(15 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)
"މީސްތަކުން އަހުރެންނަށް ކާފަރުވީއިރު އެކަމަނާ އަހުރެންނަށް އީމާންވެވަޑައިގެންނެވިއެވެ. މީސްތަކުން އަހުރެން ދޮގުކުރިއިރު އެކަމަނާ އަހުރެން ތަޞްދީޤު ކުރެއްވިއެވެ. މީސްތަކުން އަހުރެން މަޙްރޫމުކުރިއިރު އެކަމަނާގެ މުއްސަނދިފުޅުކަމުގައި އަހުރެން ބައިވެރިކުރެއްވިއެވެ. އެކަމަނާގެ ފަރާތްޕުޅުން އަހުރެންނަށް ދަރީން ދެއްވިއެވެ. އެހެނިހެން އަނބީންގެ ފަރާތަކުން ކުދީންނެއް ނުދެއްވައެވެ."
أمّ المــؤمــنـــيـــن السّــيّــدة خـــديجــــة الطّــاهــــــــرة رضـــــى اللّــــه عــنـــهـــا ފަސްދާނުލެވުނީ ހަޖޫންގައެވެ. ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެކަމަނާ ފަސްދާނުލެވުނު ވަޅުފުޅަށް ފައިބައިވަޑައިގެންނެވިއެވެ. އެކަމަނާ ޤަބުރުފުޅުގައި ވެޑުއްވެވީ އެމާތް ސާހިބާގެ ބަރަކާތްތެރި އަތްޕުޅުންނެވެ.
ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ރިސާލަތުގެ ދައުރު އަދާކުރެއްވުމުގައިވެސް أمّ المــؤمــنـــيـــن السّــيّــدة خـــديجــــة رضـــــى اللّــــه عــنـــهـــا އެމާތް ސާހިބާއަށް ނުހަނު އަގުހުރި މަޝްވަރާތަކެއް އަރުއްވަމުން ގެންދެވިއެވެ. އެކަމަނާއަކީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ވަޒީރެއްވެސްމެއެވެ. (كــانـت لــه وزيـــرَا)
ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ލޮބުވެތި ބޮޑުބޭބޭފުޅު އަވަހާރަވުމާއި ހަންހާރަވެތި ވަފާތެރި އަނބިކަނބަލުން އަވަހާރަވުމުން އަމިއްލަފުޅު ރަށުގައި އެމާތް ސާހިބާ ވަނީ ވަރަށްބޮޑަށް ގިނިކަންޏާވެވަޑައިގެންފައެވެ. އެ އިޚްލާޞްތެރި ދެ ޙިމާޔަތްތެރީންގެ ރައްކައުތެރިކަމުން މަޙްރޫމުވެވަޑައިގެންނެވުމުން قـــــريـش ވަންހައިގެ ނުލަފާ މީހުން މާބޮޑަށް ޖެހިލުންކުޑަވެއްޖެއެވެ. ދެކޮޅުވެރިކަމުގެ ޠޫފާނީ ރާޅުތައް އިސްތަށިފުޅުމަތީން ދާންފަށައިފިއެވެ. އެމާތް ސާހިބާ މައްކާގެ މަގެއްގެ މައްޗަށް ނުކުމެވަޑައިގެންފި ކަމުގައިވާނަމަ قـــــريـش ންގެ އަޅުންނާއި ގުންޑާއިންގެ ބައިބައިގަނޑު ފަހަތްޕުޅުން އަޅައިގަނެގެން ހަޅޭއްފަޅޭއްލަވައި ސިބިބިލައްވައި އުޅޭންފަށައިފިއެވެ. އެމާތް ސާހިބާގެ ގައިކޮޅަށް ހަޑިމުޑުދާރު އެއްޗެހި އުކައި އިސްތަށިފުޅަށާއި މޫނުފުޅަށް ވެލިއުކާންވެސް ފަށައިގަތެވެ. ނުލަފާ ގޮތްކުޑަ ވިޔާނުދާ ބައެއްމީހުން އެމާތް ސާހިބާގެ ނޫރާނީ މޫނުފުޅަށް ކުޅުޖަހާންވެސް ފަށައިފިއެވެ. އެހުރިހައި ސަބަބުތަކާހުރެ އިސްލާމީ ތާރީޚުގައި އެއަހަރު ފާހަގަކޮށްފައިވަނީ ހިތާމައިގެ އަހަރުގެ ނަމުންނެވެ.
