ސަރުކާރުގެ މަތީ ފަންތީގެ ގިނަ މަގާމުތަކެއް ފުރުއްވައި، ގައުމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި އިލްމީ ބޭފުޅެއް ކަމަށްވާ ޑރ. މުހައްމަދު އަލީ މިއަދު އަވަހާރަވެއްޖެއެވެ.

އުމުރުން 67 އަހަރުގައި މުހައްމަދު އަލީ އަވަހާރަވީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ތިމާވެށީގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ މުހައްމަދު އަލީއަކީ ވޭތުވެދިޔަ 25 އަހަރަށް ވުރެ ދިގު މުއްދަތުގައި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އެގޮތުން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްކަމާއި އިމިގްރޭޝަންގެ ކޮންޓްރޯލަރުކަން ވަނީ ކުރައްވާފައެވެ.

މީގެއިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވިއިރު، ކުރީގެ ޕްލޭނިން މިނިސްޓްރީއާއި ހޯމް މިނިސްޓްރީގައި ތިމާވެށްޓާ ގުޅޭ ދާއިރާތަކުންވެސް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވިއެވެ.

މުހައްމަދު އަލީއަކީ ތިމާވެށި ހިމާޔަތްކުރުމަށް އަމިއްލަ ދިރިއުޅުމުގައިވެސް ނަމޫނާ ދެއްކެވި ބޭފުޅެކެވެ. އެގޮތުން އިންޖީނުލީ އެއްގަމު އުޅަނދުފަހަރުގެ ބަދަލުގައި، އޭނާ އާންމުކޮށް ދަތުރުފަތުރު ކުރައްވާފައިވަނީ ބައިސްކަލުގައެވެ.

މުހައްމަދު އަލީ އަވަހާރަވި ހަބަރާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފުން ހިތާމަ ފާޅުކުރައްވައި، މަރްހޫމްގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރެއްވި ބޭފުޅުންނަށް ތައުޒިޔާ ފޮނުއްވާފައެވެ.

ރައީސް ވިދާޅުވީ މުހައްމަދު އަލީއަކީ އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ ދާއިރާއިން މުޖުތަމައަށް އަގުހުރި މައުލޫމާތުތަކެއް ފޯރުކޮށްދެއްވައި، ގިނަ އިލްމީ ދިރާސާތަކެއް ކުރެއްވި، އެންމެންގެ ލޯތްބާއި އިހުތިރާމް ލިބިވަޑައިގެންނެވި ނަމޫނާ ޝަހުސިއްޔަތެއް ކަމަށެވެ.

އަދި މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވުން އެދިވަޑައިގެން ރައީސް ވަނީ ދުއާ ދަންނަވާފައެވެ.