ޑައިމޯފިން ޓްރެފިކް ކުރި މީހަކު 12 އަހަރާއި ފަސް މަހާއި 16 ދުވަހަށް ޖަލަށްލާން އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ހުކުމް ކުރީ، ސ. ފޭދޫ، ހެލެގެލި، މުހައްމަދު މިރުސާދުގެ މައްޗަށެވެ.

ދައުލަތުން އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާކުރީ، ދ. މީދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލުމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މީދޫ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާގެ ކޮޑުގައި އޮތް ދަބަހަކުން ޑައިމޯފިން ފެނިގެންނެވެ.

ދައުވާއަށް މިރުސާދު ފުރަތަމަ އިންކާރު ކުރި ނަމަވެސް ފަހުން ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ.

އެހެންވެ، ޑައިމޯފިން ޓްރެފިކް ކުރިކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، 12 އަހަރާއި ފަސް މަހާއި 16 ދުވަހަށް ޖަަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ.

އޭގެ އިތުރުން 50،000 ރުފިޔާއިން ޖޫރިމަނާކޮށް 12 މަސްދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑީވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށްވެސް އެ ހުކުމުގައި ވަނީ އަންގައިފައެވެ.