السّــيّــدة ســـــودة - أمّ المــؤمــنـــيـــن
أمّ المــؤمــنـــيـــن السّــيّــدة خـــديجــــة رضـــــى اللّــــه عــنـــهـــا ފުރައުއްތަވުމުން ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ޙަޔާތްޕުޅަށްވަނީ ވަރަށްބޮޑު ހުސްކަމެއް އައިސްފައެވެ. ވަފާތެރި ގެވެހި އަނބިކަނބަލަކަށް މެނުވީ ފުރައިނުދެއްވޭނެ ހުސްކަމެކެވެ. ހަރުދަނާ ގެވެހި އަންހެނަކު ނެތް ކޮންމެ ގެޔަކީ ކުޑަވެސް ދިރުމެއްނެތް ވީރާނާ ގެއެކެވެ. އެފަދަ ގެއެއްގައި ކުޑަކުދީން ތިބޭނީ ހާސްވެ ކަންބޮޑުވެފައެވެ. އިންސާނުންނަށް ރާހަތާއި ހިތްހަމަޖެހުމާއި މުނިއަވަސްފިލުން ލިބެނީ ވަފާތެރި ގެވެހި އަނތްބަކު އިންނަ ގެއެއްގެ ގޭތެރެއިންނެވެ. ގެއަކީ މުޖްތަމަޢުގެ އަސާސެވެ.
ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ދީނަށް ގޮވައިލެއްވުމުގެ މަސައްކަތްޕުޅުގައި ބޭރަށް ނުކުމެވަޑައިގެންނެވުމުން އެމާތް ސާހިބާގެ ތުއްޕުޅު ދެދަރިކަނބަލުން السّــيّــدة أمّ كــلـثــــوم رضـــــى اللّــــه عــنـــهـــا އާއި السّــيّــدة فــاطــمــــة الـــــزّهـــــــراء رضـــــى اللّــــه عــنـــهـــا އާ ދެބީނުން ތިއްބަވަނީ ގޭގައެވެ. ގިނިކަންޏާއެވެ. އެދުވަސްވަރު މައްކާގެ މުޝްރިކުން ގެންދިޔައީ އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ގެކޮޅަށްވެސް ކުޑަވެސް ހިތެއްފިތެއްނެތި ދުއްތުރާކުރަމުންނެވެ. ގޯނާކުރަމުންނެވެ. އެހެންކަމުން ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ފިކުރުފުޅުވަނީ ދެގުނަ އިތުރުވެފައެވެ. އެމާތް ސާހިބާގެ ހިތްޕުޅަކީ ނަބަވީ ސާބިތުކަމާއި ހަރުދަނާކަމުގެވެރި ހިތްޕުޅެއްކަމުގައި ނުވާނަމަ އެހުރިހައިކަމެއް ބަރުދާސްތެއްވެސް ނުކުރެއްވުނީހެވެ.
އިތުރު ސާހިބާގެ މިދެންނެވި ފިކުރުފުޅު ބޮޑުވުން، އެމާތް ސާހިބާގެ ވަރަށް އަރިސް، ވަރަށް ލޮބުވެތި ޞަޙާބީއެއްކަމުގައިވާ عــثـمــان بـــن مظــعـــــون رضـــــى اللّــــه عــنـــــه ގެ އަނބިކަނބަލުން السّــيّــدة خـــولـــة بـنـت حـكـيــــم السّـلـمـيّــة رضـــــى اللّــــه عــنـــهـــا ވަރަށްބޮޑަށް އިޙްސާސް ކުރެއްވިއެވެ. އެކަމަނާ އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ފައިންޕުޅު ދެކެވަޑައިގެންފައި، އެއްދުވަހަކު ވިދާޅުވިއެވެ.
"އޭ މާތް اللّــــه ގެ ރަސޫލާއެވެ! خـــديجــــة އަވަހާރަވީފަހުން އަޅުގަނޑަށް ކަލޭގެފާނު ފެންނަނީ، އަބަދުވެސް މާބޮޑަށް މޮޅިފުޅުން ހުންނަވަނިކޮށެވެ. ތުއްޕުޅު ބޭފުޅުންގެ ކަންތައްތަކާމެދު ފިކުރުފުޅު ބޮޑުވަނީތޯއެވެ؟"
ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޙަދީސު ކުރެއްވިއެވެ. "އާނއެކެވެ. ގޭތެރޭގެ އިންތިޒާމުތައް ހަމަޖައްސަވައި، ކުދީން ތަރުބިޔަތު ކުރައްވަނީ خـــديجــــة އެވެ."
خـــولـــة ވިދާޅުވިއެވެ. "ކަލޭގެފާނުގެ ހިތާމަފުޅުގައި ބައިވެރިވެވަޑައިގެން، ގަނޑުވަރުގެ ކަންތައް ހިންގަވައިދެއްވާނެ އެހީތެރިޔަކު ބޭނުންފުޅުވާނެއެވެ. އަމުރުފުޅު ދެއްވައިފިކަމުގައިވާނަމަ، ދެވަނަ ކާވެނިފުޅަކާ ބެހޭގޮތުން އަޅުގަނޑު ވާހަކަދައްކައި ބަލާންކަމަށެވެ."
އިތުރު ސާހިބާ ވިދާޅުބަސްފުޅު އިއްވެވިއެވެ. "ތިޔަބާވަތުގެ ކަންތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ، ތިޔަބޭކަނބަލުންނަށެވެ. ކޮންފަރާތަކާ ވާހަކަފުޅު ދައްކަވާން ކަމަށްތޯއެވެ؟"
خـــولـــة ވިދާޅުވިއެވެ. "އޭ މާތް اللّــــه ގެ ރަސޫލާއެވެ. އަޅުގަނޑުގެ ވިސްނުމުގައި ދެފަރާތެއް އެބައުޅެއެވެ. އެއްބޭކަނބަލަކީ، ހުވަފަތްވެވަޑައިގެންފައި އިންނެވި ބޭކަނބަލެކެވެ. السّــيّــدة ســـــودة بـنت زمــعـــــة އެވެ. އެކަމަނާއަކީ ވަރަށް ކުރީއްސުރެ، ކަލޭގެފާނަށް އީމާންވެވަޑައިގެން އިންނެވި ބޭކަނބަލެކެވެ. ޙަބަޝާއަށް ހިޖުރަކުރެއްވުމުގެ ތަކްލީފުވެސް ވަނީ އުފުއްލަވައިފައެވެ. އަނެއްބޭކަނބަލަކީ، ބިކުރުވެރި ބޭކަނބަލެކެވެ. السّــيّــدة عـائشـــة بـنـت أبـــى بــكــــر އެވެ. عـائشـــة ގެ ބައްޕާފުޅު أبـــوبــكــــر އަކީ ޚަލްޤުތަކުންގެ ތެރެއިން، ކަލޭގެފާނުގެ އެންމެ ބޮޑު ރަޙްމަތްތެރިޔާއެވެ."
ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޙަދީސުކުރެއްވިއެވެ.
"އެންމެ ރަނގަޅެވެ. ކަމަނާ ތިޔަ ދެފަރާތާވެސް ވާހަކަ ދައްކަވާށެވެ."
އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ހުއްދަވިދާޅުބަސްފުޅު ހޯއްދެވުމަށްފަހު، السّــيّــدة خـــولـــة އެދެފަރާތަށްވެސް، އިތުރު ސާހިބާގެ ފަރާތްޕުޅުން ކާވެނިފުޅަށް އެދިވަޑައިގެން ހުށަހެޅުއްވިއެވެ. السّــيّــدة خـــولـــة، ســـــودة ގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. އަޅުގަނޑު މިއައީ ކަމަނާއަށްޓަކައި ބަރަކާތާއި ހެޔޮކަމުގެ ޚަބަރަކާއިގެންނެވެ. މާތް اللّــــه ގެ ރަސޫލާ صــلّـــــى اللّــــه عــلـيــــه وســلّـــــم ކަމަނާގެ ކާވެނިފުޅަށް އެދިވަޑައިގަންނަވައެވެ.
السّــيّــدة ســـــودة ވަރަށް އުފާފުޅުން އެކަން ޤަބޫލުކުރެއްވިއެވެ.
السّــيّــدة ســـــودة އަށް، ކައުސާހިބާގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި ހުށަހެޅުއްވުން ޤަބޫލުކުރައްވާ ވާހަކަ ވިދާޅުވުމަށްފަހު، އެކަމަނާ خـــولـــة ގެ އަރިހުގައި ވިދާޅުވިއެވެ.
"ކަމަނާ އަޅުގަނޑުގެ ބައްޕަގެ އަރިހަށް ވަޑައިގެން، ބައްޕަޔާވެސް ވާހަކަ ދައްކަވާށެވެ. ބައްޕަޔަކީ ވަރަށް މުސްކުޅިފުޅު ބޭކަލެކެވެ."
السّــيّــدة خـــولـــة، السّــيّــدة ســـــودة ގެ ރުހިވަޑައިގަތުން ހޯއްދަވައިގެން ދެން ވަޑައިގަތީ، زمــعـــــة ގެ އަރިހަށެވެ. އޭރު އޭނާ ހުންނެވީ، މައްކާގެ އަހުލުވެރީންގެ ދީންމަތީގައެވެ. خـــولـــة ވަޑައިގެން ސަލާމްކޮށްލެއްވުމުން، زمــعـــــة ސުވާލު ކުރެއްވިއެވެ. ކޮންކުއްޖެއް ހެއްޔެވެ. خـــولـــة ވިދާޅުވިއެވެ. "الحــكــيــم ގެ ދަރިފުޅެވެ. محــمّــــد بـــن عــبــداللّــــه، ކަލޭގެފާނުގެ ދަރިކަނބަލުން ســـــودة ގެ ކާވެނިފުޅު އެދިވަޑައިގަންނަވާތީ، އެވާހަކަ ދައްކައިލާން އައިއައުމެކެވެ." خـــولـــة ވާހަކަފުޅު ދެއްކެވުމުން، زمــعـــــة ހިސާބަކަށް ދެކޮޅުހައްދަވައިލައްވައިފައިމެ، ހިތްޕުޅުގެ އަޑީން އެކަން ޤަބޫލުކުރައްވައިފިއެވެ. އެއަށްފަހު އޭނާގެ ދަރިކަނބަލުން ގެންނަވައި، މިކާވެނިފުޅާ އެކަމަނާ ރުހިވަޑައިގަންނަވަމުތޯ ސުވާލުކުރެއްވިއެވެ. زمــعـــــة ވިދާޅުވިއެވެ. "محــمّــــد بـــن عــبــداللّــــه ދަރިފުޅުގެ ކާވެންޏަށް އެދިވަޑައިގެންފިއެވެ. ބައްޕަޔަށް ފެންނަގޮތުގައި، އެއީ އެންމެ ރަނގަޅު ފަރާތެކެވެ. ކުފޫހަމަވާ ފަރާތެކެވެ." ޖަވާބުގައި السّــيّــدة ســـــودة އެކާވެނިފުޅާ ރުހިވަޑައިގަންނަވާކަން ފާޅުކުރެއްވިއެވެ. މިކާވެނިފުޅަކީ ســـــودة ރުހިވަޑައިގަންނަވާ ކަމެއްކަމުގައި ވިދާޅުވުމުން، زمــعـــــة އެކަމާ އުފާފާޅުކުރެއްވިއެވެ. އެދުވަހާ ވިދިގެން އަންނަ ދުވަހު، އޭނާގެ ގެއަށް ވަޑައިގަތުމަށް، އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ދަޢުވަތު އެރުއްވިއެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެގެއަށް ވަޑައިގެންނެވުމުން، زمــعـــــة އޭނާގެ ދަރިކަނބަލުން السّــيّــدة ســـــودة އާ، އިތުރު ސާހިބާއާ ކާވެނިކޮށްދެއްވިއެވެ. ހަތަރުސަތޭކަ ދިރުހަމުގެ ރަނަށެވެ. މިކާވެނިފުޅު ކުރެވުނީ، ބިޢުޘަތުގެ ދިހަވަނަ އަހަރުއެވެ.
ބައެއް ރިވާޔަތްތަކުގައިވާގޮތުން، السّــيّــدة ســـــودة ގެ ވަލީވެރިޔެއްގެ ހައިސިއްޔަތުން މިކާވެނިފުޅު ޢަޤްދުކޮށްދެއްވީ، އެކަމަނާގެ ކުރީގެ ފިރިކަލުން السّكـــران ގެ އަޚު حـــاطـب بـــن عَــمـــــرو އެވެ. ނަމަވެސް ގިނަ ޢިލްމުވެރީން ވިދާޅުވާގޮތުގައި، މިކާވެނިފުޅު ކޮށްދެއްވީ، ޚުދު ســـــودة ގެ ބައްޕާފުޅެވެ. زمــعــــة بـــن قـيس އެވެ. ޖުމްހޫރުންގެ ބަސްފުޅަކީ މިއީއެވެ.
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް