ރައްޔިތުން އިންތިހާބު ކުރާ ސަރުކާރަކަށް ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެވޭނެކަމުގެ މިސާލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަަދު މުއިއްޒު މި ސަރުކާރުގައި ދައްކަވާފައިވާ ކަަމަށް މިނިސްޓާ އޮފް އިންފްރާސްޓްރަކްޗާ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްތޮލިބު މިހެން ވިދާޅުވީ، ރިޔާސީ ޕްރައިމަރީއަކާ ނުލައި، 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޕީއެންސީ ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް ޕީއެންސީގެ މަތީ މަޖިލީހަށް މެންބަރު ހުށަހެޅި ގަރާރަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ޕާޓީގެ އާންމު މެންބަރެއް ކަމަށްވާ އަބްދުﷲ އިބްރާހީމް މިއަދު ހުށަހެޅި ގަރާރަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވީ، މީގެ ކުރީން އިވެނީ ވިޔަފާރިވެރިން ބޭނުން ގޮތަކަށް ކަންކަން ކުރާނެ ވާހަކަ ކަމަށާއި، ނަމަވެސް އެގޮތް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.
"މީގެ ދެތިންދުވަސް ކުރިން އަޅުގަނޑަށްވެސް ވަރަށް މަޝްހޫރު ވިޔަފާރިވެރިޔަކާ ދިމާވި، ދެކެވުނު ވާހަކަތައް ނިމިގެން އެންމެ ފަހުން ސަލާން ކުރައްވައިފަ ވިދާޅުވީ، ސަރުކާރުން ބޭނުންވެއްޖެއްޔާ އެކަމެއް ކުރައްވާނެޔޭ،"
މިނިސްޓަރު ވިދާޅުވީ އެ މިސާލު ދެއްކެވީ ރައީސް މުއިއްޒު ކަމަށެވެ.
ދެވަނަ ދައުރެއް ރައީސް މުއިއްޒަށް ދޭން ޖެހޭ އެންމެ ބޮޑު އެއް ސަބެއްގެ ގޮތުގައި މުއްތަލިބު ފާހަގަ ކުރެއްވީ ރާއްޖެ އެހެން މިސްރާބަކަށް ގެންދިއުމަށް ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް މަޑު ނުޖެހި ކުރިއަށް ގެންދިއުން ކަމަށެވެ.
މިހާރު ފަށާފައިވާ ތަރައްގީގެ ހުރިހާ މަޝްރޫއު ތަކަކީ 2028 އަށް ނިންމޭނެ މަޝްރޫއުތަކެއް ނޫންކަން ފާހަގަކުރައްވައި މުއްތަލިބު ވިދާޅުވީ، އެހިސާބުން އެހެން ބަޔަކު ވެރިކަމަށް އައިސް ގައުމުގައި ބިނާކޮށްފައިވާ ކަންތައްތައް ފުނޑާލަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އަދި އެފުރުސަތު ދީފިނަމަ ދަރީންނަށް ޓަކައި ހިތާމަ ކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ގަރާރުގައި ހުށަހެޅި ގޮތަށް ރިޔާސީ ޕްރައިމަރީއަކާ ނުލައި 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުއިއްޒަށް ދޭން ޕީއެންސީ ކޮންގްރެސްގެ މިއަދުގެ ޖަލްސާއަށް ހާޒިރުވި 1119 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
އިބްރާހިމް ޒަކީ
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮމެންޓް