އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ މިއަދު ޗައިނާގެ ވެރިރަށް ބެއިޖިންގްއަށް ވަޑައިގެން، އެ ގައުމުގެ ހާރިޖީ ވަޒީރު ވާންގް ޔީ އާ ބައްދަލުކުރައްވައިފިއެވެ.

އީރާނުގެ ހާރިޖީ ވުޒާރާއިން ބުނި ގޮތުގައި، މި ދަތުރުގެ މައިގަނޑު މަގުސަދަކީ އިޒްރޭލުން ފަލަސްތީނާއި ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މީގެ އިތުރުން، އީރާނާއި ޗައިނާއާ ދެމެދު އޮންނަ އިގުތިސޯދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެ ވަޒީރުން މަޝްވަރާކުރައްވާނެކަމަށް އެ ވުޒާރާއިން ބުންޏެވެ.

ޗައިނާގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މެދުއިރުމަތީގެ މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް އެ ގައުމުން މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ. އަދި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް އީރާނާ ގުޅިގެން މަސައްކަތްކުރާނެ ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.

ޗައިނާއިން މީގެ ކުރިން ވަނީ އީރާނާއި ސައޫދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން އަލުން ގާއިމުކުރުމަށްވެސް މެދުވެރިއެއްގެ ދައުރު އަދާކޮށްފައެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އާ އެއްބަސްވުންތަކެއްގައި ސޮއިކުރާނެކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވީ ނަމަވެސް، ދެ ގައުމުގެ ރަސްމީ އެއްވެސް އިދާރާއަކުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަރަގްޗީގެ މި ދަތުރު ނިންމަވާލެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައެވެ.