(17 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)\

ބައެއް ރިވާޔަތްތަކުގައިވާގޮތުން، السّــيّــدة ســـــودة ގެ ވަލީވެރިޔެއްގެ ހައިސިއްޔަތުން މިކާވެނިފުޅު ޢަޤްދުކޮށްދެއްވީ، އެކަމަނާގެ ކުރީގެ ފިރިކަލުން السّكـــران ގެ އަޚު حـــاطـب بـــن عَــمـــــرو އެވެ. ނަމަވެސް ގިނަ ޢިލްމުވެރީން ވިދާޅުވާގޮތުގައި، މިކާވެނިފުޅު ކޮށްދެއްވީ، ޚުދު ســـــودة ގެ ބައްޕާފުޅެވެ. زمــعــــة بـــن قـيس އެވެ. ޖުމްހޫރުންގެ ބަސްފުޅަކީ މިއީއެވެ.

عـائشـــة - أمّ المــؤمــنـــيـــن

ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާއި، السّــيّــدة عـائشـــة رضــــى اللّــــه عــنـــهـــا ގެ ކާވެނިފުޅުގެ މެދުވެރިޔަކަށް ވެވަޑައިގެންނެވީ ކުރިންވެސް ދެންނެވި ފަދައިން عــثـمــان بـــن مظــعـــــون رضـــــى اللّــــه عــنـــــه ގެ އަނބިކަނބަލުން خـــولـــة بـنـت حـكـيــــم رضـــــى اللّــــه عــنـــهـــا އެވެ.

السّــيّــدة عـائشـــة رضــــى اللّــــه عــنـــهـــا ގެ ކާވެނިފުޅާ ބެހޭގޮތުން أبـــوبــكـــر ގެފާނު ކުރިން ވަޢުދުވެވަޑައިގެންފައިއޮތީ، އެކަމަނާގެ ކާވެނިފުޅު جـبــيـــر بـــن مطـعـــم بـــن عــدى އަށް ދެއްވާށެވެ. جـبــيـــر އާއި عـائشـــة ގެފާނާ ވަނީ ގާލިހުކުރެވިފައެވެ. جـبــيـــر ގެ ޢާއިލާއިން އޭރަކު އަދި އިސްލާމްދީން ޤަބޫލެއް ނުކުރެއެވެ. އެހެންކަމާއެކުވެސް، އިތުރު ސާހިބާ އެކަމަނާގެ ކާވެނިފުޅަށް އެދިވަޑައިގެންނެވުމުން، أبـــوبــكـــر ގެފާނު ގަސްދުކުރެއްވީ، جـبــيـــر ގެ ބައްޕަ مطـعـــم އާ އެކަމާބެހޭގޮތުން ވާހަކަ ދައްކަވާށެވެ. އެކަލޭގެފާނުގެ ވަޢުދުފުޅަށް ޙުރުމަތްތެރިކޮށް ހިތްތެވުމުގެ ގޮތުންނެވެ. أبـــوبــكـــر رضـــــى اللّــــه عــنـــــه، مطـعـــم ގެ ގެއަށް ވަޑައިގެން އެވާހަކަދެއްކެވުމުން، مطـعـــم بـــن عــدى ގެ އަންހެނުން އެ ކާވެނިފުޅާމެދު އިންކާރު ކޮށްފިއެވެ. عـائشـــة ގެފާނު އެގެއަށް ވަޑައިގެންފިކަމުގައިވާނަމަ، އެގެއަށް އިސްލާމްދީން ވަދެދާނެތީއެވެ. އެހެންކަމުން جـبــيـــر އާއި عـائشـــة ގެފާނުގެ ގާލިހު ރޫޅައިލެވިއްޖެއެވެ.

ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާއި، أمّ المــؤمــنـــيـــن السّــيّــدة عـائشـــة صــدّيــقــــة رضــــى اللّــــه عــنـــهـــا ގެ ކާވެނިފުޅު ކުރެވުނީ، ވަރަށް ސާދާގޮތެއްގައެވެ. އިސްރާފުގެ ރަސްމިއްޔާތުތަކެއް ނުބާއްވަވައެވެ. އެމާތް ކާވެނިފުޅު ކޮށްދެއްވީ عـائشـــة ގެފާނުގެ މާތް ބައްޕާފުޅެވެ. أبـــوبــكـــر رضـــــى اللّــــه عــنـــــه އެވެ. ކާވެނިފުޅުގެ ރަނަކީ، ފަސްސަތޭކަ ދިރުހަމެވެ. ޢާންމުގޮތެއްގައި أمّــهــات المــؤمـنـيــــن ގެ ކާވެނިފުޅުގެ ރަނެއްކަމުގައިވަނީ އެ ޢަދަދެވެ.

أمّ المــؤمــنـــيـــن السّــيّــدة عـائشـــة رضــــى اللّــــه عــنـــهـــا އަކީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ހަމައެކަނި ބިކުރުވެރި އަނބިކަނބަލުންނެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ހިޖްރައިގެ ކުރީން މައްކާގައި މިކާވެނިފުޅު ކުރެވުނު ކަމުގައިވިޔަސް އެކަމަނާ އިންނެވީ ބައްޕާފުޅުގެ އަރިހުގައެވެ. އެކަމަނާ ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ގެކޮޅަށް އަނބިކަނބަލެއްގެ ހައިސިއްޔަތުން ވަޑައިގެންނެވީ ކާވެނިފުޅުގެ ހަތަރު އަހަރު ފަހުންނެވެ. ހިޖްރައިން އެއްވަނަ އަހަރުގެ ޝައްވާލުމަހު (އެޕްރީލް 623މ.) އެވެ.

ޠާއިފުގެ ދަތުރުފުޅު

ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވި ސާހިބާ މަދީނާއަށް ހިޖުރަކުރެއްވުމުގެ ތިންއަހަރެއްހައި ދުވަސް ކުރީގެ ދުވަހެކެވެ. ބައެއް މުއައްރިޚުން ލަފާކުރައްވާގޮތުގައި އެދުވަހަކީ މީލާދީން ހަސަތޭކަ ނަވާރަވަނަ އަހަރުގެ ފެބުރުވަރީމަހުގެ ނުވަތަ މާރިޗުމަހުގެ ދުވަހެކެވެ. ނަބީކަމުން ދިހަވަނަ އަހަރުގެ ޝައްވާލުމަހުގެ ދުވަހެކެވެ. ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވި މާތް ނަބިއްޔާ އެކަލޭގެފާނު އިންސާނިއްޔަތަށް ދެއްވި ހެޔޮކަމުގެ ދަޢުވަތުގެ މަސައްކަތްޕުޅުގައި ގެކޮޅުން ނިކުމެވަޑައިގެންނެވީ އެދުވަހުގެ ވަރަށް ހެނދުނުހެނދުނާއެވެ. މައްކާގެ ތަފާތު މަގުމަގާއި ގޯޅިގޯޅީގައި ހިންގެވިއެވެ. އެދުވަހުގެ ހަތަރުދަން ހޭދަކޮށްލެއްވީ އެމަސައްކަތްޕުޅުގައެވެ. ނަމަވެސް އެމާތް ސާހިބާގެ ވާހަކަފުޅު އަޑުއަހާނެ އެއްވެސްމީހަކާ ބައްދަލުވެވަޑައެއް ނުގެންނެވިއެވެ.

މައްކާގެ މުޝްރިކުންގެ ރޭވުންއޮތީ އިތުރު ސާހިބާ ވަޑައިގަންނަވާތަން ފެންނައިރަށް މީހުން އެކި ފަރާތްފަރާތަށް ކެވިއަރައި އަރިހުން ދުރަށްދިޔުމަށެވެ. އިތުރު ސާހިބާގެ ބަލާޣަތްތެރި ވާހަކަފުޅުތަކާއި ހެޔޮ ނަސޭހަތްޕުޅުތައް އެއުރެންގެ ކަންފަތްތަކާ ހަމަޔަށް ފޯރިޔަނުދިނުމަށްޓަކައެވެ. އެމާތް ސާހިބާގެ ވާހަކަފުޅު އަޑުއަހައި ބަޙުޘުތައް ނިއުޅައިލުމުންވެސް ޙައްޤުގެ އިތުރު ދަލީލުތަކާއި ސާބިތު ހެކިތައް ދައްކަވަމުން ގެންދަވާތީއެވެ. މުޝްރިކުންގެ ރޭވުން ކާމިޔާބެވެ. އިއްތިފާޤުން އެދުވަހު މީހަކާ ބައްދަލުވެވަޑައިގެންނެވި ކަމުގައިވިޔަސް އެމީހަކުވެސް ކުރީ ކަނޑައެޅިގެންހުރި ފުރައްސާރައެވެ. ސާބިތުކޮށްދިނީ އަދަބުކުޑަކަމެވެ. ރަޙުމުކުޑަކަމެވެ. ނަމަވެސް އިތުރު ސާހިބާ އެދުވަހުގެ ހަތަރުދަން އެމަސައްކަތްޕުޅުގައި ހޭދަކުރެއްވިއެވެ. ނުހަނު ސާބިތުކަމާއި ހިތްވަރުފުޅާ އެކުގައެވެ. ގަނޑުވަރަށް މިސްރާބު ޖެއްސެވީ އެދުވަހުގެ އިރުއޮއްސޭން ކައިރިވުމުންނެވެ. ކައުސާހިބާ އޭރު ހުންނެވީ އެހެނިހެން ދުވަސްދުވަހަށްވުރެ މާބޮޑަށް ވަރުބަލިފުޅުވެފައެވެ. ހިތްޕުޅުގައިއޮތީ ވަރަށްބޮޑު ބުރަކަމެކެވެ. އިންތިހާދަރަޖަޔަށް ހެޔޮއެދިވަޑައިގެން ކުލުނުވެރިކަމުގެ ނިހާޔަތާއެކު ބަޔަކަށް ލާބައާއި މަންފާހުރިކަމެއް ވިސްނައިދެއްވޭތޯ ގަދައަޅުއްވައި މަސައްކަތްޕުޅުކުރައްވަމުން ގެންދެވިއިރުވެސް އެފަރާތްތަކުން އިޙުސާންތެރިކަން ބޮލާލައި ޖެހުމުގައި ހައްދުފަހަނަޅައިދާ މަންޒަރު ތަކުރާރުކޮށް ފެނިވަޑައިގަންނަވަމުންދާން ފެށުމުން ހިތްޕުޅުގައި އުފެދުނު ބަރުކަމެވެ. އުދާސްކަމެވެ.

ދަޢުވަތުގެ ވެށި ބަދަލުކުރެއްވުން

މިދެންނެވި ޚާއްޞަ ދުވަހުގެ ތަޖުރިބާއިން ސާބިތުވި އެއްޙަޤީޤަތަކީ މައްކާގެ ބިމުން އިންސާނިއްޔަތުގެ ބަހާރަށް އެވަގުތަށް ލިބޭންހުރި ހުރިހައި މޮޅު މުޑުވައްތަކެއް ލިބި ހަމަވެއްޖެކަމެވެ. އެހެންކަމުން އިތުރު ސާހިބާ އެދުވަހު ވިސްނައިވަޑައިގެންނެވީ މައްކާއިން ބޭރަށް އިސްލާމީ ދަޢުވަތާއިގެން ނުކުމެވަޑައިގެންނެވުމުގެ ވަގުތު އަތުވެއްޖެކަމުގައެވެ.

ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެމާތް ސާހިބާގެ ދަޢުވަތުގެ ވެށި ބަދަލުކޮށްލައްވަން ކަނޑައެޅުއްވި އެހެން ސަބަބެއްވެސް އޮތެވެ.

އިތުރު ސާހިބާގެ ބޮޑުބޭބޭފުޅު أبـــوطــالــب އެންމެފަހު ނޭވާފުޅާ ހަމަޔަށްވެސް އެމާތް ސާހިބާ ރައްކާތެރިކޮށްދެއްވިއެވެ. ޤުރައިޝުން އިންޒާރުދީ ބިރުގެންނެވިއިރުވެސް އެކަމަކާ ފަރުވާލެއް ނުބަހައްޓަވައެވެ. މުޅި ޢާއިލާއާ އިޖުތިމާޢީ ގުޅުންތައް ކަނޑައިލައި އެކަހެރިކޮށްލުމުންވެސް ފަހަތަކަށް ޖެހިވަޑައެއް ނުގެންނެވިއެވެ. ނަމަވެސް ދެވަނަ ބޮޑުބޭބެ أبـــولــهب އަށް ޢާއިލާގެ ވެރިކަން ލިބުމާއެކު އޭނާ ޤުރައިޝުން އެދޭގޮތަށް ހުރިހައިކަމެއްކޮށް ނިންމައިލިއެވެ. އިތުރު ސާހިބާ ޢާއިލާއިން ބޭރުކޮށްލިއެވެ.

ޠާއިފަށް ވަޑައިގެންނެވުން

ޢާއިލާއިން ބޭރުކޮށްލުމަކީ ކިހައިވަރެއްގެ ކަމެއްކަން އަންދާޒާކުރުމަކީ މިޒަމާނުގައި މާފަސޭހަކަމަކަށް ނުވެދާނެއެވެ. ޢަރަބީންގެ ޤަބީލީ ނިޒާމުގައި ޢާއިލާގެ ޙިމާޔަތުން ބޭރުވުމަކީ ކާޅުބައިގަނޑެއްގެ ތެރެޔަށް ކުކުޅުފިޔޮކެއް ދޫކޮށްލުންފަދަ ކަމެކެވެ. އެއީ ފަރުދެއްގެ ހައިސިއްޔަތުން ލިބޭންޖެހޭ ހުރިހައި ޙިމާޔަތަކާއި ރައްކާތެރިކަމެއް ނިގުޅައިގަނެވުމެވެ. އެމީހެއްގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭނުންވާ ހުރިހައި އިންސާނީ ޙައްޤުތަކަކުން މަޙުރޫމުކުރެވުމެވެ. ޤަބީލާގެ ޙިމާޔަތުން ބޭރުވެފައިވާ މީހެއްގެ ޖާނާއި މާލާއި ޢިއްޒަތާއި އަބުރުގެ އެއްވެސް ޙުރުމަތެއް ނޯވެއެވެ. ބޭނުން މީހަކަށް އެފަދަ މީހަކު އަޅުވެތިކޮށްވެސް ގަނެވިދާނެއެވެ. ޤަތުލުކޮށްވެސް ލެވިދާނެއެވެ. މުދާކޮޅު ފޭރިގަނެވިދާނެއެވެ. އެފަދަ ކަމަކާ ކުރިމަތިވިކަމުގައިވިޔަސް އެމީހަކަށް އެއްވެސް ޤާނޫނެއްގެ ނުވަތަ ޤަވާޢިދެއްގެ ނުވަތަ އާދަކާދައެއްގެ ޙިމާޔަތެއް ނުލިބެއެވެ. އަދީ ކީއްތޯއެވެ؟ އެފަދަ މީހެއްގެ ޤާތިލުގެ ކިބައިން ޤިޞާޞް ހިފެވޭނެ ހަމައެއްވެސް ނޯވެއެވެ. ޤުރައިޝުން ކުރީއްސުރެ ތިބީ ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ލޭފޮދަށް ފެންބޮވައިގެންފައެވެ. އެފަދަ މަސްރަޙެއްގައި أبـــولــهب އިތުރު ސާހިބާ ޢާއިލާއިން ބޭރުކޮށްލުމުން ޤުރައިޝުންގެ ނުލަފާ މީހުން އެއްބަސްވެ އެކަށައަޅައި އިތުރު ސާހިބާގެ ގައިކޮޅަށް އަރައިގަންނާން ތައްޔާރުވެއްޖެއެވެ. އެހެންކަމުން ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޤަޞްދުކުރެއްވީ އެމާތް ސާހިބާގެ ދަޢުވަތުގެ މަރުކަޒެއްކަމުގައި ޠާއިފު ހެއްދެވޭތޯ މަސައްކަތްޕުޅެއް ކޮށްލައްވާށެވެ. ޢަރަބި ޤަބީލާތަކުގެ ތެރެއިން ޤަބީލާއެއްގެ ޙިމާޔަތް ލިބިވަޑައިގަންނަވާތޯ ބެއްލެވުމުގެ ގޮތުންނެވެ.

(ނުނިމޭ)