ރާއްޖޭގެ އިމާމުންނާއި ހަތީބުން، ހުތުބާ ކިޔުމަށާއި އިމާމުވެ ނަމާދުކުރުމަށް ބޭނުންކުރާނެ ހާއްސަ ރަސްމީ ހެދުމެއް ތައާރަފުކުރުމުގެ މަސައްކަތުގެ ދަށުން، އެ ހެދުމުގެ ވަގުތީ ޑިޒައިން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ އާންމުކުރައްވައިފިއެވެ.

ޝަހީމް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި އެ ހެދުމުގެ ޑިޒައިން އާންމުކޮށްފައިވާއރިު، އެ ހެދުމާއި ތާކިހަލުގެ ފަރުމާއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ދިވެހިވަންތަ ސިފަތަކެވެ. އެގޮތުން، އެ ޑިޒައިން އެކުލަވާލުމުގައި މާލޭ ހުކުރު މިސްކިތުގެ މުންނާރުގެ ސިފަތަކާއި، ދިވެހި ސަގާފީ ތުނޑުކުނަލުގެ ވިޔުމާއި، ދިވެހިން ޒަމާނުއްސުރެ ގެދޮރާއި މިސްކިތްތައް ބިނާކުރުމަށް ބޭނުންކުރި ހިރިގަލު ވަޑާމުގެ ފަރުމާތަކުގެ ހިޔާލުވަނީ ބޭނުންކޮށްފައެވެ.

ޝަހީމް ވިދާޅުވީ މިއީ އަދި ފުރަތަމަ މަރުހަލާގެ ޑިޒައިނެއް ކަމަށާއި، ހެދުން ފައިނަލް ކުރާނީ އާންމުންނާއި ގިނަ ބައެއްގެ ހިޔާލާއި މަޝްވަރާގެ މަތިން ކަމަށެވެ. އަދި ހެދުން ފަރުމާކުރުމުގައި އަބަދުވެސް ބަލާނީ ރާއްޖޭގެ ތާރީހާއި، އާސާރީ މިސްކިތްތަކުން ފެންނަން ހުރި ދިވެހިވަންތަ އަދި އިސްލާމީ ހަލާރާތުގެ މުހިންމު ބަހާތަކަމަށް ޝަހީމް ވިދާޅުވިއެވެ.

އިމާމުންނަށް ހާއްސަ ވަކި ރަސްމީ ހެދުމެއް މީގެ ކުރިން ކަނޑައެޅިފައި ނެތްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެފަދަ ހެދުމެއް ތައާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ ދިވެހި ސަގާފަތާއި ތާރީހު ދިރުވައި ދެމެހެއްޓުމާއެކު، ރާއްޖޭގެ ދީނީ އާދަކާދައިގެ ތެރެއަށް ބޭރުގެ ބިދޭސީ ސަގާފަތްތައް ވަނުން ހުއްޓުވުން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ މި ހެދުމުގެ އެންމެ ފަހުގެ ޑިޒައިން އަވަހަށް ނިންމައި، ކުރިއަށް އޮތް ރަމަލާން މަހުގެ ތެރޭގައި އިމާމުންނާއި ހަތީބުން އެ ހެދުން ބޭނުންކުރަން ފެށުންކަމަށް ޝަހީމް ވިދާޅުވިއެވެ.