުމަދު / ވަން

މަންޒަރު ދުށް މީހުންނާ ހަވާލާދީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ "ވަން"ގެ ނޫސްވެރިޔާ ވެސް މައުލޫމާތުދޭ ގޮތުގައި އެ ޒުވާނާ ވެއްޓުނީ އަމާން އުދަރެސް ޓަވަރު 8 ގެ 15 ވަނަ ފަންގިފިލާ އިންނެވެ.