ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއަށް ޓެކްސްގެ އެއްވެސް ލުއިތަކެއް ދިނުމަށް ނިންމާފައި ނުވާކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

އެ މަޝްރޫއާ ގުޅޭ ގޮތުން މިނިސްޓަރު ލިންކްޑްއިންގައި ޝާއިއު ކުރެއްވި ލިޔުމެއްގައި ވިދާޅުވީ، މި މަޝްރޫއުގައި ސަރުކާރުން ބަރޯސާ ވަނީ ސޮއިކުރާ ދުވަހު ލިބޭ އެއްޗަކަށް ނޫން ކަމަށާއި ބަރޯސާވާނީ އޭގެ ބަދަލުގައި ދައުލަތަށް ލިބޭނެ އާމްދަނީއަށް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކޮންމެ ވިއްކުމެއްގެ ފައިސާ ބަހައްޓާނީ ރާއްޖޭގެ އެސްކްރޯ އެކައުންޓެއްގައި ކަމަށް ވާތީ މިއީ ވެސް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ޑޮލަރު ލިބުމުގެ ދަތިކަން ދިގު މުއްދަތަކަށް ތަޖުރިބާކުރަމުންދާ ގައުމަކަށް މިއީ ވަރަށް ބޮޑު ކަމެއް. އަދި މިއީ މަޝްރޫއުގެ ތެރެއިން ސަރުކާރަށް ލިބޭ ޑޮލަރުގެ އާމްދަނީގެ އިތުރުން ލިބޭނެ އެއްޗެއްކަން ފާހަގަކޮށްލަން،" މުއްތަލިބު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަޝްރޫއު އެއްކޮށް ނިމި ފުރިހަމަވާ ހިސާބަށް ދާއިރު ކޮންމެ އަހަރަކު މަދުވެގެން އެއް މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. މަޝްރޫއު ތަރައްގީ ކުރަމުން އަންނަ މުއްދަތުގެ ތެރޭގައި، ދައުލަތަށް 11 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް އުންމީދު ކުރާއިރު، އިގްތިސޯދުގެ ތެރެޔަށް 54,000 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ސަރުކާރުން އެއްވެސް ލޯނެއް ނުނަގައި، ސޮވަރިން ގެރެންޓީއެއް ދޭކަށް ނުޖެހޭ، އަދި ޓެކްސްގެ އެއްވެސް ލުއިތަކެއް ނުދޭ. މިކަންކަމުގެ އިތުރުން ޕްރޮޖެކްޓްގެ ހުރިހާ ފައިސާއެއް ދައުރުވާނީ ދިވެހި ބޭންކުތައް މެދުވެރިކޮށް،" މިނިސްޓަރު ވިދާޅުވިއެވެ.