އެރޭބިއަން ޕެނިންސޫލާގެ ހުޅަނގު ދެކުނު ކަނުގައި އޮންނަ ޔަމަނުގެ ހަގުރާމަ މިހާރުވަނީ އަނެއްކާވެސް ވަރަށް ހޫނުވެފައެވެ. ވަރުގަދަ ވެފައެވެ. އީރާނުގެ އެހީތެރިކަން ލިބޭ ހޫސީ ހަގުރާމަވެރިން ވަނީ ޔަމަނުގެ އަސްލު ސަރުކާރުގެ ކޮންޓްރޯލް ދަށުގައިވާ އޭރިޔާތަކުގެ ތެރެއިން މާރިބާއި ހަޒުރަމައުތުގެ ވަރަށް ބޮޑުބައެއް މި ސެޕްޓެމްބަރު މަހުގެ ތެރޭގައި ހިފައިފައެވެ. ޔަމަނުގެ އަސްލު ސަރުކާރޭ މިދެންނެވީ ބައިނަލްއަގުވާމީ މުޖުތަމައުން ޔަމަނުގެ ގާނޫނީ ސަރުކާރު ކަމަށް ބަލައިގަންނަ ސަރުކާރަކީ އެއީކަމަށް ބަޔާން ކުރުމުގެ ގޮތުންނެވެ. އެ ސަރުކާރު ގާއިމުވެގެން ވަނީ ޔަމަނުގެ ދެކުނުގެ ސަހަރެއް ކަމުގައިވާ އަދަނުގައެވެ. ޔަމަނުގެ އަސްލު ވެރިރަށަކީ ސަންއާއެވެ. އެރަށުގެ ކޮންޓްރޯލް އޮތީ ހޫސީންނަށެވެ. ސަންއާގައި ހޫސީން ގާއިމުކޮށްފައިވާ ވެރިކަން ބަލައިގަންނަ ހަމައެކަނި ދައުލަތަކީ އީރާނެވެ. އަދަނުގައި އޮންނަ ސަރުކާރަށް ވާގިވެރިވާ މައިގަޑު ބާރަކީ ސައޫދީއަރަބިޔާއެވެ.
ޔަމަނުގެ ހަގުރާމަ ކުއްލިއަކަށް ވަރުގަދަވީ ހޫސީންގެ ފައުޖުތައް ޔަމަނުގެ ހުޅަނގު ބިތުން ރެޑްސީގެ އައްސޭރީގައިވާ އަލްމުޚާ ބަނދަރާއި މަޔޫން ޖަޒީރާ ހިފުމުންނެވެ. މިއީ ބާބުލްމަންދިބުގެ އަނގަމަތީގައިވާ ތަންތަނެވެ. މިތަންތަނުގެ ކޮންޓްރޯލް ލިބިފައިވާ ބަޔަކަށް ބާބުލްމަންދިބުގެ ކޮންޓްރޯލްވެސް ލިބެއެވެ. ކޮންމެއަކަސް ހަގުރާމަ އެންމެ ގަދަޔަށް މިވަގުތު ހިގަމުންދަނީ މާރިބާއި ތައިޒް އަދި ޟާލިއުގައެވެ. މީގެތެރެއިން މާރިބަކީ ޔަމަނުގެ އިގްތިސާދީ ހަބެވެ. މި ހަބު އޮންނަނީ ވެރިރަށް ސަންއާޔާއި ދާދިގާތުން ޔަމަނުގެ މެދުތެރޭގައެވެ. ތައިޒު އޮންނަނީ ޔަމަނުގެ ހުޅަގު ދެކުނުގައެވެ. ޟާލިއުއަކީވެސް ޔަމަނުގެ ހުޅަނގުބިތުގައި އޮންނަ ޕްރޮވިންސެކެވެ. މިދެންނެވި ސަރަހައްދުތައް މިހާތަނަށް ކޮންޓްރޯލް ކުރަމުން އައީ ސައޫދީއަރަބިޔާގެ މަދަދުލިބޭ ޔަމަނުގެ އަސްލު ސަރުކާރުންނެވެ. މިތަންތަނުގައި ހޫސީން ކުރިއަރަން ފެށީމާ ސައޫދީން ވަނީ ވައިގެ މަގުން ހޫސީ ލަޝްކަރުތަކަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށަައިފައެވެ.
މި ހަމަލާތަކުގެ ރައްދުގައި ހޫސީންވަނީ ސައޫދީއަރަބިޔާގެ ތެލުގެ ސިނާއަތާ ގުޅުންހުރި ބައެއް ތަންތަނަށް ރޮކެޓާއި ޑްރޯނުން ހަމަލަދީފައެވެ. ނަތީޖާއެއްގެ ގޮތުން މިހަގުރާމަވެސް މިހާރުއޮތީ ޔަމަނުގެ ހަފޮޅުން ބޭރުވެ ސަރަހައްދީ ހަގުރާމައަކަށް ބަދަލުވެފައެވެ. ހަގުރާމަ ވަރުގަދަވުމުގެ ނަތީޖާއެއްގެ ގޮތުން ގެދޮރު ދޫކޮށް ރެފިއުޖީންގެ ގޮތުގައި ނުކުންނަ މީހުންގެ އަދަދު އަނެއްކާވެސް ބޮޑުތަނުން ވަނީ އިތުރުވެފައެވެ. ރެޑްސީ ހުރަސްކޮށް އެފްރިކާ ބައްރުގެ ޖިބޫތީއަށްވެސް އެތައްހާސް ބަޔަކު ހިގައްޖެއެވެ. ކުރިންވެސް ދާޚިލީ ހަގުރާމައިގެ ސަބަބުން ޔަމަނުގެ އެތައް މިލިޔަން ބަޔަކު ތިބީ ހާލުގައި ޖެހިފައެވެ. ކާބޯތަކެއްޗާއި ބޭހަށް ޖެހިފައެވެ. އެހާލަތު މިހާރުވަނީ އިތުރަށް ސީރިއަސް ވެފައެވެ. ހަގުރާމައަށް އަވަސް ނިމުމެއް ނުގެނެވިއްޖެނަމަ އެތައް މިލިޔަން ބަޔަކު ބަނޑަށްޖެހި ފަނާވެގެން ދިއުމުގެ ބިރު ބޮޑުކަމަށް ބައިނަލްއަގުވާމީ އެކި ޖަމާއަތްތަކުން ދަނީ ބުނަމުންނެވެ. ހާލަތު ގޯސްވެގެން މިދިޔައީ ހިސާބެއްގެ ހިމޭންކަމެއް ގާއިމުވެފައި އޮތުމަށްފަހުއެވެ.
ޔަމަނުގެ އިތުރު ސަރަހައްދުތައް ހިފުމާއި ބާބުލްމަންދިބު ބަންދުކުރުމާއި ސަރަހައްދީ ރޮގު ހުރަސްކޮށް ސައޫދީއަރަބިޔާއަށް ރޮކެޓް ހަމަލަދިނުންފަދަ ގޮތްގޮތުން ޔަމަނުގެ ހަގުރާމަ އިތުރަށް ފުޅާކުރުމަށް ހޫސީން ނިންމި ނިންމުމުގެ ފަހަތުގައިވާ ބޭނުންތަކަކީ ކޮބައިހެއްޔެވެ؟ ސައޫދީއަރަބިޔާގެ ތެލާއިބެހޭ ތަންތަނަށް ހަމަލަދިނުމުގެ ބޭނުމެއްކަމަށް ލަފާކުރެވެނީ ހޫސީން ބޭނުންވާ ގޮތަށް މަޝްވަރާގެ މޭޒަށް ސައޫދީއަރަބިޔާ ގެނައުމެވެ. ހޫސީން ކޮންޓްރޯލްކުރާ ސަރަހައްދުތަކާ ދެކޮޅަށް ސައޫދީން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލަން މަޖުބޫރު ކުރުމެވެ. ޔަމަނުގެ ވެރިކަމުގެ ހިއްސާއެއް ހޫސީންނަށްވެސް ލިބިގެންވާ ކަމަށް ސައޫދީން ލައްވައި ގަބޫލު ކުރުވުމެވެ. އަނެއް ބޭނުމަކީ މިވަގުތު ހޫސީން ކޮންޓްރޯލްކުރާ ސަރަހައްދުތަކަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް އިތުރު ސަރަހައްދުތަކާއި ވަސީލަތްތައް ލިބިގަތުމެވެ. ޔަމަނުގެ މާރިބާއި ހަޒުރަމައުތަކީ ގުދުރަތީ ވަސީލަތްތަކުން މުއްސަނދި ސަރަހައްދުތަކެވެ.
މިދެންނެވި ސަރަހައްދުތަކުގެ ކޮންޓްރޯލް ލިބިގަނެވުނީމާ ތެލުގެ ކޮންޓްރޯލްވެސް އެބަލިބެއެވެ. ހޫސީންގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި ފައިސާ ބޭނުންވާއިރު އާމްދަނީ އިތުރުކުރެވެންއޮތް މަގަކީވެސް އެއީއެވެ. އަނެއް ބޭނުމަކީ ބާބުލްމަންދިބުގެ ފުރިހަމަ ކޮންޓްރޯލް ނެގުމެވެ. ބާބުލްމަންދިބަކީ ރެޑްސީއަށް ވަދެނިކުމެވޭ ދޮރާއްޓެވެ. އެއީ ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއްކަނޑުއޮޅިއެވެ. ޔަމަނުގެ ހުޅަނގު ދެކުނުބިތުގެ އައްސޭރީގައިވާ އަލްމުޚާ ބަނދަރާއި މަޔޫން ޖަޒީރާ ހިފުމުގެ ބޭނުމަކީ ބާބުލްމަންދިބު ކޮންޓްރޯލް ކުރުމެވެ. އެތަން ކޮންޓްރޯލް ކުރެވުނީމާ ހޫސީން ބޭނުންވާ ކަންކަމަށް ދުނިޔެ އެއްބަސްކުރުވުން ދައްޗެއް ނުވާނެއެވެ. ހޫސީން ނުރުހޭ ގައުމުތަކުގެ އުޅަނދުތަކަށް ބާބުލްމަންދިބު ބަންދުކުރުމުގެ ބާރު ލިބުމަކީ ވަރަށްވެސް މުހިންމު ބާރަކަށް ވާނެއެވެ. ބާބުލްމަންދިބުގެ ފުރިހަމަ ކޮންޓްރޯލް ނެގުމަށް ހޫސީން ބޭނުންވާ އަދި ވަރަށް މުހިންމު އެހެން ސަބަބެއްވެސް އެބައޮތެވެ. ބަލައިލަމާހެއްޔެވެ.
ހޫސީންނަކީ އީރާނުގެ ތާއީދު ލިބިފައިވާ ބައެކެވެ. އީރާނު މިހާރުވެސް އެއޮތީ ހޮރުމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ނަގައިގެން އެ ކަނޑުއޮޅި ބަންދުކޮށްގެންނެވެ. އީރާނުގެ ބައިވެރިއެއްކަމަށްވާ ހޫސީންނަށް ބާބުލްމަންދިބުގެ ފުރިހަމަ ކޮންޓްރޯލް ލިބުނީމާ އަރަބި ޖަޒީރާގެ ދެއަރިމަތީގެ ކޮންޓްރޯލްވެސް އީރާނަށް ލިބުނީއެވެ. ގަލްފުގެ އިތުރުން ރަތްކަނޑުގެ ދަތުރުފަތުރަށްވެސް ބާރު ހިންގުމުގެ ފުރުސަތު ލިބުނީއެވެ. އެހެންވީމާ މިކަމަކީ މިވަގުތު އީރާނުގެ އިސްތިރާޖީ ބޭނުންތަކާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. ހޫސީންގެ ކުއްލި ކުރިއެރުމާއި އެ ކުރިއެރުންތަކުގެ އަމާޒު ފެނުނީމާ މިކަމުގައި އީރާނުގެ އަތެެއް އޮތްކަމަށް ގަބޫލު ކުރުމަށްވެސް ފުރުސަތު ލިބެއެވެ. އީރާނުގެ އިންގިލާބީ ގާޑުންގެ ފައުޖުތަކެއް ޔަމަނުގައި ނެތެވެ. އެކަމަކު އަސްކަރީ އެޑްވައިޒަރުން އެބަތިއްބެވެ. އަސްކަރީ އިންޖިނޭރުންވެސް އެބަތިއްބެވެ. އެކަން އެކިގޮތްގޮތުން ވަނީ ކަށަވަރުވެސް ވެފައެވެ. އެހެންވީމާ ޔަމަނުގައި މިހާރު އެހިގަނީ އީރާނާއި އެމެރިކާގެ ހަގުރާމައިގެ އައު ފިޔަވައްސެކެވެ.
އިމާދު ލަތީފު
މެދު އިރުމަތި
މެދު އިރުމަތި
މެދު އިރުމަތި
މެދު އިރުމަތި
ކޮމެންޓް