ކާމިޔާބު ކޮމެޑީ ފިލްމު ފްރެންޗައިޒް "ގޯލްމާލް"ގެ ފަސްވަނަ ބައި، "ގޯލްމާލް 5" އަންނަ އަހަރުގެ ފަހުކޮޅު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވާކަން ޑައިރެކްޓަރު ރޯހިތު ޝެޓީ ބުނެފިއެވެ.

ރޯހިތު ޝެޓީ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ އަހަރުގެ ދިވާލީއާ ދިމާކޮށެވެ. މީގެ ކުރިން ނެރުނު ގޯލްމާލްގެ ފިލްމުތަކެކޭ އެއްފަދައިން، މި ފިލްމުގެ ލީޑު ރޯލުން ފެންނާނީ އަޖޭ ދޭވްގަން ކަމަށް އޭނާ ބުނެފައިވެއެވެ. މީގެ އިތުރުން، މި ފިލްމުގައި އަކްޝޭ ކުމާރު ވެސް މުހިންމު ރޯލަކުން ފެންނާނެކަން ރޯހިތު ވަނީ ކަށަވަރުކޮށްދީފައެވެ.

ފިލްމުގެ މައިގަނޑު ތަރިންނާއި ރިލީޒްކުރާނެ ދުވަސްވަރު ކަށަވަރުވެފައިވީ ނަމަވެސް، ފިލްމުގެ ވާހަކަ ބިނާކޮށްފައިވާ ގޮތާއި އިތުރު ތަރިންނާ ގުޅޭގޮތުން މީޑިއާތަކުގައި ދެކެވެމުންދާ ވާހަކަތައް ރަސްމީ އެއްވެސް ފަރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަކްޝޭ ކުމާރު ފެންނާނީ ކޮން ކަހަލަ ރޯލަކުން ކަމެއް ވެސް ރޯހިތުގެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.

"ގޯލްމާލް" ފްރެންޗައިޒްގެ ފުރަތަމަ ފިލްމު ނެރެފައިވަނީ 2006 ވަނަ އަހަރުއެވެ. އޭގެ ފަހުން 2008، 2010 އަދި 2017 ވަނަ އަހަރު ވަނީ މި ފްރެންޗައިޒްގެ ފިލްމުތައް ނެރެފައެވެ. އާ ފިލްމުގެ ޝޫޓިން ފަށާނެ ތާރީހެއް ކުރިއަށް އޮތް ތަނުގައި އިއުލާންކުރާނެ ކަމަށް ރޯހިތު ޝެޓީ ބުނެފައިވެއެވެ.