ރަސްމާލޭގައި ހިންގަން މިއަދު ސޮއި ކުރި މަޝްރޫއަކީ ރާއްޖޭގެ ތާރީހުގައި ވެސް ނުދެކޭ ފަދަ ބިޔަ، ބޮޑު މަޝްރޫއެކެވެ. ދުބާއީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްގީކުރުމަށް ދިވެހި ސަރުކާރާއެކު ސޮއިކުރީ ޔޫއޭއީގެ އަބޫދާބީއަށް ނިސްބަތްވާ ބައިނަލްއަގުވާމީ ޑިވެލޮޕަރު، އީގަލް ހިލްސްއިންނެވެ. ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރުގެ މި ބިޔަ މަޝްރޫއަކީ ރާއްޖޭގެ މޫނުމަތި މުޅިން ބަދަލުކޮށްލާނެ، އަދި ފަތުރުވެރިކަމާއި އިގުތިސޯދީ މަންޒަރު އާ ހަރުފަތަކަށް ގެންގޮސްދޭނެ މަޝްރޫއެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް، ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލަކީ، މިހާ ބޮޑު އިންވެސްޓްމަންޓެއް ރާއްޖެއަށް ގެންނަ އީގަލް ހިލްސްއަކީ ކޮން ބައެއް ހެއްޔެވެ؟ އަދި އެ ކުންފުނީގެ ގާބިލުކަމަކީ ކޮބައި ހެއްޔެވެ؟

އީގަލް ހިލްސްއަކީ 2014 ވަނަ އަހަރު ޔޫއޭއީގެ އަބޫދާބީގައި އުފެއްދި އަމިއްލަ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް އަދި ޑިވެލޮޕްމަންޓް ކުންފުންޏެކެވެ. މި ކުންފުނީގެ ބާނީ އަދި ޗެއާމަނަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖް ހަލީފާއާއި ދުބާއީ މޯލް ތަރައްގީކުރި މަޝްހޫރު އެމާރް ޕްރޮޕަޓީސްގެ ވެސް ބާނީ މުހައްމަދު އަލަބާރެވެ.

އީގަލް ހިލްސްއާއި އެމާރް އަކީ ވަކި ދެ ކުންފުންޏެއް ނަމަވެސް، މި ދެ ކުންފުނި ވެސް ހިންގަނީ އަލަބާރުގެ ލީޑާޝިޕްގެ ދަށުންނެވެ. އީގަލް ހިލްސްގެ މައިގަނޑު މަސައްކަތަކީ ބޮޑެތި ސިޓީތަކާއި، މޫދުކައިރީގައި ހުންނަ ބިޔަ ވޯޓާފްރަންޓް މަޝްރޫއުތައް ފަރުމާކޮށް ތަރައްގީކުރުމެވެ. މި ކުންފުނިން އާންމުކޮށް ހިންގަނީ މީހުން ދިރިއުޅޭ ގެދޮރާއި، ފެންވަރު ރަނގަޅު ހޮޓާތަކާއި، ވިޔަފާރި މަރުކަޒުތަކާއި، މެރީނާތައް އެކުލެވޭ ގޮތަށް ފަރުމާކުރާ "މިކްސްޑް-ޔޫސް" ނުވަތަ ގިނަ ބޭނުންތަކަށް ހާއްސަ ބިޔަ މަޝްރޫއުތަކެކެވެ. ކުންފުނީގެ އަމާޒަކީ ހަމައެކަނި އިމާރާތްތަކެއް ހެދުމުގެ ބަދަލުގައި، ފުރިހަމަ ލައިފްސްޓައިލެއް ލިބޭނެ ޒަމާނީ ވަސީލަތްތަކާއެކު ހިތްގައިމު ވެއްޓެއް ބިނާކުރުމެވެ.

މި ކުންފުނީގެ ސައިޒާއި ގާބިލުކަމަށް ބަލާއިރު، އީގަލް ހިލްސްއިން މިހާރު ވެސް ދުނިޔޭގެ 18 ގައުމެއްގައި އެތައް ބިލިއަން ޑޮލަރެއްގެ މަޝްރޫއުތައް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި މެދުއިރުމައްޗާއި، ޔޫރަޕާއި، އެފްރިކާގެ ގައުމުތައް ކަމަށްވާ ސާބިއާ، ބަހްރެއިން، މޮރޮކޯ، މިސްރު، އޮމާން، އަލްބޭނިއާ، ޖޯޖިއާ އަދި އިތިއޯޕިއާ ފަދަ ގައުމުތައް ހިމެނެއެވެ. އީގަލް ހިލްސްއިން އާންމުކޮށް މަސައްކަތް ކުރަނީ އެ ގައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން ޖޮއިންޓް ވެންޗާތައް މެދުވެރިކޮށެވެ. މިއީ އެ ކުންފުނީގެ މާލީ ގާބިލުކަމާއި، ބައިނަލްއަގުވާމީ ފެންވަރުގައި މަޝްރޫއުތައް ހިންގުމަށް އޮތް ތަޖުރިބާ ދައްކުވައިދޭ ކަމެކެވެ.

