ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ދިފާއުކޮށްފައިވާ ކަމަށް، ސައުދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން މިއަދު ބުނެފިއެވެ.

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ބުނި ގޮތުގައި، އެ ޖަމާއަތުން ވަނީ ސައުދީ އަރަބިއްޔާގެ މުހިންމު ތަންތަނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައެވެ. މީގެ ތެރޭގައި ރިޔާޒުގައިވާ މުހިންމު މަރުކަޒުތަކާއި، ޔަންބޫގައި ހުންނަ ސައުދީގެ ތެޔޮ ކުންފުނި، އަރާމްކޯގެ މަރުކަޒުތައް ހިމެނޭ ކަމަށް ހޫތީން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ސައުދީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޔާޒަށް އަމާޒުކޮށް ފޮނުވާލި މިސައިލް ވައްޓާލާފައިވާ ކަމަށެވެ. މީގެ އިތުރުން، ބިޝް، ތާއިފް، ފަރަސާން އަދި ޔަންބޫއަށް އަމާޒުކޮށް ދޭން އުޅުނު ހަމަލާތަކެއް ވެސް ނާކާމިޔާބުކޮށްލާފައިވާ ކަމަށް އެ ކޯލިޝަނުން ހާމަކޮށްފައިވެއެވެ.

ކޯލިޝަނުން ބުނި ގޮތުގައި، މި ހަމަލާތައް ދިފާއުކުރުމުގެ ތެރޭގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. ހޫތީންގެ ފަރާތުން ވެސް މި ހަމަލާތަކުގެ ނަތީޖާއާ ގުޅޭ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.