ޔޫއޭއީގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްގެ ކޮއްކޯފުޅު، ޝެއިހް އަހުމަދު ބިން ރާޝިދު އަލް މަހްތޫމް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައިވަނީ ޔޫއޭއީގެ ނައިބު ރައީސަށް ތައުޒިޔާ ވިދާޅުވެ، އަވަހާރަވި ޝެއިހުގެ ފުރާނަފުޅަށް ރަހުމަތްލެއްވުން އެދި ދުއާކުރައްވާފައިވެއެވެ.

މީގެ އިތުރުން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައްޔާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އަވަހާރަވި ޝެއިހްގެ އާއިލާއަށާއި ޔޫއޭއީގެ ސަރުކާރާއި ރައްޔިތުންނަށް ރައީސްވަނީ ހަމްދަރުދީ ފާޅުކުރައްވާފައެވެ.

ދުބާއީގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ޝެއިހް އަހުމަދު ބިން ރާޝިދު އަލް މަހްތޫމް އަވަހާރަވީ އުމުރުފުޅުން 76 އަހަރުގައެވެ.

އެ މަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި، މިއަދުން ފެށިގެން ދުބާއީގައި ރަސްމީކޮށް ހިތާމަފާޅުކުރުމުގެ 10 ދުވަސް ކަނޑައަޅައި، ދުބާއީގެ ދިދަތައް ބައިދަނޑިއަށް ތިރިކުރުމަށް ވަނީ ނިންމާފައެވެ.