މި އަހަރުގެ މިހާތަނަށް ސްކޭމްގެ 1584 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތަކުގައި 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ، މި އަހަރު، 1580 ރައްޔިތުން ސްކޭމްގެ ޝިކާރައަކަށްވެފައިވާ ކަމަށާއި މި ސްކޭމްތަކުގައި ގެއްލުނު ފައިސާގެ އަދަދު 15،067،763.83 އަށް އަރާ ކަމަށެވެ.

ނަވީދު ވިދާޅުވީ، އޭގެ ތެރެއިން 6.6 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާ އިރު، އެއީ ގެއްލުނު ފައިސާގެ 44.3 ޕަސަންޓު ކަމަށެވެ.

ނަވީދު ވިދާޅުވީ ސްކޭމްތަކުގައި ގެއްލޭ ފައިސާ އަނބުރާ ހޯދުމުގައި ރާއްޖެއިން ހޯދާފައިވަނީ މިފަދަ މައްސަލަތަކުގައި ދުނިޔޭގެ ނިސްބަތުގައި ފާހަގަކޮށްލެވޭ ކުރިއެރުމެއް ކަމަށެވެ.

ސްކޭމްގެ ބާވަތްތައް:

  • އިންޓަނެޓް މެދުވެރިކޮށް ގަނެ ވިއްކުމުގެ މުއާމަލާތާ ގުޅޭ 821 މައްސަލަ
  • ބޭރު ފައިސާ މާރުކުރުމާ ގުޅޭ 244 މައްސަލަ
  • ޝަހުސު އޮޅުވާލައިގެން މީހުންގެ ނަންމަތީގައި ފައިސާ ހޯދުމުގެ 213 މައްސަލަ
  • ބުކިން ކެންސަލްކޮށް ރިފަންޑް ހޯދުމާ ގުޅޭ ސްކޭމްގެ 80 މައްސަލަ

ނަވީދު ވިދާޅުވީ، 850 މީހުންނަށް އެމީހުންގެ އަތުން ގެއްލުނު ފައިސާ ހޯދައި ރައްދުކޮށްދީފައިވާ އިރު، 320 މީހުން އަތުން ގެއްލުނު ފައިސާއިން ބައެއް ހޯދައި ރައްދުކޮށްދީފައިވާ ކަމަށެވެ.

މީގެ އިތުރުން ނަވީދު ވިދާޅުވީ ސްކޭމްގެ މައްސަލަތަކުގައި މި އަހަރު 53 މީހުން ހައްޔަރުކޮށް 25 މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވާ ކަމަށާއި ހަތަރު މައްސަލައެއްގައި މީހުންނަށް ހުކުމްކޮށްފައިވާ ކަމަށެވެ.