އީގަލް ހިލްސް އިން ސާބިއާގެ ވެރިރަށް ބެލްގްރޭޑްގައި ހިންގާ 3 ބިލިއަން ޔޫރޯގެ "ބެލްގްރޭޑް ވޯޓާފްރަންޓް" ---

މި ކުންފުނިން ހިންގާފައިވާ އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫއަކީ ސާބިއާގެ ވެރިރަށް ބެލްގްރޭޑްގައި ހިންގާ 3 ބިލިއަން ޔޫރޯގެ "ބެލްގްރޭޑް ވޯޓާފްރަންޓް" މަޝްރޫއެވެ. މިއީ 1.8 މިލިއަން އަކަމީޓަރުގެ ސަރަހައްދެއްގައި 6،000 އެޕާޓްމަންޓާއި ހޮޓާތަކާއި ވިޔަފާރި މަރުކަޒުތައް ހިމެނޭ ގޮތަށް ހިންގާ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ސަބަބުން އެކަނި ވެސް 10،000 ވަޒީފާ އުފެދި، ސާބިއާގެ ޖީޑީޕީ ވަނީ 1.5 އިންސައްތަ ކުރިއަރައިފައެވެ. މީގެ އިތުރުން، ބަހްރެއިންގައި ހިންގާ "މަރާސީ އަލް ބަހްރެއިން" އަކީ 6،600 އެޕާޓްމަންޓާއި ބޮޑު ޝޮޕިން މޯލެއް ހިމެނޭ ގޮތަށް ތަރައްގީކުރާ ކާމިޔާބު މަޝްރޫއެކެވެ. އަދި އަބޫދާބީގައި 3.5 ބިލިއަން ޑޮލަރަށް ތަރައްގީކުރާ "ރަމްހާން އައިލެންޑް" އާއި، ޝާރްޖާގައި 1.2 ބިލިއަން ޑޮލަރަށް ތަރައްގީކުރާ "މަރްޔަމް އައިލެންޑް" އާއި، އަލްބޭނިއާގައި ހިންގާ 2.5 ބިލިއަން ޑޮލަރުގެ މެރީނާ މަޝްރޫއަކީ ވެސް އީގަލް ހިލްސްގެ ބިޔަ ޕޯޓްފޯލިއޯގައި ހިމެނޭ ފާހަގަކޮށްލެވޭ މަސައްކަތްތަކެވެ.

އީގަލް ހިލްސްގެ މަޝްރޫއުތަކުގެ ފެންވަރަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފެންވަރެވެ. އެ ކުންފުނިން މަސައްކަތްކުރަނީ ސެންޓް ރެޖިސް، ފެއާމޮންޓް، މަންޑަރިން އޮރިއެންޓަލް އަދި އެޑްރެސް ފަދަ ދުނިޔޭގެ މަޝްހޫރު ހޮސްޕިޓާލިޓީ ބްރޭންޑްތަކާ ގުޅިގެންނެވެ. 2020 ވަނަ އަހަރު ޔޫރަޕިއަން ޕްރޮޕަޓީ އެވޯޑްސްގައި ބެލްގްރޭޑް ވޯޓާފްރަންޓް މަޝްރޫއަށް އެންމެ މޮޅު މިކްސްޑް-ޔޫސް ޑިވެލޮޕްމަންޓްގެ އެވޯޑު ލިބިފައިވާއިރު، މަރާސީ އަލް ބަހްރެއިންއަށް ވެސް ވަނީ އެވޯޑުތައް ލިބިފައެވެ. މި ކުންފުނިން އިސްކަންދެނީ ތިމާވެއްޓާ ރައްޓެހި، ހަކަތަ ސަލާމަތްކުރާ ދެމެހެއްޓެނިވި ޑިޒައިންތަކަށާއި، ޒަމާނީ އުމްރާނީ ތަރައްގީގެ މިންގަނޑުތަކަށެވެ.

ރާއްޖޭގެ ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގަން ނިންމާފައިވާ މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއަކީ ވެސް މިފަދަ ބިޔަ މަޝްރޫއެކެވެ. މާލެއިން ގާތްގަނޑަކަށް ވިއްސަކަށް މިނެޓުން ސްޕީޑްބޯޓުގައި ދެވޭ ރާސްތާގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ 1،100 ހެކްޓަރުގެ ރަސްމާލޭގައި ހިންގާ މި މަޝްރޫއުގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ޕްރީމިއަމް ރެސިޑެންސްތަކާއި، މެރީނާއެއްގެ އިތުރުން ވިޔަފާރި މަރުކަޒުތަކާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ހިމެނޭނެއެވެ. މީގެ އިތުރުން، ތައުލީމީ މަރުކަޒުތަކާއި، ސިއްހީ ހިދުމަތްދޭ ތަންތަނާއި، ދުޅަހެޔޮކަމަށް ހާއްސަ މަރުކަޒުތައް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އީގަލް ހިލްސް އިން ބަހްރެއިންގައި ހިންގާ "މަރާސީ އަލް ބަހްރެއިން" މަޝްރޫއު ---

އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލަބާރު ވިދާޅުވެފައިވާ ގޮތުގައި، އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާ ގުޅޭގޮތަށް، ތިމާވެއްޓަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ދުނިޔޭގެ ފެންވަރުގެ މަންޒިލެއް ތަރައްގީކުރުމެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށާއި ބޭރު ފައިސާގެ ރިޒާވަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި، މިއީ ރާއްޖޭގެ ތާރީހުގައި ވެސް ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓް ޕްރޮގްރާމެވެ. ސަރުކާރުގެ އަންދާޒާތަކުން ދައްކާ ގޮތުގައި، މި މަޝްރޫއުގެ މުޅި އުމުރުގައި 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ވަންނާނެއެވެ. އޭގެ ތެރޭގައި ސީދާ ނެޓް ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި 18 ބިލިއަން ޑޮލަރު ހިމެނެއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ފައިސާ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން ވަދެ، ދައުލަތުން ލޯނު ނެގުމަކާ ނުލައި ކޮންމެ ވިޔަފާރިއަކުން ދައުލަތަށް ސީދާ އާމްދަނީ ލިބިގެންދާނެއެވެ.

މީގެ އިތުރުން، މި މަޝްރޫއު ފުރިހަމަވުމުން އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި އަހަރަކު 2 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ސީދާ ގޮތުންނާއި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. މީގެ ތެރޭގައި އިމާރާތްކުރުމުގެ ދާއިރާއާއި، ފަތުރުވެރިކަމާއި، ވިޔަފާރީގެ ދާއިރާއިން އުފެދޭ ވަޒީފާތައް ހިމެނެއެވެ.

އީގަލް ހިލްސް އިން އަބޫދާބީގައި 3.5 ބިލިއަން ޑޮލަރަށް ތަރައްގީކުރާ "ރަމްހާން އައިލެންޑް" ---

މާލީ ގޮތުންނާއި އިގުތިސޯދީ ނަޒަރަކުން ވިސްނާއިރު، އީގަލް ހިލްސް ފަދަ ބޮޑު ކުންފުންޏަކުން ރާއްޖޭގައި މިފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރުމުން ދޭހަވަނީ ރާއްޖޭގެ އިގުތިސޯދާމެދު ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އޮތް މިންވަރެވެ. މިއީ ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގުތިސޯދު ސިންދަފާތުކޮށް، ރިއަލް އެސްޓޭޓާއި ބައިނަލްއަގުވާމީ ވިޔަފާރީގެ މަރުކަޒަކަށް ރާއްޖެ ބަދަލުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި މަޝްރޫއަކީ 2025 ވަނަ އަހަރުގެ މެއި މަހު ދުބާއީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާއެކު ސޮއިކުރި 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރުގެ އެއްބަސްވުމަށްފަހު، ރާއްޖޭގެ އިގުތިސޯދު ފުޅާކުރުމަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމެވެ. ރަސްމާލެ މަޝްރޫއަކީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ފަށާފައިވާ 65،000 ބޯހިޔާވަހިކަމުގެ ޔުނިޓު ހިމެނޭ ބިޔަ މަޝްރޫއެއް ކަމަށްވާއިރު، އީގަލް ހިލްސްގެ ބައިވެރިވުމާއެކު މި ސިޓީ ވެގެންދާނީ ޒަމާނީ ފެންވަރުގެ ފުރިހަމަ ސިޓީއަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އީގަލް ހިލްސްއިން އިއުލާންކޮށްފައިވާ 20 ބިލިއަން ޑޮލަރަކީ މަޝްރޫއުގެ އެކި މަރުހަލާތަކަށް ބަހާލައިގެން ކުރާނެ އިންވެސްޓްމަންޓެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މިއީ އެއްފަހަރާ ކުންފުނިން ހަރަދުކުރާނެ އަދަދެއް ނޫނެވެ. މި މަޝްރޫއުގެ ފައިނޭންސްކުރާނެ ގޮތުގެ ތަފްސީލުތަކާއި، އަމަލީ މަސައްކަތް ފަށާނެ ތާވަލެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.