ހަގުރާމައަށް ދާއިމީ ނިމުމެއް ގެނައުމަށްޓަކައި އީރާނާއެކު މަޝްވަރާކުރަން އެމެެރިކާ ބޭނުންކަމަށް ވަންޏާ ފުރިހަމަ ކުރަން ކޮންމެހެންވެސް ލާޒިމު ޝަރުތުތައް އީރާނުގެ ފަރާތުން އެމެރިކާއަށް އަނެއްކާވެސް ވަނީ ހުށައަޅައިފަައެވެ. މިފަހަރު މިކަންކުރީ ގަތަރުގެ ސަރުކާރު މެދުވެރިކޮށެވެ. އީރާނުގެ ފަރާތުން އެމެރިކާއަށް އެންމެފަހުން ހުށައެޅި ޝަރުތުތަކަކީ ކޮބައިހެއްޔެވެ. މި ޝަރުތުތަކާބެހޭ މައުލޫމާތު އީރާނުގެ ގައުމީ ސަލާމަތާބެހޭ އެންމެ އިސް ކޮމިޓީގެ ސެކްރެޓަރީ މުހުސިން ރިޒާއީ ވަނީ ހޮނިހިރު ދުވަހު ގަތަރުގެ ޖަޒީރާ ޓީވީއަށް ދެއްވި އިންޓަރވިޔުއެއްގައި ހާމަކުރައްވައިފައެވެ. އެންމެ ފުރަތަމަ ޝަރުތަކީ ހުރިހާ މައިދާނެއްގައި ހަމަލަތައް މެދުކަނޑައިލުމެވެ. ހުރިހާ މައިދާނަކީ ކޮބައިހެއްޔެވެ. އެއީ އީރާނާ ދެކޮޅަށް އެމެރިކާއިން ދެމުން އަންނަ ހަމަލަތަކާއި ލުބުނާނުގައި ހިޒްބު ﷲ ޖަމާއަތާ ދެކޮޅަށް އިޒްރޭލުން ހިންގަމުން އަންނަ އުދުވާންތަކެވެ. ހުރިހާ މައިދާންތަކޭ އީރާނުން އެބުނާ ބުނުމުގައި ފަލަސްތީނުގެ ގާޒާޔާއި ޔަމަން ހިމެނޭކަމަށް ނުބެލެވެއެވެ.
އެމެރިކާޔާއި އެމެރިކާގެ ބައިވެރިން ގުޅިގެން ގަނޑުކޮށް ހިފަހައްޓާފައިވާ އީރާނުގެ ފައިސާޔާއި މުދާ ދޫކޮށްލުމަކީވެސް ޝަރުތެކެވެ. މިއީ ކުރިން އީރާނުން ހުށައަޅަމުން އައި ޝަރުތުތަކުގެ ތެރޭގައިވެސް ހިމެނޭ މުހިންމު ޝަރުތެކެވެ. އީރާނުގެ ފައިސާގެ ތެރެއިން މިދެންނެވި ގޮތަށް ހިފަހައްޓާފަައިވާ ފައިސާގެ ޖުމްލަ 120 ބިލިޔަން ޑޮލަރަށް އަރައެވެ. އެއީ އީރާނުގެ ތެލާއި ގޭހުގެ ބައެއް ޝިޕްމަންޓުތަކުގެ ބަދަލުގައި ދޭންޖެހޭ ފައިސާއެވެ. މިފައިސާޔަކީ އީރާނަށް 1979 ވަނަ އަހަރު ގެނެވުނު އިސްލާމީ އިންގިލާބަށްފަހު އެކިގޮތްގޮތުން އީރާނަށް ދަތިކުރުމުގެ ގޮތުން އެމެރިކާގެ އިސްނެގުމަކަށް ހިފެހެއްޓިފައިވާ ފައިސާއެވެ. އީރާނުގެ ބަނދަރުތަކާއި ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާއިން ގާއިމުކޮށްފައިވާ ބްލޮކޭޑް ނައްތައިލުމަކީވެސް ޝަރުތެކެވެ. މިއީ މިއަހަރުގެ އެޕްރީލް ތޭރައިން ފެށިގެން އެމެރިކާއިން ގާއިމުކޮށްފައިވާ ބްލޮކޭޑެކެވެ. މުޅިއަކުން ތަންފީޒު ނުކުރެވުނަސް މި ބްލޮކޭޑެއް އަދިވެސް ދެމިއެބައޮތެވެ.
މަތީގައި ބަޔާންކުރެވުނު މައިގަޑު ތިން ޝަރުތުގެ އިތުރަށް މި ލިސްޓުގައި އަދިއެހެން ހަތަރު ޝަރުތެއްވެސް ހިމެނެއެވެ. އައު ޝަރުތުތަކުގެ ޖުމްލަ ހަތެކެވެ. އަނެއް ހަތަރު ޝަރުތުގެ ތެރެއިން އެއް ޝަރުތަކީ ހޮރުމުޒް ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ސިޔާދަތީ ހައްގުތަކެއްވާކަން ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލު ކުރުމެވެ. އެތަނުގެ މަައްޗަށް އީރާނުގެ ކޮންޓްރޯލް އޮތްކަމާއި އޮންނަންވާނެ ކަމަށް އިއުތިރާފު ވުމެވެ. ނިއުކުލިއަރ ހަކަތަ އުފެއްދުމަށްޓަކައި ޔުރޭނިއަމް ފައްކާކުރުމުގެ ހައްގާއި މިނިވަންކަން އީރާނަށް ލިބިގެންވާކަން އެމެރިކާއިން ގަބޫލު ކުރުމަކީވެސް ޝަރުތެކެވެ. އީރާނާ ދެކޮޅަށް އިގްތިސާދީ ގޮތުން ދަތިކުރުމަަށް އަޅާފައިވާ އެންމެހައި އަސާސީ ފިޔަވަޅުތަކާއި ސާނަވީ ފިޔަވަޅުތައް މުޅިން އުވައިލުމަކީވެސް ޝަރުތެކެވެ. އެންމެފަހުގެ ޝަރުތަކީ އީރާނާއި އެމެރިކާގެ ސުލްހަނާމާޔަށް ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ބާރު ދިނުމަށްޓަކައި އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރުމެވެ.
އީރާނުން މީގެކުރިން ހުށައަޅަމުން އައި ޝަރުތުތަކުގެ ތެރެއިން މުހިންމު ޝަރުތެއް މިފަހަރު ވަނީ އުނިކޮށްފައެވެ. އެއީ ކޮން ޝަރުތެެއް ބާވަައެވެ. އެމެރިކާޔާއި އިޒްރޭލުން ހުސްވި އަހަރުގެ ޖުލައިމަހު އީރާނަށް ބާރަދުވަސް ވަންދެން ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތަކާއި މިއަހަރުގެ ފެބްރުއަރީ އަށާވީހުން ފެށިގެން ދެމުން އަންނަ ހަމަލަތަކުގައި ލިބިފައިވާ ގެއްލުންތަކުގެ ބަދަލުވެސް ދިނުމަކީ މިހާތަނަށް އީރާނުން އެދެމުން އައިސްފައިވާ ކަމެކެވެ. އެއީ ގާތްގަޑަކަށް 270 ބިލިޔަން އެމެރިކާ ޑޮލަރުގެ ބަދަލެކެވެ. އެކަމަކު މުހުސިން ރިޒާއީ މިހަފުތާގައި ހާމަކުރެއްވި ހަތް ޝަރުތުގެ ތެރޭގައި މި ޝަރުތެއް ނުހިމެނެއެވެ. ބަދަލު ލިބިގަތުން އެއޮތީ އުނިކޮށްފައެވެ. ފަހަރުގައި މިއީ އެމެރިކާއަށް ލިބުނު ހިތްހަމަޖެހުމަކަށް ވެދާނެއެވެ. އެހެންވިޔަސް ދެންހުރި ޝަރުތުތަކަކީވެސް ރައީސް ޓްރަމްޕަށް އެއްބަސްވެ އާނބަސް ބުނަން ފަސޭހަ ޝަރުތުތަކަކަށެއް ނުވާނެއެވެ. އެކަން ގާތްގަޑަކަށް ކަށަވަރެވެ.
ގަތަރު މެދުވެރިކޮށް އީރާނުން އައު ލިސްޓެއް އެމެރިކާއަށް ހުށައެޅީ އެމެރިކާޔާއެކު މަޝްވަރާކުރަން އީރާނު ކެތްމަދުވެފައިވާތީއެއް ނޫނެވެ. އަދި އެމެރިކާއަށް އިތުބާރު ކުރާތީއެއްވެސް ނޫނެވެ. އީރާނާއެކު އަލުން މަޝްވަރާތައް ފަށަން ޕާކިސްތާނާއި އޮމާނާއި ގަތަރު މެދުވެރިކޮށް އެމެރިކާއިން ތަކުރާރުކޮށް އެދެމުންދާތީ އެއަށް ޖަވާބެއް ދިނުމުގެ ގޮތުންނެވެ. މި ޝަރުތުތަކަަށް ރައީސް ޓްރަމްޕު އެއްބަސް ނުވަންޏާ އީރާނު އޮތީ ނަސްރާއި ކާމިޔާބު ލިބެންދެން ހަގުރާމަކުރަން ތައްޔާރުގައި ކަމަށްވެސް އީރާނުން ވަނީ ބުނެފަައެވެ. އީރާނުގެ ޕާލަމަންޓުގެ ސްޕީކަރު މުހައްމަދު ބާގިރު ގާލިބާފް މި ހަފުތާގައިވެސް ވިދާޅުވެފައިވަނީ ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވަން ބޭނުންނަމަ އެމެރިކާގެ ކުރިމަތީގައި އޮތީ އެންމެ މަގެެއް ކަމަށެވެ. އެމަގަކީ މިހާރު އުވާލެވިފައިވާ ފަހުމުނާމާ އަލުން އެކްޓިވޭޓްކޮށް އެޔަށް އަމަލުކުރަން ފެށުމެވެ. އެއީ އިތުރު މަޝްވަރާއަކަށް ދާންޖެހޭ ކަމެއްވެސް ނޫނެވެ. ދާއިމީ ސުލްހައެއް ގާއިމުކުރުމަށް އީރާނާއެކު މަޝްވަރާ ކުރަން އެމެރިކާއިން އެދެންޏާ އެކަންވެސް ދެންކުރެވޭނީ އީރާނުގެ ޝަރުތުތަކަށް ތަބާވެގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެެވެ.
އީރާނުން ތަފްސީލީ ގޮތެެއްގައި މިކަންކަން ބަޔާންކޮށް ހަނދާންކޮށް މިދިނީ ހޮރުމުޒް ކަނޑުއޮޅި ހުޅުވުމުގެ ޝަރުތެއްގެ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ނިމެންޖެހޭނެ ކަމަށް އީރާނުގެ ވެރިޔަކު ދާދިފަހުން ވިދާޅުވެފައިވިޔަސް އެއީ އީރާނުގެ ރަސްމީ ޝަރުތެެއް ނޫންކަން ހާމަކުރުމުގެ ނިޔަތާވެސް އެކުގައެވެ. ނަތަންޔާހޫ އާއި ޓްރަމްޕު އިސްތިއުފާ ނުދެނީސް ނުވަތަ އެދެމީހުންގެ ވެރިކަން ނުނިމެނީސް ހޮރުމުޒް ކަނޑުއޮޅި ނުހުޅުވާނެ ކަމަށް ވިދާޅުވެފައިވަނީ އީރާނުގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީގެ މުޝީރެއް ކަމުގައިވާ ޒުލްގަދުރެވެ. އޭނާގެ ވިދާޅުވުން ބައިނަލްއަގުވާމީ މީޑިއާއިން ވަރަށް ބޮޑަށް ކަވަރު ކުރިއެވެ. ޚުދު ޓްރަމްޕުވެސް އެއަށް ޖަވާބު ދީފައިވެއެވެ. ޓްރަމްޕު ބުނެފައިވަނީ އިގްތިސާދީ ދަތިކުރުންތަކުން އޭނާ ނެރެން ބޭނުންވާ ނަތީޖާ މިހާރުވެސް ފެންނަން ފަށައިފި ކަމުގައެވެ. އީރާނު ބޭނުންހާ ގޮތަކަށް ކަންކަން ނުނިންމޭނެ ކަމަށެވެ.
ސިނާން އަލީ
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް