ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކޮށް، ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވެލް އެޖެންޓުން އަދި ޓުއަ އޮޕަރޭޓަރުން ފޯރުކޮށްދޭ ހިދުމަތުން އަންނަ މަހުން ފެށިގެން ޖީއެސްޓީ ނަގާ ގޮތަށް ގާނޫނަށެ ގެނައި ބަދަލުތަކާއެކު ނަގަންފަށާ ޓެކްސްތަކުގެ ސަބަބުން ރާއްޖެ ބަނގުރޫޓުވެދާނެކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނަށް ގެނައި މި އިސްލާހާ މެދު ހުރި ކަންބޮޑުވުންތަކާ އެކު ޔޫރަޕުގެ ބޮޑެތި ޓުއަ އޮޕަރޭޓަރުންނާއި ވިޔަފާރިވެރިންގެ ކޯލުތައް ލިބިވަޑައިގަންނަވާ ކަމަށެވެ.
ގާނޫނަށް ގެނައި އިސްލާހާއެކު އަންނަ މަހުން ފެށިގެން ބޭރުގެ ޓުއަ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނަގަން ފެށުމާ މެދު ޓުއަ އޮޕަރޭޓަރުން ވަނީ ކަންބޮޑޫވުންތައް ފާޅު ކޮށްފައެވެ.
މީގެ އިތުރުން، ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓް ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު މިހާރު ތަންފީޒު ކުރަން ފަށާފައިވާއިރު، އެ އިސްލާހާ މެދު ބައެއް ރިސޯޓު އިންވެސްޓަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަޝީދު ވިދާޅުވީ ޔޫރަޕުގެ ވިޔަފާރިވެރިންނާއި ޓުއަ އޮޕަރޭޓަރުންގެ އެއް ކަންބޮޑުވުމަކީ ޑޮލަރު އާމްދަނީގެ 40 ޕަސެންޓް ބޭންކަށް މާރުކުރަން ޖެހުމުން ދުވަހުގެ ހަރަދަށް ކަނޑާ، ލޯނުތައް ދެއްކުމަށް ފަހު ޑިވިޑެންޑަށް އެކަށީގެންވާ އަދަދެއް ބާކީ ނުހުންނާނެކަމުގެ ކަންބޮޑުވުން ކަމަށެވެ.
މީގެ އިތުރުން، ޔޫރަޕުގެ އެ ވިޔަފާރިތަކުން އެ މީހުންގެ ގައުމުގައިވެސް 20 ޕަސެންޓް ޖީއެސްޓީ ޓެކުހަށް ދައްކާ ކަމަށެވެ. އަދި އެ ވިޔަފާރިތަކުން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުންވެސް މީރާއަށް ޓީޖީއެސްޓީ ދައްކާ ކަމަށާއި، އޭގެ އިތުރަށް ރާއްޖޭގައި މަތިމައްޗަށް ހަމަ އެ ޓެކްސް ދެއްކުމަކީ ނުކުޅަދާނަކަމަކަށް ވުމުގެ ޝަކުވާތައް ވިޔަފާރިތަކުން އެ މަނިކުފާނާ ހިއްސާކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ކަންބޮޑުވުންތަކަށް ހައްލު ހޯދޭ ތަނެއް ނުފެނޭ. މިއީ ރާއްޖެ ބަނގުރޫޓުވުމުގެ ތުންފަތް މަތި،" ނަޝީދު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ކޮމެންޓް