ތަރައްގީގެ ދުރުރާސްތާ ޕްލޭނެއް އޮތުމަކީ އެއް މިސްރާބަކަށް ދަތުރުކުރުމަށް ލިބިގެންދާނެ ބޮޑު ފަސޭހައެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިރޭ ވިދާޅުވީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަކީ އަމާޒެއް ކަމަށެވެ. ރައީސް ވިދާޅުވީ، 2024 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުގައި ރާއްޖެ ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓަށް ގެންދިއުމުގެ އަމާޒު އިއުލާންކުރެއްވީ، އެއީ ދުނިޔޭގެ އެންމެ ބޮޑު ޕްލެޓްފޯމް ކަމަށްވާތީ، ދިވެހި ރައްޔިތުންގެ އުންމީދުތަކާއި ތަސައްވުރު މުޅި ދުނިޔެއަށް ހާމަކޮށްދެއްވުމުގެ ބޭނުމުގައި ކަމަށެވެ.
އަދި މީގެކުރިން ސަރުކާރުތައް ބަދަލުވުމާއެކު ބޮޑެތި މަޝްރޫއުތައް ހުއްޓި، ގައުމުގެ މިސްރާބު ބަދަލުވެގެންދާ މަންޒަރު ފެނިފައިވާކަން ފާހަގަކުރައްވައި، އެއީ ތަރައްގީއަށް އޮތް ބޮޑު ހުރަހެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމަށް ހައްލެއް ހޯއްދެވުމުގެ ގޮތުން، ރައްޔިތުންގެ ބައިވެރިވުމާއެކު އެކުލަވާލާ ގައުމީ ތަރައްގީގެ މާސްޓާ ޕްލޭނަކީ ވެރިކަން ބަދަލުވި ނަމަވެސް، ބަދަލުނުކުރެވޭނެ އެއްޗަކަށް ހެދުމަށްޓަކައި، އެ ޕްލޭނަށް ގާނޫނީ ރައްކާތެރިކަން ދިނުމުގެ ޑްރާފްޓިން މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
"މި މާސްޓާ ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތްވެސް އެބަކުރަން. މިހާރު ޑްރާފްޓިންގެ މަސައްކަތްވެސް އެބަހިނގާ." ރައީސް ވިދާޅުވިއެވެ.
ގައުމީ ޕްލޭން އެކުލަވާލެވެނީ މައިގަނޑު ފަސް ދާއިރާއަކަށް އަމާޒުކޮށްގެންނެވެ. އެއީ ދިވެހި ސަގާފަތާއި އިސްލާމީ އަދަބުތައް ދެމެހެއްޓުމާއި، އިގްތިސޯދީ އާރާސްތުކުރުމާއި، ރައްޔިތުންގެ ދިރިއުޅުމުގެ ކުރިއެރުމާއި އިޖުތިމާއީ ތަރައްގީގެ އިތުރުން، ތިމާވެށި ދެމެހެއްޓުމާއި ދައުލަތުގެ އިދާރާތައް ހިންގުން ހަރުދަނާކުރުމެވެ.
ރައީސް ވިދާޅުވީ މިފަދަ ހަރުދަނާ ޕްލޭނަކާއެކު ކުރިއަށްދިއުމުން 2040 ވަނަ އަހަރަށް ރާއްޖެ ތަރައްގީގެ އަމާޒަށް ވާސީލުވުމަށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމަށް މަގުފަހިވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް