ރަސްމާލޭގައި މެރީނާއަކާއި ވޯޓާފްރޮންޓެއް ތަރައްގީކޮށް ހިންގަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލްސް ހިލްސްއާ އެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހައުސިން މިނިސްޓްރީ އާއި ޔޫއޭއީގެ އީގަލްސް ހިލްސްއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ، ޔޫއޭއީގެ އަބޫދާބީގައި މަރުކަޒު ކޮށްފައިވާ އީގަލް ހިލްސް ކުންފުނިން ދިވެހި ސަރުކާރާ އެކު އެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު ކަމަށެވެ.

އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން މުހައްމަދު އަލައްބާރުއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

އެއްބަސްވުމުގައި ޔޫއޭއީގެ އީގަލްސް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު އާއި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ސޮއިކުރައްވަނީ-- ފޮޓޯ: ހައުސިން މިނިސްޓްރީ

މި މަޝްރޫއުގެ ދަށުން ޒަމާނީ މެރީނާއެއްގެ އިތުރުން ވިޔަފާރި އާއި ކެއިންބުއިމާއި ދުޅަހެޔޮކަމާއި ތައުލީމާއި ސިއްހީ ހިދުމަތް އަދި އިޖުތިމާއި އެންމެހައި ވަސީލަތްތައް ތަރައްގީ ކުރާނެ ކަމަށް ގުޅިފައިވާ ބަޔާނުގައި ވެއެވެ. ވޯޓަފްރަންޓް މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތްތަކާއި މަތީ ފަންތީގެ އަދި ބްރޭންޑެޑް ރެސިޑެންސްތައް ވެސް ހިމެނޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓް 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށާއި އީގަލްސް ހިލްސްއިން މި މަޝްރޫއު ފަރުމާ ކޮށްފައިވަނީ ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމާއި ވޯޓަފްރަންޓް އަދި މެރީނާ މަޝްރޫއެއްގެ ގޮތުގައި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް މުއިއްޒު ރަސްމާލެ ހިއްކާ ސަރަޙައްދަށް މިއަދު ޒިޔާރަތް ކުރެއްވުން. -- (ފޮޓޯ/ ރައީސް އޮފީސް)

މި މަޝްރޫއުގެ ދަށުން ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ބެލެވޭ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ. އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނޭ ކަމަށް ވެސް ބަޔާނުގައިވެއެވެ.

ސީދާ އަދި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށް ލަފާކޮށްފައިވާ އިރު، މި މަޝްރޫއު ފުރިހަމަވުމުން އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ރާއްޖެއަށް ލިބޭނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މި މަޝްރޫއަށް ދޫކުރާ ބިންތަކާއި އިމާރާތްތައް ވިއްކުމަށް ހަމަޖެހިފައިވަނީ ލީސްހޯލްޑް އުސޫލުން ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން 99 އަހަރާ ހަމައަށެވެ.

ޔޫއޭއީގެ އީގަލްސް ހިލްސްއާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވާހަކަދައްކަވަނީ-- ފޮޓޯ: ހައުސިން މިނިސްޓްރީ

މިއީ ރާއްޖޭގެ ތާރީހުގައި ވެސް ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓް މަޝްރޫއަށް ވެގެންދާނެއެވެ. މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން ބިލިއަނުން ޑޮލަރުގެ ބޭރުގެ އިންވެސްޓްމަންޓް ވަންނާނެ ކަމަށާއި މީގެ ސަބަބުން ގިނަ ވަޒީފާތަކެއް އުފެދި، ދިވެހި އާއިލާތަކަށް ގެދޮރު ލިބުމުގެ އިތުރުން، ވިއްކާ ކޮންމެ ތަނަކުން ދައުލަތަށް ސީދާ އާމްދަނީ ލިބޭނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.

މިއީ ޓެކްސް މާފުކުރުމެއް ނެތި އަދި ސަރުކާރުން ލޯނު ނެގުމަކާ ނުލައި ހިންގާނެ މަޝްރޫއެއް ކަމަށާއި މިއީ ފަތުރުވެރިކަމާ އެއްވަރަށް ރިއަލް އެސްޓޭޓް ދާއިރާ ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިއީ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ މަތީ އާމްދަނީ ލިބޭ ގައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އީގަލް ހިލްސްގެ ޗެއާމަން އަދި ދުބާއީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލަބާރު ވިދާޅުވި ގޮތުގައި، ރާއްޖެއަކީ ދުނިޔޭގެ ސަމާލުކަން ލިބިފައިވާ ހާއްސަ ރީތިކަމެއް ލިބިފައިވާ ގައުމެއް ކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ ޒިންމާދާރުކަމާއެކު ދުނިޔޭގެ ފެންވަރުގެ ތަނެއް ތަރައްގީ ކުރުން ކަމަށާއި މި މަޝްރޫއުގައި ދުބާއީގެ އެމާރް ކުންފުނިން ވެސް ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަސްމާލޭގައި މެރީނާއަކާއި ވޯޓާއެޖް ހިމެނޭ ބިޔަ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޔޫއޭއީގެ އީގަލްސް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރުވާހަކަދައްކަވަނީ-- ފޮޓޯ: ހައުސިން މިނިސްޓްރީ

މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ ރަސްމާލޭގައި މިހާރު ހިއްކާފައިވާ ބިމުގައެވެ. މި މަޝްރޫއަށް ބޭނުންވާ ބިން ހޯދުމަށް އީގަލް ހިލްސްއިން އިތުރަށް ފަޅު ނުހިއްކާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ތިމާވެއްޓަށް ކުރާ އަސަރުތައް ދެނެގަތުމަށްޓަކައި މިނިވަން ފަރާތަކުން މެރިން މޮނިޓަރިންގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ މާސްޓާޕްލޭން ފަރުމާކޮށްފައިވަނީ ތިމާވެއްޓާ ރައްޓެހި އަދި މޫސުމީ ބަދަލުތަކަށް ވިލުންތެރި ބިނާރެއް ގާއިމުކުރެވޭނެ ގޮތަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ތަފްސީލީ އެއްބަސްވުންތައް ކުރިއަށް އޮތް ތަނުގައި އެކުލަވާލާނެ ކަމަށް ވެސް ބުންޏެވެ.