2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ ދަތުރުގައި ސައުދީ އަރަބިއްޔާގެ ބައިވެރިވުން މުހިންމު ކަމަށާއި، އެ ގައުމުގެ ބޮޑެތި އިންވެސްޓްމެންޓްތަކަށް މަރުހަބާ ކިޔަން ރާއްޖެ ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުރުނބާ މޯލްޑިވްސްގައި މިރޭ ބޭއްވި ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސައުދީގެ ވިޔަފާރިތަކަށް ރާއްޖޭގައި ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ހަރުދަނާ އުސޫލުތަކާއި ސިޔާސަތުތައް އެކަށައަޅަން ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދީ އޮނިގަނޑަށް ގެންނަން ބޭނުންވާ ބޮޑު ބަދަލުގައި ސައުދީގެ ހިއްސާ އިތުރުކުރުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައް ސަރުކާރުން ފުރިހަމަކުރާނެ ކަމަށެވެ.
"ސައުދީ އަރަބިއްޔާގެ ބޮޑެތި އިންވެސްޓްމެންޓްތަކާއި ތަރައްގީގެ ޕާޓްނަޝިޕްތަކަށް މަރުހަބާ ކިޔަން ދިވެހިރާއްޖެ އޮތީ ތައްޔާރަށް." ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ ބޭނުންވަނީ ހަމައެކަނި އެހީ ހޯދާ ފަރާތެއްގެ ގޮތުގައި އޮންނަން ނޫން ކަމަށާއި، ވިޔަފާރިއާއި ތަރައްގީގެ މައިދާނުގައި ފައިދާއާއި ކުރިއެރުން ހިއްސާކުރާ ބައިވެރިއެއްގެ ގޮތުގައި ކުރިއަށްދާން ކަމަށެވެ. އެގޮތުން ޓޫރިޒަމާއި، އުމްރާނީ ތަރައްގީ، ބޯހިޔާވަހިކަން، މަސްވެރިކަން، ސިއްހީ ދާއިރާ، އިއާދަކުރަނިވި ހަކަތަ އަދި ލޮޖިސްޓިކްސްގެ ދާއިރާއިން ރާއްޖޭގައި ބޮޑެތި ފުރުސަތުތަކެއް ހުރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފ. އަތޮޅުގައި ހިންގަން އުޅުނު ސައުދީގެ ބޮޑު މަޝްރޫއު އޭރުގެ އިދިކޮޅު ފަރާތްތަކުގެ ދެކޮޅުހެދުމާ ހެދި ހުއްޓުނު ނަމަވެސް، މިހާރުގެ ސަރުކާރުން އޮތީ ސައުދީގެ ޕާޓްނަޝިޕްތަކަށް މަރުހަބާ ކިޔުމުގެ ފުރިހަމަ ވިސްނުމުގައިކަމަށް ރައީސް ވިދާޅުވިއެވެ.
ދާދިފަހުން ސޮއިކުރެވުނު "ޗާޓާ އޮފް މަލްޓިނެޝަނަލް މެރިޓައިމް ޑިފެންސް" މުއާހަދާއަކީ ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންގޮސްދިން މުހިންމު ފިޔަވަޅެއްކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ޖަޒީރާ ގައުމަކަށް ވާތީ، ގައުމުގެ ސަލާމަތާއި ކުރިއެރުމަށްޓަކައި ކަނޑުމަގުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒުކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް