މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ރިސާޗް ފަންޑުގެ މިއަހަރުގެ ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި، މި ފަންޑުގެ ދަށުން އިންޑިޕެންޑެންޓް ރިސާޗް ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅޭނެއެވެ. މި ގްރާންޓަށް ކަނޑައަޅާފައިވާ ޖުމްލަ އަދަދަކީ ފަސް މިލިއަން ރުފިޔާއެވެ.
މި ގްރާންޓްތަކުގެ މައިގަނޑު މަގުސަދަކީ އިލްމީ ދިރާސާއާއި ހެކިތަކަށް ބިނާކޮށް ސިޔާސަތު ކަނޑައެޅުމަށް އެހީތެރިވެދޭ ދިރާސާ ކަރުދާހާއި ފޮތް ލިޔުމަށް ހިތްވަރުދިނުން ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ. އަދި ހާއްސަކޮށް ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހަމަޖެހުން ކުރިއެރުވުމަށް އީޖާދީ މަތީ ފެންވަރުގެ ދިރާސާތައް ކުރުމަށް ހިތްވަރުދިނުން ކަމަށް ވެސް ބުނެފައިވެއެވެ.
މި ފަންޑަށް އަމިއްލަ ފަރުދުންނަށާއި ތައުލީމީ އިދާރާތަކުގެ އިތުރުން ތިންކު ޓޭންކުތަކަށް ކުރިމަތިލެވޭނެއެވެ. އެމްއެމްއޭއިން ބުނި ގޮތުގައި، މި ފަންޑަށް ހުށަހަޅާ ޓީމުތައް ލީޑުކުރާ ފަރާތަކީ މާސްޓާސް ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮންނަ މީހަކަށް ވާންޖެހޭނެއެވެ. މީގެ އިތުރުން، ޕީއެޗްޑީ ހާސިލުކޮށްފައިވާ ފަރާތްތަކުން މި ފަންޑަށް ކުރިމަތިލުމަށް އެ އޮތޯރިޓީން ބާރުއަޅައެވެ.
ރިސާޗް ގްރާންޓް ދިނުމުގައި އެންމެ ބޮޑަށް އިސްކަންދޭނީ އެމްއެމްއޭގެ މަގުސަދުތަކާއި ގައުމަށް އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކަށް ކަމަށް އެ އޮތޯރިޓީން ބުނެއެވެ. ނަމަވެސް އެހެން ދާއިރާތަކުން ވެސް ކުރިމަތިލެވޭނެއެވެ. އެމްއެމްއޭއިން ފާހަގަކޮށްފައިވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އިގުތިސާދީ ހަމަޖެހުމާއި، މަނިޓަރީ ސިޔާސަތާއި، އިންފްލޭޝަން ޑައިނަމިކްސް ހިމެނެއެވެ. އަދި މާލީ ދާއިރާގެ ވިލުންވެރިކަމާއި، ޑިޖިޓަލައިޒޭޝަނާއި ފިންޓެކް، ފަތުރުވެރިކަމާއި ދެމެހެއްޓެނިވި އިގުތިސާދު، އިސްލާމީ މާލިއްޔަތު، ވަޒީފާގެ ބާޒާރާއި ތައުލީމީ ދާއިރާ، ބޯހިޔާވަހިކަމާއި އަރބަން ޑިވެލޮޕްމަންޓް، އަދި ސިއްހީ ދާއިރާއާއި ދައުލަތުގެ ހަރަދު ފަދަ ދާއިރާތައް ހިމެނެއެވެ.
އެމްއެމްއޭގެ ރިސާޗް ފަންޑަކީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު ބޭއްވި އެ އޮތޯރިޓީގެ ރިސަރޗް ކޮންފަރެންސްގައި އިފްތިތާހުކުރި ފަންޑެކެވެ. މި ފަންޑުގެ ފުރަތަމަ ބުރު 2025 ވަނަ އަހަރު ހުޅުވާލި އިރު، އެ އަހަރު ހަ ރިސާޗް ޕްރޮޕޯސަލަކަށާއި އެއް ފޮތް ލިޔުމުގެ ގްރާންޓް އެވޯޑުކޮށްފައިވެއެވެ.
މި ފަހަރުގެ ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 13 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އެމްއެމްއޭ ރިސާޗް ފަންޑް ޕޯޓަލް މެދުވެރިކޮށެވެ.
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
ކޮމެންޓް